ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ތަރި ކަމުގައިވާ ސަލްމާން ޚާންގެ މުމްބާއީގައި ހުންނަ ގޭދޮށުގައި މުޒާހަރާ ކުރަމުން ދާތީ، އޭނާގެ ގޭގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފިއެވެ.

އެ ގޭ ދޮށުގައި ގިނަ ބަޔަކު މުޒާހަރާ ކުރަމުން ދަނީ، މިހާރު ދައްކަމުންދާ ބިގްބޮސް 13ގައި އިންޑިއާގެ ސަގާފަތަށް ހުތުރުވާ ފަދަ ކޮންސެޕްޓެއް ދައްކަމުން ދާކަމަށް ބުނެ، އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ. އެ ކޮންސެޕްޓުގައި ޓީވީން ދުރަށް ދައްކަން ނުޖެހޭ މަަންޒަރުތައް ހުންނަ ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުން ދެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ގޭ ދޮށުގައި ގިނަބަޔަކު މުޒާހަރާ ކުރަމުން އަންނައިރު، ފުލުހުން ވަނީ އެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ހައްޔަރުވެސް ކޮށްފައެެވެ.

"ފުލުހުން އެ ސަރަހައްދުން ބަޔަކު ވަނީ ހައްޔަރުކޮށްފައި. ސަލްމާންގެ ގޭގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައި"، ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ މީހުން ބޭނުން ވަނީ ބިގް ބޮސް ހުއްޓުވުމަށް ކަމަށެވެ. އެއީ ސަލްމާން ހޯސްޓް ކުރަމުން އަންނަ ޝޯވއެކެވެ. ގިނަ ބަޔަކަށް ކަމު ނުދަނީ އެ ޝޯވއަށް ގެނައި އާ ކޮންސެޕްޓެވެ.

އެ ކޮންސެޕްޓަކީ "އެއްދާން" ކުރުމަށް ހިތްވަރުދޭ ކޮންސެޕްޓެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ

މިހާރު އެ ސަރަހައްދުގެ ހާލަތު ރަނގަޅުވެފައިވާކަަށް ފުލުހުން ވަނީ ބުނެފައެވެ..