އެމެރިކާގެ ފްލޮރިޑާގައި ކިނބުލަކަށް ބަނގުރާ ބޯންދީ އެ ކިނބޫ މަސްތު ކޮށްލަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފްލޮރިޑާގެ ގާނޫނު ބުނާގޮތުން ކަމަކާއި ނުލައި ކިނބޫ ހިފުމަކީ ކުށެއް ކަމުގައި ވާއިރު، 2 ފިރިހެނުން ވަނީ އެމީހުންގެ އަތުން ކިނބުލެއް ހިފާފައި މިކަން ކޮށްފައެވެ.

ފްލޮރިޑާގެ ކޯރެއް ކައިރީ އޮންނަ ހައިވޭ އެއް މަތީގައި އެ ކިނބޫ އޮތް ތަން 22 އަހަރުގެ އޮސްބޯން އަށާއި 27 އަހަރުގެ ޓިމޮތީ އަށް ފެނުމުން އެ މީހުން ވަނީ އެ ކިނބޫ ހިފައި އޭތީގެ އަނގަ ތެރެއަށް ބަނގުރާ އަޅަން މަސައްކަތް ކޮށްފައެވެ. މިކަން ކުރަން އުޅުމުގެ ތެރޭގައި އޮސްބޯންގެ އަތުގައި ކިނބޫ ދަތްވެސް އަޅާފައިވާކަމަށް ފްލޮރިޑާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މައްސަލާގައި ހައްޔަރު ކުރި ދެމީހުން

މިކަން ކުރަމުން މި ދެ މީޙުން މި މަންޒަރު ވީޑިއޯކޮށް، މީސް މީޑިއާގައި ވަނީ ހިއްސާވެސް ކޮށްފައެވެ. މިއާއި އެކު ފުލުހުންގެ ސަމާލުކަމަށް މިކަން އައުމުން އެ ދެމީހުން ވަނީ ހޯދައި ހައްޔަރުކޮށްފައެވެ. ނަމަވެސް، ފައިސާ ދެއްކުމުން އެ ދެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މިކަމާއި ގުޅިގެން އާއްމުން އަންނަނީ ކިނބުލެއް ހިފުމުން އެއީ ކުށްވެރިވާން ޖެހޭ ވަރުގެ ކަމެއްތޯ ސުވާލު އުފައްދާފައެވެ. އެމީޙުން ގަބޫލުކުރާ ގޮތުގައި އިންސާނުންނަށް ހަމަލާދޭން ފަސް ނުޖެހޭ އެއްޗެއް ހިފުމަކުން އެއީ މައްސަލަ އެއް ނޫނެވެ. އަނެއްބަޔަކު ބުނަމުން އަންނަނީ ޖަނަވާރުންނަށް އެހައި އިހާނެތިކޮށް ކަންތައް ކުރަން ނުޖެހޭ ކަމަށާއި އެ އެއްޗެއްސަކީ ރާ ބުއިން ފަދަ ބޭކާރު ކަންކަން ކުރާ އެއްޗެހި ނޫން ކަމަށެވެ.