ދަރިއަކު ހޯދައި މަޔަކަށްވާން ވަރަށް ބޭނުން ކަމަށާއި އެކަމާ ދޭތެރޭ މިހާރު ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

މީގެ ކުރިންވެސް ޕްރިޔަންކާ ދަރިއަކު ބޭނުންވާ ކަމަށާއި ގެ އެއް ގަންނަންވެސް ބޭނުންވާ ކަމަށް ބުންޏެވެ. އަދި މިހާރުވެސް އެކަމަށް ބަދަލެއް ނާންނަކަމަށް ބުނަމުން ޕރިޔަންކާ ބުނީ އެކަންކަން ހުރީ މުސްތަޤްބަލުގައި ކުރާގޮތައްކަމަށެވެ. އަދި މިހާރު ދަރިއަކު ވަރަށް ބޭނުންވާކަމަށްވެސް ބުންޏެވެ. 37 އަހަރުގެ ބަތަލާ ޕްރެސް ޓްރަސްޓް އޮފް އިންޑިިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ބުނީ ދަރިއަކު ހޯދުމަކީ މިހާރު އެންމެ ބޮޑަށް ތަޖުރިބާކުރަން ބޭނުންވާ ކަންތައް ކަމަށެވެ.

ފާއިތުވެދިޔަ 3 އަހަރު ބޮލީވުޑްގެ ފިލްމަކުން ޕްރިޔަންކާ ފެނިފައެއް ނުވެ އެވެ. އެންމެ ފަހުން ޕްރިޔަންކާ ބޮލީވުޑްގެ ފިލްމަކުން ފެނިފައިވަނީ 2015 ވަނަ އަހަރު ނެރުނު ފިލްމު “ބާޖިރާއޯ މަސްތާނީ” އިންނެވެ. ބޮލީވުޑް އިން ނުފެނުނުކަމުގައި ވިޔަސް ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު އޭނާ އުޅުނީ ހޮލީވުޑުގެ މަސައްކަތްތަކުގައި އަވަދި ނެތިއެވެ. ނަމަވެސް 3 އަހަރަށް ފަހު މި އަހަރު ބޮލީވުޑް ގެ ފިލްމު “ދަ ސްކައި އިޒް ޕިންކް” އިން މިއަހަރު ފެންނާނެއެވެ. މި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މިމަހު 11 ވަނަ ދުވަހުއެވެ.

ކައިވެންޏަށްފަހު ކޮންމެ މީހަކުވެސް ބޭނުންވާނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން، އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދެމީހުން އެއްކޮށް މިދަނީ ކުރަމުންކަމަށް ޕްރިޔަންކާ ބުންޏެވެ. ތަންކޮޅެއް ކުރިން ޕްރިޔަންކާ ބަނޑުބޮޑުވާހަކަ ވަނީ ފެތުރިފައެވެ. ނަމަވެސް ޕްރިޔަންކާ ވަނީ އެ ހަބަރު ދޮގުކޮށްފައެވެ. ޕްރިޔަންކާ ކައިވެނި ކޮށްފައިވަނީ މިދިޔަ ޑިސެމްބަރ މަހު ފުރަތަމަ ދުވަހު އެވެ.