ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް އަދި ޕޮރްޑިއުސަރު އަނުޝްކާ ޝަރުމާއަށް 'ދާދާސާހެބް އެކްސެލެންސީ އެވާޑް' ދިނުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އަނުޝްކާއަށް މި އެވާޑް ދޭން ނިންމީ، ފިލްމު ޕްރޮޑިއުސްކުރުމުގެ ދާއިރާއިން އޭނާ ކުރަމުން އަންނަ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އަދި އޭނާ އަކީ ތަފާތު އައު މޮޅެތި ޚިޔާލުތަކުގެ މައްޗަށް ފިލްމު ޕްރޮޑިއުސްކުރާ ފަރާތެއް ކަމަށާއި އޭނާ އުފައްދާ ފިލްމްތައް އާންމުންވެސް ބަލައިގަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމު ފައުންޑޭޝަނުން މި އެވާޑް ދިނުމަށް ނިންމައިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެވާޑް ހަފްލާއެއްގައެވެ.

2015 ވަނަ އަހަރުންފެށިގެންވެސް ފިލްމު ޕްރޮޑިއުސްކުރަމުން އަންނަ އަނުޝްކާ ދެން އެންމެ އަވަހަށް އާންމުންނާއި ހަމައަށް ފެނިގެން ދާނީ ޖޫންމަހު ރިލީޒްކުރަން ހަމަޖެހި ރާޖް ކުމާރު ޑައިރެކްޓްކުރާ ފިލްމް 'ސަންޖޫ' އިންނެވެ.

ބުނެވޭ ގޮތުގައި 'ދާދާސާހެބް' އެވާޑަކީ މުޅި އިންޑިއާގައިވެސް މި ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އަދި އުމުރުން އެންމެ 25 އަހަރުގައި މި ފަދަ އެވާޑެއް އަނުޝްކާ ހާސިލްކުރާތީ އޭނާގެ ފޭނުން ތިބީ ވަރަށް އުފަލުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.