އެވެންޖާސް ތަރި ޖެރެމީ ރެނާ އަމިއްލައަށް މަރުވާން އުޅުނު މައްސަލައަކާއި، އޭނާގެ އަނބިމީހާ މަރާލަން އުޅުނު މައްސަލަ ލޮސް އެންޖަލަސް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިމީހާއެވެ. އޭނާގެ އަނބިމީހާ ސޮންނީ ޕަކެއޯ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، ޖެރެމީ އޭނާގެ އަމިއްލަ އަނގަޔަށް ބަޑި ކޮއްޕައިގެން އަމިއްލައަށް މަރުވާން މަސައްކަތް ކުރަން އުޅުނު ކަމަށެވެ.

އުމުރުން 48 އަހަރުގެ އެ އެކްޓަރު އަމިއްލައަށް މަރުވާން އުޅޭކަން އަނބިމީހާއަށް ދައްކާފައި ވަނީ، މަސްތުހާލުގައި ހުރެގެންނެވެ.

އޭނާ ގޭގައި ހުރެގެން، ގޭގެ ސީލިންގއަށް ބަޑިޖެހި ކަމަށް ކޯޓުގައި ބުނެފައި ވެއެވެ. އަދި މިކަންތައް ހިނގާދިޔައިރު، އޭނާގެ ހަ އަހަރުގެ އަންހެން ދަރިފުޅު އޮތީ ނިދާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ ކުރީގެ އަނބިމީހާ ސޮންނީ އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، އޭނާ އަމިއްލައަށް ވަނީ އަނބިމީހާވެސް މަރާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ވާހަކަތައް ޖެރެމީ ދޮގު ކުރެެއެވެ.

މި ދެމީހުން ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އެ އަހަރު ތެރޭގައި ދެ މީހުން ވަނީ ވަރިވެފައެވެ. އެކަން ރަސްމީކޮށް ނިންމާލާފައި ވަނީ 2015 ވަނަ އަަހަރުއެވެ. އެކަން ނިންމާލާ ދަރިފުޅުގެ ބެލުމުގެ ކަންކަން ދެމީހުން ކުރާ ގޮތަށް އެއިިރު ހަމަޖެއްސިއެވެ.

ނަމަވެސް އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ސޮންނީ ވަނީ، ދަރިފުޅުގެ ހުރިހާ ޒިންމާއެއް އޭނާ ހަވާލު ކުރަން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެ މައްސަލާގެ އަޑު އެހުން އަންނަ ނޮވެމްބަރު މަސް ތެރޭގައި އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު