އިނގިރޭސިވިލާތުގެ ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކު ކޮމޮންވެލްތް ގޭމްސްގެ ތެރެއިން ކޯޓު މަތިން އޭނާގެ ލޯބިވެރިޔާ، ކައިރީގައި އިންނަން އަހައި އެންގޭޖްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެންމީހާ ކައިވެނި ކުރުމަށް އަހާފައި ވަނީ އެޤައުމުގެ ޤައުމީ އަންހެން ބާކެޓް ޓިމުގެ ކުޅުންތެރިއެއްގެ ގާތުގައެވެ.

ކޮމޮންވެލްތް ގޭމްސްގައި ބައިވެރިވަމުންދާ އިނގިރޭސިވިލާތުގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އެ ދެ ކުޅުންތެރިންނަކީ ޖަމެލް އެންޑާރސަން އާއި އޭނާގެ ލޯބިވެރިޔާ ޖޯޖިއާ ޖޯންސްއެވެ.

އިނގިރޭސިވިލާތުގެ ފިރިހެން ޓީމުން ކެމަރޫންގެ މައްޗަށް ކުރިހޯދި މެޗަށްފަހު ކޯޓު މަތީގައި ހުރިހާ ކުޅުންތެރިން އެއްވެގެން އެ ކާމިޔާބީ ފާހަގަކުރިއިރު ޖޯޖިއާ ހުރީ ކޯޓުން ބޭރުގައި ބަލަންށެވެ.

އަދި ހުރިހާ ކުޅުންތެރިން އެއްވުމަށްފަހު ދުރުވެގަތްއިރު އޭނާގެ ލޯބިވެރިޔާ ޖަމެލް އެންޑާރސަން އިނީ އެއްފައި މަތީގައި އެންގޭޖްމެންޓް އަނގޮޓިއެއް ދިއްކޮށްގެންނެވެ. ޖޯޖިއާ ބުނީ އެއްވެސް އިރެއްގައި އޭނާއަށް އެފަދަ ކަމެއް ކުރަން އުޅޭކަން ޝައްކުވެސް ނުވާކަމަށެވެ.

އެންގޭޖުވި ދެ ކުޅުންތެރިން

އެ އެންގޭޖްމެންޓަށް ޖޯޖިއާ އާނއެކޭ ބުނިއިރު ޖަމެލް ވަނީ ބާސްކެޓްބޯޅައަކީ އެ ދެ މީހުންގެ ގުޅުމުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކޮށްދީފައިވާ އެއްޗެއްކަމަށާއި އެހެންވުމުން ކޯޓު މަތިން އިންނަން އަހަން ނިންމިކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ ފިރިހެން ޓީމުން ކެމަރޫންގެ މައްޗަށް ކުރިހޯދިއިރު އިނގިރޭސިވިލާތުގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ މޮޒެމްބީކްގެ މައްޗަށް ކުރިހޯދައިފައެވެ. ޖަމެލް އަދި ޖޯޖިއާގެ އެންގޭޖްމެންޓަށް އެތައް ބަޔަކު ސޯޝަލް މީޑިޔާގައި ތަހުނިޔާ ކިޔައިފައިވާއިރު އެއީ ހަމަ ގައިމުވެސް ބާސްކެޓް ކޯޓެއް މަތިން ފެނިގެންދިޔަ އެންމެ އާދަޔާޙިލާފް އަދި އުފާކުރުވާނޭ އެއް މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު