އެކަކު އަނެކަކާ އަޅާކިޔުމަކީ އާއްމު ކަމެކެވެ. ދަރިންގެ މެދުގަޔާއި އާއިލާގެ މެންބަރުންގެ މެދުގައި އަދި ރަހުމަތްތެރިންގެ މެދުގައިވެސް މިއީ އާއްމު ކަމެކެވެ. އެކަކު ކުރާ ގޯސްކަމަކާއި އަނެކަކު ރަނގަޅަށް ކުރާކަމެއްގެ ވާހަކަ ދެއްކުމަކީ އާއްމު ކަމެކެވެ. މިއީ ރަނގަޅު ކަމެއް ނޫންކަން، ކުޑަކޮށް ވިސްނާލުމުންވެސް އެނގޭއިރު، މިއީ ނުރަނގަޅު ކަމަކަށް ނުވަތަ، ކުރުން އެހާ އެދެވިގެންނުވާ ކަމަކަށްވަނީ ކީއްވެ ހެއްޔެވެ؟

އެންމެ ފުރަތަމަ ކަމަކަށް ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އަތުގެ ފަސް އިނގިލި ތަފާތުވާނޭ ބުނާ ބީދައިންނެވެ. ކޮންމެ މީހަކުވެސް ކަންކަން ކުރުމުގައި ގެންގުޅޭ ގޮތްތަކާއި އުކުޅުތައްވެސް ތަފާތުވާނެއެވެ. އެހެންކަމުން، ކަންކަމުގައި އަޅާކިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އިސްވެ ބުނެވުނު ގޮތަށް ކޮންމެ މީހަކީވެސް ވަކި ދިރިއުޅުމެއް އުޅެމުންދާ އަމިއްލަ، މިނިވަން ގޮތްތަކެއް ގެންގުޅޭ މީހަކަށް ވާތީއެވެ.

ހަމައެހެންމެ، މިކަން ކުރުން ނުރަނގަޅު އަނެއް ސަބަބަކީ މިކަމުގެ ސަބަބުން އެނަކާއާ މެދު ތިމާގެ ހިތުގައި ޙަސަދައިގެ ހުޅު ރޯވާން ދިމާވުމެވެ. ހަސަދަވެރިވުމަކީ ދީނުގައިވެސް ނަހީކުރައްވާ، އެކަމުން ދުރުވެގަތުމަށް އަންގަވާފައިވާ ކަމަކަމަށްވާއިރު، މިކަމުން ދުރުވުމަށް އަދި މީހުން ދުރުކުރުވުމަށް އަޅާ ކިޔުން ދޫކޮށްލަން ވެއްޖެއެވެ. ހަސަދަވެރިވުމަކީ އެކަމުގެ ސަބަބުން ހީވެސްނުކުރާފަދަ ނަތީޖާތައް ނިކުންނަ ކަމެއްވެސްމެއެވެ.

އެކަކު އަނެކަކާ ދެމެދު އަޅާކިޔަން ފަށައިފިނަމަ، މިއީ ދުވަހަކު ކޮޅުން ހުއްޓޭނޭ ކަމެއްވެސް ނޫނެވެ. އެއް ވާހަކައިން އަނެއް ވާހަކައިން، އެއް ކަމަކުން އަނެއް ކަމަކަށް ދެމީހުންގެ މެދުގައި ތަފާތުކުރުން ދިގުލައިގެންދާނެއެވެ. އަޅާކިޔުމުގައި އުޅޭ މީހުންނަށް އަޅާ ކިޔާނޭ ލައްކަ ސަބަބުވެސް ފެންނާނެއެވެ.

މިކަމުން ދުރުވުމަށް އަދި، ބަޔަކު ތިމާއާއި އެހެން މީހަކާ ދެމެދު އަޅާކިޔާނަމަވެސް އަމިއްލައަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ފުރަތަމަ ކަމެއްގެ ގޮތުން ތިމާގެ އަމިއްލަ އަމާޒުތަކެއް ނުވަތަ ލަނޑުދަނޑުތަކެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެކެވެ. އޭރުން ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، ތިމާގެ މަސައްކަތްދަނީ ރޭވުމަކާ އެއްގޮތަށްކަން އެނގި، ކުރާ މަސައްކަތާއި ހިތްވަރާމެދު މާޔޫސްވާނޭ ޖާގައެއް ނުލިބޭނެއެވެ.

ހަމައެހެންމެ، ހިތްވަރާއެކު ކަންކަމާ ކުރިމަތިލައިގެން، އަމިއްލަ މީހާއަކީވެސް އެންމެ ފުރިހަމަ މީހާ ނޫންކަން ދަނެގެން ކުރިއަށް ދާން ޖެހެއެވެ. ކޮންމެ ދުވަހަކީވެސް އައު ދުވަހެއްކަން ދަނެ، އައު ހިތްވަރާއެކު މަސައްކަތްކުރަން ޖެހެއެވެ. ކާމިޔާބަކީ ބުރަ މަސައްކަތްތެރިންގެ ޙައްޤެކެވެ.