އެމެރިކާގެ އަންހެންނަކު އޭނާގެ ދެ އަންހެންދަރިންނާއި ފިރިމީހާ ހަމަލާދީ މަރާލި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. މިހާދިސާ ހިނގީ އެމެރިކާގެ ފިލިޑާފިއާގައެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށްވާ ޑަމީރާ ޖޯންސް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ އުމުރުން ހަތަރު އަހަރުގެ ދަރިއަކާއި 10 މަހުގެ ދަރިއަކާއި އަދި އޭނާގެ ފިރިމީހާ މަރާލިކަމަށެވެ. ފިރިމީހާގެ އުމުރަކީ 35 އަހަރެވެ.

ފުލުހުން ބުނާ ގޮތުގައި ޑަމީރާ އޭނާގެ ދެދަރިންނާއި ފިރިމީހާ މަރާލާފައި ވަނީ އަންގާރަ ވިލޭރޭ އެމީހުންގެ ގޭގައި ތިއްބާ ބަޑި ޖަހައިގެންނެވެ.

ޑަމީރާ ވަނީ އޭނާގެ ދެދަރިންނާއި ފިރިމީހާ މަރާލުމަށް ފަހު އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކޮށްފައެވެ. އޭނާގެ ގަޔަށް އަމިއްލައަށް އޭނާ ބަޑިޖެހި ނަމަވެސް މަރުވެފައި ނުވާކަމަށާއި އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި ޑަމީރާ ވަނީ މިހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން ބަޑިއެއް ގަނެފައެވެ.

އަވައްޓެރިން ބުނާ ގޮތުގައި ޑަމީރާ އާއި އޭނާގެ ފިރިމީހާ އަބަަދުވަސް ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިގެން އުޅޭ އަޑު އިވޭކަމަށެވެ. ނަމަވެސް ޑަމީރާ އޭނާގެ ދެދަރިންނާއި ފިރިމީހާ މަރާލި ހަޤީޤީ ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެމެރިކާގައި ބަޑި ޖަހައިގެން މީހުން މެރުމަކީ އާއްމު ކަމެކެވެ. މިފަދަ ހާދިސާތައް ގިނަވަމުންދާތީ ބަޑި ގެންގުޅުން އެމެރިކާގައި ކޮންޓްރޯލް ކުރަން ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެކަން ތަންފީޒު ކުރެވޭތަނެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު