އެމެރިކާގެ އަލަބާމާގެ އުމުރުން 18 އަހަރުގެ ޒުވާން ފިރިހެނަކު "ނުކުރާ ކުށަކަށް" 65 އަހަރަށް ޖަލަށް ލުމަށް ކޯޓުން ޙުކުމް ކޮށްފިއެވެ.

ލަކެއިތު ސްމިތު ކިޔާ ޒުވާނާ އަށް ބޮޑު ޖަލު ޙުކުމެއް އައީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އެޑޮނެޓް އާއި އެކު ވައްކަން ކުރަން އުޅެނިކޮށް ފުލުހަކު ދިން ހަމަލާއެއްގައި އެޑޮނެޓް މަރުވި މައްސަލަ އެއްގައެވެ. މީގެ އިތުރުން ވައްކަމާއި، ފޭރުމުގެ ދައުވާތަކެއް ވެސް އެނާގެ މައްޗަށް ސާބިތުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެރަހުމަތްތެރިން ވައްކަން ކުރަން އުޅެނިކޮށް ފުލުހުންނަށް އެމީހުން ފެނިގެން އެމީހުން ފަހައި ދުއްވައި ގަތެވެ. ފުލުހުންނަށް ފިލަން ނުދުވެ ހުއްޓެން ދިން އިންޒާރުތަކަށް ދެމީހުން ކުރެ އެކަކު ވެސް ތަބައެއް ނުވިއެވެ. އެހެންކަމުން ފުލުސް އޮފިސަރު ވަނީ ފިސްތޯލަ އިން އެޑޮނެޓް އަށް ހަމަލާ ދީފައެވެ. އޭނާ މަރުވީ އެހަމަލާގެ ސަބަބުންނެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އަލަބާމާގެ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ އެޑޮނެޓް މަރުވާން މެދުވެރިވީ ސްމިތު އޭނާ އާއި އެއްކޮށް ގޮސް ވައްކަން ކުރުމާއި ފުލުހުންނަށް ފިލަން ދެމީހުން ދުވުން ކަމަށެވެ. އެހެންކަމުން އެޑޮނެޓްގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ސްމިތު ކަމަށް ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވެއެވެ.

ސްމިތުގެ މައްޗަށް އިއްވި 65 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން 30 އަހަރުގެ ޙުކުމް އައީ މަރުގެ މައްސަލައިގައެވެ. 15 އަހަރުގެ ހުކުމް އައީ ފޭރުމުގެ މައްސަލައިގައެވެ. 10 އަހަރުގެ ހުކުމް އައީ ވައްކަން ކުރި މައްސަލައިގައެވެ.

މިހާދިސާ ހިނގީ 2015 ވަނަ އަހަރުއެވެ. އޭރު ސްމިތުގެ އުމުރަކީ 15 އަހަރެވެ.

ސްމިތުގެ ޤާނޫނީ ވަކީލު ވަނީ މިޙުކުމް ބަލައި ގަންނަން ދަތި ކަމަށް ބުނެ ޙުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.