އެމެރިކާގެ ބޮކްސިން މެޗެއްގެ ތެރެއިން ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކޯމާގައި އޮތުމަށް ފަހު ޕެޓްރިކް ޑޭ މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޗިކާގޯގައި ޗާލްސް ކޮންވެލް އާއި ދެކޮޅަށް ޕެޓްރިކް ކުޅުނު މެޗުގައި ކޮންވެލް އޭނާގެ ބޮލަށް ދިން ހަމަލާ އެއް ވަނީ ވަރަށް ބޮޑަށް ސީރިއަސްވެފައެވެ. އެވަގުތު އޭނާ އަށް ފިޓު ޖެހުނު އިރު ވަގުތުން ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

ޕެޓްރިކް އަކީ ސުޕާ ވެލްޓާވެއިޓް ޑިވިޝަނުގައި ވާދަކޮށް، ދެ ފަހަރެއްގެ މަތިން ގޯލްޑެން ގްލޯވް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ ހުނަރުވެރި އެތްލީޓެއް ކަމުގައި ވާއިރު، ކޮންވެލް އާއި ބައްދަލު ކުރި މެޗުގައި ޖުމްލަ 10 ރައުންޑެއް ވަނީ ޖަހާފައެވެ. އޭގެ ތެރެއިން އޭނާ ބަލިވެފައި ވަނީ 4ވަނަ ރައުންޑުންނާއި 10ވަނަ ރައުންޑުންނެވެ. އޭނާގެ ބޮލަށް އަނިޔާވެފައި ވަނީވެސް 10ވަނަ ރައުންޑުގައެވެ.

ޕެޓްރިކް ކަނާތް ފަޅިން

ބޮކްސިން އަކީ ވަރަށް ނުރައްކާތެރި ކުޅިވަރެއް ކަމުގައި ވާއިރު، މީގެ ކުރިންވެސް އެތައް އެތްލީޓުންތަކެއް މިފަދަ ގޮތްގޮތަށް މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ޕެޓްރިކްގެ މަރާއި އެކު ބޮކްސިން އާއިލާ އިން ހިތާމަ ފާޅު ކުރަމުން އަންނައިރު، ބޮކްސިން އެސޯސިއޭޝަނުން ބުނެފައި ވަނީ އޭނާ އަކީ ފައިސާ ހޯދުމަށް ބޮކްސް ކުރި މީހެއް ނޫން ކަމަށާއި، އޭނާ ނިސްބަތް ވަނީ މުއްސަނދި އާއިލާ އަށް ކަމަށެވެ. އެހެންކަމުން އޭނާ މިކަން ކުރަމުން ދިޔައީ ބޮކްސިން އަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ޕެޓްރިކް މަރުވެފައި ވާއިރު، އޭނާ އަށް އަނިޔާވި މެޗު ބަލަން އޭނާގެ އާއިލާ އާއި ގާތް ރަހުމަތްތެރިންވެސް ތިއްބެވެ.