މައިންނަކީ ދުނިޔެމަތީގައި އެންމެ މާތްކޮށް ހިތަން ޖެހޭ، އެންމެންގެ އެންމެ ލޯބިވާ ފަރާތެވެ. އެންމެ ކުޑައިރުއްސުރެ ދިރިއުޅުމުގައި ދިމާވާކަންކަމަށް ތައްޔާރުކުރުމަށް ފަހަރަކު ކަމެއް ދަސްކޮށްދީގެން ދަރިން ބަލައި ބޮޑެތި ކުރަނީ ބުރަ މަސައްކަތުންނެވެ. އެމަރުހަލާގެ ތެރެއިން މައިންނާއި ދަރިންނާ ދެމެދު އުފެދޭ ލޯތްބަކީ މުޅި އުމުރަށް ދެމިގެންދާ، ނިމުމެއް ނުވާ ފުން ލޯތްބެކެވެ.

މިއީވެސް ހަމަ މިފަދަ ދަރިއަކު އޭނާގެ މަންމައަށް ހަދިޔާއެއް ދޭން ކުރި މަސައްކަތުގެ ވާހަކައެވެ. އުމުރުން 17 އަހަރުގެ ރާމް ސިންގ އޭނާގެ މަންމައަށް ގަނެދިނީ އަގު ބޮޑު ރެފްރިޖެރޭޓަރެކެވެ.

އޭނާ އެ ރެފްރިޖެރޭޓަރު ގަތީ 12 އަހަރު ވަންދެން ރައްކާކުރި ފައިސާއިންނެވެ. ކޮލެޖަށް ދާ އުމުރުފުރައިގެ އެހެން ކުދިންނާ ތަފާތަށް އޭނާގެ ސޭވިންސް އޭގާ ރައްކާކުރީ އޭނާގެ މަންމައަށެވެ. އޭނާ ފައިސާ ރައްކާކުރީ ޕިގީ ބޭންކަކަށް ދަގަނޑު ފައިސާ އަޅައިގެން 12 އަހަރުންވަންދެން އެއްކޮށްގެންނެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ އެއްކުރި ފައިސާގެ ބަރުދަނުގައި 35 ކިލޯ ހުއްޓެވެ.

އައިސް އަލަމާރި ގަންނަންވެގެން އެފައިސާ ހިފައިގެން ފިހާރައަށް ދިޔަ އިރު އޭނާ އަތުގައި ފައިސާ މަދުކަން އޭނާއަށް އެނގުނެވެ. މަދުވީ 2000 ރުފީސް އެވެ. ނަމަވެސް އައިސްއަލަމާރިއަކީ އޭނާގެ މަންމަގެ އުފަން ދުވަހުގެ ހަދިޔާ ކަމަށް ބުނުމުން އެ ފިހާރައިގެ މެނޭޖަރު ވަނީ 2000 ރުޕީސްގެ ޑިސްކައުންޓެއް ދީފައެވެ.

އޭނާ އެ އައިސްއަލަމާރިއަށް ފައިސާ ދެއްކީ ދަގަނޑު ފައިސާއިން ކަމަށްވެސް މައުލޫމާތު ލިބިއެވެ. ނަމަވެސް އެ އަލަމާރީގެ އަގު ހާމަކޮށްފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު