ފޭސްބުކް ބޭނުންކުރަމުން އައި އާންމު އެތައް ބަޔެއްގެ މައުލޫމާތު އިނގިރޭސިވިލާތުގެ ކުންފުނި ކެމްބްރިޖް އެނަލިޓިކާއިން ވަގަށްނަގާފައިވާކަން ފަޅާއަރުވާލި ކްރިސްޓޮފާރ ވައިލީ ބުނާގޮތުގައި އެ މައުލޫމާތު ފޮރުވާފައި ހުރީ ރަޝިޔާގައެވެ.

87 މިލިއަނެއްހައި މީހުންގެ މައުލޫމާތު ފޭސްބުކް މެދުވެރިކޮށް ވަގަށްނެގިކަމަށް ބެލެވިފައިވާއިރު ވައިލީ ބުނާގޮތުގައި އެ އަދަދު އެޔަށްވުރެ އިތުރުވުމަކީ ވަރަށް ގާތް ކަމެކެވެ. ވައިލީ ބުނާގޮތުގައި އޭނާގެ އެހީތެރިކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ އެދިފައެވެ. އަދި މިވަގުތު އޭނާ ހުރީ އެ ފަރާތްތަކާއިއެކު މަސައްކަތްކުރުމަށް ތައްޔާރަށެވެ.

ކެމްބްރިޖް އެނަލިޓިކާގައި ކުރިން މަސައްކަތްކުރި ކްރިސްޓޮފާ ވައިލީ ބުނާގޮތުގައި އެ ވަގަށްނަގާފައިވާ މައުލޫމާތު ރަޝިޔާގެ އިތުރުން ދުނިޔޭގެ އެހެން އެތައް ތަނެއްގައިވެސް ފޮރުވާފައި ހުރެދާނެއެވެ. އެހެންނަމަވެސް ރަޝިޔާގައި އެ މައުލޫމާތު ފޮރުވާފައިހުރިކަމަށް އެންމެ ބޮޑަށް ބެލެވެނީ މީހުންގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރި ޕްރޮގްރާމް އުފެއްދި ޕްރޮފެސަރު އެތައް ފަހަރެއްގެ މަތިން ރަޝިޔާއާއި އިނގިރޭސިވިލާތާއި ދެމެދުގައި ދަތުރުކޮށްފައިވާތީއެވެ.

ވައިލީ ބުނާގޮތުގައި އެ މައުލޫމާތު ގެއްލުމުގެ ސަބަބުން ފޭސްބުކްއިން މިހާރު ފިޔަވަޅުތަކެއް އަޅަންފަށާއިފައި ވީނަމަވެސް އެ މައުލޫމާތު އެތައް ފަހަރެއްގެ މަތިން ކޮޕީ ކުރެވިދާނެއެވެ. އަދި ފޭސްބުކްއިން ކިތަންމެ ވަރަކަށް އެ މައުލޫމާތު ދިޔަތަނެއް ހޯދަން އުޅުނަސް އެ މައުލޫމާތު މުޅިން ޑިލީޓްކުރެވިފައިވާކަމެއް ދުވަހަކުވެސް ޔަގީނެއްނުކޮށްދެވޭނެއެވެ.

އަދި އޭނާ އެ ހުރިހާކަމެއް ފަޅާއަރުވަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީވެސް އެކަމަށް މީހުންގެ ސަމާލުކަން ގެނުވުމަށްކަމަށް ވައިލީ ވަނީ ބުނެފައެވެ.

ފޭސްބުކް މެދުވެރިކޮށް މައުލޫމާތު އެއްކުރި ޕްރޮގްރާމް އުފެއްދި ޕްރޮފެސަރު އެލެކްސެންޑާރ ކޯގަން ވަނީ އެ ޕްރޮގްރާމްއިން ލިބުނު ހުރިހާ މައުލޫމާތެއް ކެމްބްރިޖް އެނަލިޓިކާއަށް ވިއްކާލައިފައެވެ. އަދި އެ މައުލޫމާތު ފަހުން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު 2016 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްއަށް ކާމިޔާބުކޮށްދިނުމުގައި ބޭނުންކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    އެކަމަކު އެމަޢުލޫމާތު ނެގީ އިގިރޭސިވިލާތުގެ ސަރުކާރަށް ނިސްބަތްވާ ކުންފުންޏަކުން. މީދެން ބޮޑުއަރަތެއްނު.