ޒަހާގެ އުމުރުން 18 ފުރިއްޖެއެެވެ. އުޅެމުން އައީ އުފާވެރި އެހެން ނަމަވެސް، ދަތި ދިރިއުޅުމެކެވެ. ޒަހާއަކަށް ދުވަހަކުވެސް އޭނާގެ މަންމައެއް ނުފެނެއެވެ. މަންމަ ހޯދާކަށްވެސް އޭނާ ނޫޅެއެވެ. އެންމެ ކުޑައިރުން ފެށިގެން އޭނާ އުޅެމުން އައީ މާމަ ކައިރީގައެވެ. ޖިފުޓިގަނޑެއް ކަހަަލަ ގެއެއްގައެވެ. ބައްޕަގެ ލޯތްބާއި އަޅާލުމެއް ނުލިބެއެވެ. ބައްޕަ އުޅެމުން ދަނީ، ދޮން މަންމައާއެކު އެހެން ގެއެއްގައެވެ. ޒަހާ އުޅެމުން އޭނާގެ މާމައާއެކު އެވެ.

އެ ޖިފުޓިގަނޑުގައި ދެމައިން ދިރިއުޅެމުން އަންނަތާ އެތައް އަހަރެއް ވެގެންދިޔައިރު، ބައްޕަގެ ފަރާތުން އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެ. ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ނަަމަވެސް، ބައްޕަ އޭނާއަށް ދުވަހަކު އެއްވެސް އެއްޗެއް ދީފައެއް ނުވެއެވެ. ވާހަކަދައްކާފައެއް ވެސް ނުވެއެވެ. އޭނާއަށް ހުރިހާ ކަމެއް، ކޮށްދެމުން ދަނީ މާމައެވެ.

މާމަ މަސައްކަތްކޮށްގެން ހޯދަމުން އަންނަ ފައިސާއިން ޒަހާއަށް ބޭނުންވާ އެއްޗެހި ގަނެދީހަދާއިރު، ޒަހާ، މަންމާ އޭ ކިޔާފައި ގޮވަނީ، އެ މާމައަށެވެ. ޒަހާ ފެންނަން ހުންނަ ނަމަ އެ މާމަ މޫނު މަތިން ދުވަހަކުވެސްް ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.

އަލްހަމްދުﷲ އެވެ. އެ މާމަ ޒަހާ ތަރުބިއްޔަތުކޮށް ބަލާބޮޑުކޮށްފައި ހުރީ ވަރަށް ރަނގަޅަށެވެ. ޒަހާއާ ދިމާއަށް ދުވަހަކުވެސް ބާރަށް ބަހެއް ނުބުނެއެވެ. މާމާގެ އެ އޯގާތެރިކަމާއި، އަޅާލުމަށް އަބަދުވެސް ޝުކުރުވެރިވާނެއެވެ.

ޒަހާއަށް ދުވަހަކުވެސް އޭނާގެ މަންމައެއް ނެތް ކަމުގެ އިހުސާސެއްް ނުކުރެވެއެވެ.

މިގޮތަށް ދުވަސްތައް ގުނަމުން ދަނިކޮށް، މާމަ ކުއްލިގޮތަކަށް ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އޭރު ޒަހާގެ އުމުރަކީ 16 އަހަރެވެ. މާމައަށް އަޅާލައި ހުރިހާ ޒިންމާއެއް ކޮނޑުއަޅައިގެން މާމައަށްޓަކައި ޒަހާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލާފައި، މާމައާއެކު ދަތުރު ފަށައިގަތެވެ.

އެއީ ޒަހާ ވިހެއީއްސުރެ ޒަހާގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލައިގެން އުޅެމުން އައީ އެ މާމަ ކަމަށްވާތީއެވެ. މާމަ ބަލިވީއްސުރެ ހުރިހާ ކަމެއް ކުރަމުން ދަނީ ޒަހާއެވެ. ވަޒީފާއަށް ދަމުން މާމައަށް ކާން ދީ ބޯން ދީ، ފެންވަރުވާ ދީ ބޭސްދީ ހަދައެވެ.

މާމަ ބަލިވުމުންވެސް އެގެއަށް ޒަހާގެ ބައްޕަ ނާދެއެވެ. ފަރުވާލެއް ނެތެެވެ. އެ މާމަގެ ހުރިހާ ކަމެއް ޒަހާއަށް ފުރިހަމަކޮށްދިނެވެ.

އެއް ރެެެއެއްގެ ދަންވަރެވެ. ޒަހާއަށް ހޭލެވުނީ، މާމަ ވަރަށް ބޮޑަށް ކެއްސާ އަޑަށެވެ. ހޭލެވުނު ގޮތަށް ޒަހާ މާމަ ގާތަށް ގޮސް ފެން ފޮދެއް ދިނެވެ. އަދި ކިހިނެއް ވީތޯ ސުވާލު ކުރިއެވެ.

މާމަ މަޑުމަޑުން ގޮވާލިއެވެ "ދަރިފުޅާ.... ވަގުތު ޖެހިއްޖެ... އަހަރެން ދެން މާ ގިނަ ދުވަހަކު މި ދުނިޔޭގައި ނުހުންނާނެ.... ދަރިފުޅަށް އިނގެން ޖެހޭ ވަރަށް މުހިންމު ވާހަކައެއް އެބަ އޮތް.... އަހަރެން މަރުވުމުގެ ކުރިން ދަރިފުޅަށް މި ވާހަކަ ކިޔާދިނުމަކީ އަހަރެންގެ ޒިންމާއެއް..."

ޒަހާއަށް މާމަ ކިޔާ އެއްޗެއް ނުވިސްނުނެވެ.

"މަންމާ... ކީކޭ ތި ކިޔަނީ.. ކަންކަމާއި މާބޮޑަށް ނުވިސްނާ ނިދޭތޯ ބަލާބަ.... ބަނޑުހައި ވޭތަ؟ ކާއެއްޗެއް ހަދައިގެން ގެންނަންތަ؟"

"ނޫން ދަރިފުޅާ އަހަރެން ދައްކާ އަޑު އަހާ....."

"ދަރިފުޅުގެ މަންމަ މި ދުނިޔޭގައި އެބަހުރި.. އެއީ ވަރަށް ރަނގަޅު މީހެއް.... ދަރިފުޅުގެ މަންމައަކީ މިރަށު ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ މީހެއް.... އެ މަންމަ އާ ބައްދަލު ކުރާތި... އެ މަންމަ އަބަދުވެސް ތި ދަރިފުޅަށް އިންތިޒާރު ކުރާނެ... އެ މަންމައާ ތި ދަރިފުޅާއި ދުރުކުރުވީ..... އެ މަންމައަށް ދަރިފުޅު ބެލެހެއްޓޭނެ ފަދަ ހާލަތެއް ނެތުމުން.... އެ މަންމައަށް ދަރިފުޅު ލިބުނީ އުމުރުން 12 އަހަރުގައި.. އެއީ ދަރިފުޅުގެ ބައްބަގެ ގޮތްކުޑަކަމުން.."

މާމަގެ ވާހަަކަތައް އަޑު އަހާފައި ޒަހާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. މާމަ އަނެއްކާވެސް އެ ވާހަކަތައް ކިޔާދޭން ފެށިއެވެ.

"އަހަރެންގެ އެ ގޮތްކުޑަ ފިރިހެން ދަރިފުޅު، އެ މައުސޫމް ކުއްޖާގެ އިއްފަތްތެރިކަން ފޭރިގަތީ އުމުރުން 12 އަހަރުގައި... އެ ހާދިސާއަށްފަހު އަހަރެންގެ ދަރިފުޅު ރަށަށް ބަދުނާމު ވެދާނެތީ ދިޔައީ، ރަށުން ބޭރަށް... ރަށަށް އެނބުރި އައީވެސް ތި ދަރިފުޅަށް 10 އަހަރުވީފަހުން.... އެހެން މީހަކާއި އިނދެގެން ދަރިންވެސް ލިބުނު ފަހުން...."

"ތި ދަރިފުޅުގެ ހުރިހާ ކަމަކާއި މާމަ ހަވާލުވީ... ދަރިފުޅުގެ ނިކަމެތި މަންމައަށް އެކަން ކުރެވޭނެ ގާބިލުކަން ނެތީމަ..."

"ދަރިފުޅާ މަންމަ އާއި ބައްދަލު ކުރާތި... މިރަށު ޗިޗަންޑާ ގޭގައި ދަރިފުޅުގެ މަންމަ ހުންނާނެ... މަންމަގެ ނަމަކީ އާފިއާ..."

މި ވާހަކަތައް އިވިފައި ޒަހާ ހުރި ގަބުވެފައެވެ. ޒަހާއަށް ގޮތްހުސްވިކަހަލައެވެ. އެހެން ނަމަވެސް އެ މަންމަ އާ ބައްދަލުކޮށްލަން އޭނާ ވެސް ބޭނުންވިއެވެ.

"މަންމާ ދެން ނިދާލާ... އިރާދަކުރެއްވިއްޔާ މަންމަ އާ ބައްދަލު ކުރާނަން...."

މާމަ ދެއްކި ވާހަކަތަަކާއި ވިސްނަން ޒަހާ އޮއްވާ ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. ޒަހާ ވުޟޫކޮށްގެން އައިސް މާމައަށް ގޮވީ ނަމާދު ކުރުމަށެވެ.

އޭރު މާމަ ވަނީ ފަނާވަނިވި މި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ޒަހާއަށް ހުރެވުނު ތަންވެސް ނޭގުނެވެ. މަޖުބޫރީ ހާލަތަުގައި ބާރު ބާރަށް ދުވެފައި ގޮސް ފުރަތަމަ ފަހަރަށް ބައްޕަގެ ގެއަށް ދިޔައެވެ. އަދި މާމަ ނިޔާވި ހަބަރު ދިނެވެ.

އެއީ ޒަހާއާއި އޭނާގެ ބައްްޕަ ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. މަގުމަތިން ފެނުނު ނަމަވެސް، ދުވަހަކު ވާހަކައެއް ނުދައްކައެވެ.

މާމަގެ ކަށުކަމާކެމީގެ ކަންތައް ނިންމާލިއެވެ. ބައްޕަ އެދުނީ އެގެއަށް ދިރިއުޅުން ބަދަލު ކުރުމަށެވެ. ނަމަވެސް ޒަހާ ބޭނުންވީ މާމަގެ ގޭގައި ހުންނާށެވެ.

މާމަގެ މަރަށް ހަފްތާއެއް ވި ފަހުން، މާމަ ބުނި ގެއަށް ދާން ނިންމީ، އޭނާގެ މަންމަ ދެކިލުމަަށެވެ.

އެ ދުވަހުގެ ހެނދުނު އަވަށްޓެރިން ކައިރިން މައުލޫމާތު ހޯދައިގެން އެގެއަށް އޭނާ ދިޔައެވެ. ދިޔައިރު، އެގޭ ޖޯލިފަތީގައި އިން އަންހެނެއް ވަގުތުން ޒަހާ އޭ ކިޔާފައި ގޮވާލިއެވެ.

"އެއީ އަނެއްކާ އަހަރެންގެ މަންމަ ބާ؟" ޒަހާ ހިތަށް އެރިއެވެ.

އަހަރެން މަޑުމަޑުން ގޮސް އެ މީހާ ކައިރީ އިށީނީމެވެ. އޭނާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

"މާމަ ހުރިހާ ވާހަކައެއް ކިޔާދީފި ދޯ.... އަހަރެން އަބަދުވެސް ދަރިފުޅުގެ ކަންކަން ވަރަށް ގާތުން ބަލަން.... އަހަންނަށް މައާފް ކުރާތި... އަހަރެންގެ ދަރިފުޅު.... އެ މާމައާ ހަވާލު ކުރަން ޖެހުނީ މަޖުބޫރުވެގެން...."

މަންމަގެ ލޮލުން އޭރު ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދެއެެވެ. ބައްޕަގެ ނުލަފާ ވާހަކަތައް މަންމަ ކިޔާދެމުން ދިޔައިރު، ޒަހާއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަ މިއަދު ކައިވެންޏެއް ކޮށް ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރަމުން އެބަ ދެއެވެ.

މަންމަ ހުރިހާ ވާހަކައެއް ކިޔާދިނެވެ. މަންމަގެ ހިތްވަރުގަދަކަމަށް ޒަހާ ސާބަސް ދިނެވެ. އަދި ޒަހާގެ އެހީތެރިކަން އަބަދުވެސް އެ މަންމައަށް ލިބޭނެކަމަށް ބުންޏެވެ.

ޒަހާގެ އުމުރުން 18 އަހަރު ފުރުނީ އެ މަންމަގެ އުނގުމަތީ ބޯ އަޅާލަން ފުރުސަތެއް ނުލިބިއެވެ. މިހާރު އޭނާއަށް އެ ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. މާމަ ނެތް މި ދުނިޔޭގައި އަޅާލާނެ އިތުރު ބާރެއް ލިބުމުން، އޭނާއަށް އިތުރު ހިއްވަރެއް ލިބެއެވެ.

އެ މާމައަކީ ޒަހާގެ މަންމައެވެ. އެ މާމަގެ ހަނދާންތައް ޒަހާގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

....ނިމުނީ....

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟި

    މި ހަގީގަތެއްތަ

    25
  2. ޓަކަބެ

    ވެދާނެހަގީގަތަކަށްވެސް މިހާރުމިއުޅެނީ ވަރަށް ތަފާތުމައިން ބަފައިން ވިހާފަ ދަރިވެސް އެއްލާލަނީއެއްނު ދޯ ހާދަދެރައޭ ކީކުރާނީ ދޯ ނިއީގައުމުގެ ހާލަތު

    18
    1
  3. އިޝާމް

    އަހަރެންގެ މަންމަ އަރެންނަ ފެނުނީ އުމުރުން 25 އަހަރުގަ ތިވާހަކާގަ ތިވަނީ ހަމަ އަހަރެން ގެ ދިރިއުޅުން ???

    3
    2
  4. ހުސްނޫނު

    އެއް ރަށެއްގަ މަންމަ ނުފެނި 18 އަނހަރު... މީ ހަމަ ބޮޑު ބުހުތާނު ދޮގެއް..

    3
    3
  5. ފާތުން

    ގަބޫލުކުރަން ދަތި