މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ގެންދާ ދުވަސްކޮޅެވެ. އެންމެ އުތުރުން ފަށައިގެން އެންމެ ދެކުނާއި ހަމައަށް ހުރިހާ ރަށެއްގައިހެން ފެންބޮޑުވަމުން ދާއިރު، ވެރިރަށް މާލޭގައިވެސް އާދައިގެ މަތިން އޮތީ ހަމަ ފެން ބޮޑުވެފައެވެ.

މިގޮތަށް ފެންގަނޑުގަނޑު މަގުމަތީގައި ހަރުލާފައި ހުންނައިރު އެއްގަމު އުޅަނދު ތަކުގައި އުޅޭ ބައެއް މީހުންގެ ސަބަބުން ހިނގާފައި އުޅޭ އާއްމު ރައްޔިތުންނަށް އެކަމުގެ އުދަނގޫތައް ކުރިމަތިވަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް މިދަނީ ލިބެމުންނެވެ.

ގިނަ ފަހަރަށް ކާރު ސައިކަލުން ދާ މީހުން ކިތަންމެ ވިއްސާރަކޮށް ފެންހެދިފައި އޮތަސް ދާނީ ވަރަށް ބާރު ސްޕީޑުގައި ދުއްވާފައެވެ. މަގުމަތީގައި ހިނގާފައި އުޅޭ މީހުންނަށް އެމީހުން އެއްވެސް ވަރަށް ނުވިސްނާއިރު، މިގޮތަށް ބާރަށް ދިއުމުގެ ސަބަބުން ހިނގާފައި ދާ މީހުންގެ ގަޔަށް ފެން ބުރައި، އެމީހުން ހިނގާފައި ދާން ޖެހުމުގެ ސަބަބުން ތަންތަނަށް ދާން ލަސްވުމުގެ އިތުރުން، ލައިގެން ހުންނަ އަންނައުނުވެސް މުޅިން ތެމިގެންދެއެވެ.

މިއީ ވިސްނާލުން ވަރަށް މުހިއްމު ކަމެކެވެ. މަގުމަތި ބޭނުން ކުރަނީ ތިމާ އެކަނި ނޫން ކަމާއި، ހިނގާފައި އުޅޭ މީހުން އެއްގަމު އުޅަނދުފަހަރުގައި އުޅޭ މީހުންނަށް ވުރެން ތަންތަނަށް އަވަހަށް ދާން ބޭނުންވާނެކަން ދެނަގަންނާށެވެ. ތިމާގެ އާއިލާ މީހަކު ލަސްވެގެން ތަނަކަށް ހިނގާފައި ދާއިރު އެ މީހެއްގެ ގަޔަށް ސައިކަލެއް ނުވަތަ ކާރަކުން ދުއްވާފައި ދާ މީހަކު ފެންތައް ބުރުވާލަން ތިމާ ބޭނުންވާނެ ހެއްޔެވެ؟

މިއީ ރާއްޖޭގައި ހުއްޓުވަން ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިފަދައިން ހިނގާފައި ދާ މީހުންގެ ގަޔަށް ފެން ވިއްސާ ގޮތަށް ދުއްވުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމުގައި ވާއިރު، ރާއްޖޭގައިވެސް މިކަން ނުހުއްޓިއްޖެނަމަ މިފަދަ ޤާނޫނުތައް ހަދައިގެންވެސް މިކަން ނިމުމަކަށް ގެނައުމަކީ ވަރަށް ގިނަ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިސީ

    ތިޔަ ހުރިހާ ކަމަކީވެސް ސްކޫލުތަކުން ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދީގެންނޫނީ މުސަތަގުބަލުގައި ރަނގަޅު ނުކުރެވޭނެކަންކަން.

  2. ހިނގާ މީހާ

    ވަގުތުން ތި ޖެއްސެވި ސުރުހީއަކީ ވަރަށް ރަނގަޅު ވާހަކައެއް، ސަބަބަކީ ސައިކަލް ދުއްވާ މީހުންނާއި ކާރު އަދި ބިދޭސީން އަރާ ތިބޭ ލޮރީ، ޕިކައަޕް ފަދަ ތަކެއްޗަކީ މާލޭގައި ފެން ބޯޑުވެއްޖެއްޔާ ހިނގާ މިހަކަށް އެއްވެސް ބެލުމެއްނެތި ފެންބުރުވަމުން ދާ ބައެއް. އެމީހުންނަށް ހީވާކަހަލަ އެއްދުއްވާ އެއްޗެއް ފޯވެގެން ގިރެނީއޭވެސް. މިކަހަލަ އަހްލާގް ދަށް އަމަލުކުރާ މީހުން ފާހަގަ ކޮށް ލައިސަންސް ހިފަހައްޓާ ޖޫރިމަނާ ކުރަންވީ..އަހަރެންވެސް ހިނގަނީކީ ފެންގަނޑުގައި ބަކަތަޅަމުންނެއް ނޫންވިއްޔާ..އެހެންވީމާ ސަރުކާރަށް ވެސް އަދި ޓްރާންސްޕޯރޓް މެޑަމްއަށާއި ޕޮލިސް ސާރވިސް އިން މިކަންކަން މީ ރައްޔިތު ހިނގާ މިހާއާއި ދަތިވާ ކަމެއްކަމުގައިވާތީ އަވަސް ފިޔަވަޅެއް އަޅާ މިކަހަލަ ދުއްވުން ދުއްވާ އުޅޭ މީހުންނަށް އަދަބެއް ދޭން އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ......

    • ސާދާ

      އެބަޔެއްގެ ރަށަށް އެބަޔަކު ދިޔައިމަ ފެން ޖަހާކަށް މީހަކު ނުދާނެ.