ވަރަށް ކުރިއްސުރެ ވެސް ބުނެ އުޅޭ ޖުމްލައެއް އޮވެއެވެ. އެއީ "ތިމާގެ އުފަންދުވަސް ހަނދާން ނައްތާލިޔަސް އަނބިމީހާގެ އުފަންދުވަސް ހަނދާންނައްތާ ނުލާށެވެ." ސަބަބު ވަރަށް ސާފެވެ. އަނބިމީހާ ފާހަގަ ކުރަން ބޭނުންވާ ދުވަހެއްގެ މަތިން ފިރިމީހާ ހަނދާން ނެތިއްޖެނަމަ އެމައްސަލަ ސުލްހަވެރިކޮށް ނިމުން އެއީ ދުރު ކަމެކެވެ. މިކަމުގެ ހެކި ދާދި ފަހުން އެމެރިކާ އިން ވެސް މިވަނީ ފެނިފައެވެ.

ކައިވެނީގެ އެނިވާސަރީ ނުވަތަ ކައިވެންޏަށް އަހަރެއް ފުރުނު ދުވަސް ފާހަގަ ކުރަން ފިރިމީހާ ހަނދާން ނެތުމުން އޭނާގެ އަނބިމީހާ މިވަނީ ފިރިމީހާ އަށް ހަމަލާދީ ފިރިމީހާ ޒަހަމް ކޮށްލާފައެވެ. އެންމެ ފަހުން މައްސަލަ ވަނީ ފުލުހުންނާއި ހަމައަށް ވެސް ގޮސްފައެވެ.

ކެރޮލް ސްޓޯންސް ކިޔާ އަންހެން މީހާ ވަނީ ކައިވެނީގެ އެނިވާސަރީ ހަނދާން ނައްތާލުމުން ފިރިމީހާ އަށް ހަމަލާ ދީފައެވެ. އަނބިމީހާގެ ހަމަލާ އިން ސަލާމަތްވުމަށް ފަހު ފިރިމީހާ ވަނީ 911 އަށް ގުޅާ އެހީ އަށް ވެސް އެދިފައެވެ.

ފުލުހުން ބުނީ ކެރޮލް އޭނާގެ ފިރިމީހާގެ މޫނަށާއި ބޮލަށް ހަމަލާދީ ފިރިމީހާ ޒަހަމްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ފިރިމީހާ އަށް މާސިރިއަސް ޒަހަމްތަކެއް ނުލިބެއެވެ.

މިމައްސަލައިގައި ކެރޮލް ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމާއި މެދު ފުލުހުން އަދި ގޮތެއް ނިންމިކަން ސާފުނުވާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.