ކުޑައިރު ކިޔަވަން އުޅުނު އިރުގައި މުދައްރިސް ކިޔަވައިދޭ ހުރިހާ އެއްޗެއް ހަނދާން ހުންނަ ކުއްޖާ ދެކެ ރުޅި އައި ހަނދާން ވޭ ހެއްޔެވެ؟ އެހެން ކަންތައް ވެފައި ހުރުން ވަރަށް ގާތެވެ. ނަމަވެސް، އެގޮތަށް ކަންކަން ހަނދާން ނެތުމަކީ ގޮތް ނިންމުމުގައި މީހާ އަށް ރަނގަޅު ނިންމުންތައް ނިންމޭ ކަމުގެ ނިޝާނެކެވެ.

ޔުނިވާސިޓީ އޮފް ޓޮރޮންޓޯގައި ސައިންސްވެރިން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ކަންކަން ހަނދާން ކުރުމަކީ މުހިއްމު ކަމެކޭ އެއްފަދައިން، ކަންކަން ހަނދާން ނައްތާލުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އެ ދިރާސާގައި ވާގޮތުން ކަމެއް ހަނދާނުގައި ބަހައްޓާއިރު، އަހަރެމެންގެ ސިކުނޑި އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ އެ އެއްޗެއް ހަނދާނުން ފޮހެލުމަށެވެ.

އަދި އެ ދިރާސަގައި އިތުރަށް ވަނީ ގިނަ އެއްޗެހި ހަނދާން ނެތޭ މީހުން ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ މީހުން ވާ ހުރިހާ ކަމެއް ހަނދާނުގައި ނުބަހައްޓާ އިރު، އެމީހުން ހަނދާން ކޮށްގެން ތިބެނީ ހަމައެކަނި މުހިއްމު ތަންތަންކޮޅެވެ.

"ބަޔަކާއި ވާހަކަ ދައްކާ އިރުގައިވެސް ހުރިހާ އެއްޗެއް ހަނދާނުގައި ބެހެއްޓުމުގެ ބަދަލުގައި މުހިއްމު ކަންކަން ހަނދާން ކުރާ މީހުންނަށް ރަނގަޅު ގޮތްތައް ދެނެގަންނަން ވަރަށް ފަސޭހަވާނެ. އެފަދަ މީހުންގެ ސިކުނޑިވެސް ހުންނާނީ ތާޒާކޮށް" ދިރާސާ ހެދުމުގައި ބައިވެރިވި ސައިންޓިސްޓަކު ބުނެފައި ވެއެވެ.

ކަންކަން އަވަހަށް ހަނދާނުން ފިލައިގެން ދާނަމަ އެއީ ޓްރަންސިއެންސް އެވެ. ސައިންޓިސްޓުން އަދިވެސް ދަނީ މިބައި އިތުރަށް ދިރާސާ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.