އޮސްޓްރޭލިއާއަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ، "ސިއާ" އަށް ވޭންދެނިވި ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަން އޭނާ ހާމަކޮށްފިއެވެ.

އަމިއްލަ އޮފިޝަލް ޓްވީޓާ އެކައުންޓުން ސިއާ ކުރި ޓްވީޓެއްގައި މިކަން ހާމަކޮށް އޭނާ ބުނެފައިވަނީ، އޭނާއަށް ނާރުގެ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ގަދަވޭނުގައި އުޅެމުންދާ ކަމަށެވެ.

ސިއާ ބުނެފައިވާ ގޮތުގައި އޭނާއަށް ޖެހިފައި ވަނީ އެލާސް-ޑެންލޮސް ސިންޓްރޮލް (އީޑީއެސް) ނަމަކަށްކިޔާ ބައްޔެއް ކަމަށެވެ. މިއީ ހަށިގަނޑުގެ ކަށިގަނޑާއި މަސްގަނޑު ގުޅުވައިދިނުމުގައި މެދުވެރިވާ ޓިޝޫތަކުގެ ބާރު ކަނޑުވާލައި ދެރަވަރުކޮށްލާ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަލި ބޮޑުވާ ވަގުތުތަކުގައި، އެ ބައްޔެއް ޖެހިފައިވާ މީހާއަށް ބޮޑެތި ވޭންތައް ތަޙައްމަލްކުރަން ޖެހެއެވެ.

އީޑީއެސްގެ ވޭން އޭނާ ތަޙައްމަލް ކުރަމުންދާކަން ސިއާ ހާމަކޮށްފައި ވީނަމަވެސް އޭނާ އެކަމާއި ގުޅޭގޮތުން މާގިނަ ވާހަކަތަކެއް އަދި ދައްކާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާއީދުކުރާ އެތައް ހާސް ފޭނުން ވަނީ ކަންބޮޑުވެފައެވެ. ނަމަވެސް ސިއާ ބުނެފައިވަނީ އޭނާ އަދި ހުރީ ފޭނުންނާއި އެކު ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްސް ލައިބްރަރީ އޮފް މެޑިސިން އިން 2017 ވަނަ އަހަރު ބުނެފައިވާގޮތުގައި އީޑީއެސްގެ 13 ވައްތަރެއް މިހާތަނަށް ވަނީ އިންސާނުންގެ ގައިން ފެނިފައެވެ. މީގެ ތެރޭގައި ފުރާނައަށް ނުރައްކާ ކުރާ ވައްތަރުތައްވެސް ހިމެނޭއިރު، މިއިން ބައެއް ހާލަތުތައް މެދުވެރިވުމުން އެއްވެސް ފަރުވާއެއް ނެތި ސިއްޙީ އެތައް މައްސަލައަކާއި ކުރިމަތި ކުރުވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

އީޑީއެސް އަކީ ދުނިޔެއިން ވަރަށް މަދުން ފެންނަ ބައްޔެކެވެ. އެގޮތުން ބަލި ޖެހެނީ ކޮންމެ 5000 މީހެއްގެ ތެރެއިން އެކަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަނު

    5000 މީހެއްގެ ތެރެއިން އެކަކަސް ބަލި ޖެހުމަކީ މަދުވުމެއް ނޫން.

    30
  2. ލޮލް

    ސިންޓްރޮލް އެއްނޫން، ސިންޑްރަމް. ނާރުތަކަކަށް ނޫން ޖެހެނީ، މަސްތަކަށް.

  3. ޙަދޫ

    ވަރަށް ދެރަ ވެއްޖެ?އައި އޭމް އަ ބިގް ފޭން އޮފް ޔޫ??