ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ސީރީ އަކީ ޝައްކެއްވެސް ނެތް ގޮތުގައި "ފްރެންޑްސް"އެވެ. މި ސީރީޒް އަށް ދާދި ފަހުން 25 އަހަރު ފުރިގެން ގޮސްފައި ވާއިރު، ސީރީޒްގައި އެކްޓު ކޮށްފައިވާ ތަރިންނަށް އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮވެއެވެ.

މިގޮތުން އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ޖެނިފާ އެނިސްޓަން (ފްރެންޑްސް ސީރީޒް ނަމުން ނަމަ ރޭޗަލް) މިވަނީ ދާދި ފަހުން އިންސްޓަގްރާމް ބޭނުން ކުރަން ފަށައިފައެވެ. މީގެ ކުރިން މީސް މީޑިއާ އާއި ނުލައިވެސް ޖެނިފާ އަށް ބޮޑު މަގުބޫލުކަމެއް ލިބިފައި ވާއިރު އިންސްޓަގްރާމް އޭނާ ބޭނުންކުރަން ފެށުމާއި އެކު އޭނާ އަކީ ހަގީގަތުގައިވެސް ބެލުންތެރިން ވަރަށް ގަޔާވާ އެކްޓަރެއްކަން އެނގުނީ ކުޑަ ވަގުތުކޮޅެއް ތެރޭގައި އެތައް މިލިއަން ފޮލަވަރުންނެއް އޭނާ ހޯދުމުންނެވެ.

ޖެނިފާ ހިއްސާ ކޮށްފައިވާ ފޮޓޯ އާއި ކެޕްޝަން

އިންސްޓަގްރާމް އެކައުންޓެއް ހުޅުވިތާ 17 ގަޑިއިރު ތެރޭގައި ޖެނިފާ އަށް 6.3 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން ލިބިފައި ވާއިރު އޭނާ ވަނީ ފްރެންޑްސް ސީރީޒްގެ އެކްޓަރުންނާއި އެކު ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާ ކޮށްފައެވެ.

"މިހާރު އަހަރެމެންނަކީ އިންސްޓަގްރާމް ގައިވެސް ފްރެންޑްސް" ޖެނިފާ ހިއްސާ ކުރި ފޮޓޯ އާއި އެކު އޭނާ ބުނެފައި ވެއެވެ. އެ ފޮޓޯ އަށް މިހާރު 9 މިލިއަނާއި ގާތް ކުރާ އަދަދަށް ލައިކްސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޖެނިފާ އަކީ ފްރެންޑްސް ސީރީޒް އިން ފެނުނު އެކްޓަރުން ތެރެއިން އެންމެ މުއްސަނދިވެސް މީހާއެވެ. އޭނާ ވަނީ ފްރެންޑްސް އަށް ފަހު އާއްމުންގެ ސަމާލުކަން ލިބޭ އެތައް ފިލްމަކުންވެސް ފެނިގެން ގޮސްފައެވެ.