އިންޑިއާގެ މުމްބާއީގައި މީގެ ހަތަރު އަހަރު ކުރިން އަންހެނަކު ރޭޕް ކޮށް ވީޑިއޯ ފަތުރާފައިވާ ޑޮކްޓަރަކު ހައްޔަރު ކޮށްފިއެވެ.

މުމްބާއީގެ ފުލުހުން ވަނީ 2015 ވަނަ އަހަރު އުމުރުން 27 އަހަރުގެ އަންހެނަކު ޑޮކްޓްރަށް ދައްކަން ދިއުމުން މަސްތުވާބޭހެއް ދީ ރޭޕްކުރި ޑޮކްޓަރު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ އަންހެން މީހާ ފުލުހަށް ދީފައިވާ ބަޔާނުގައި އޭނާ ވަނީ 2015 ވަނަ އަހަރު ޑޮކްޓަރަށް ދައްކަން ދިއުމުން އިންޖެކްޝަނެއް ޖަހާފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ފަހުން ވީނުވީއެއް ނޭނގި ހޭނެތިފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ފަހުން ރޭޕް ކޮށްފައިވާ ކަމަށްވެސް ބުނެފައެވެ.

އަންހެން މީހާ ބުނެފައިވަނީ އޭގެ ފަހުން އޭނާ ގެއަށް އައުމުން ފޯނަށް މެސެޖްއެއް އައިސްގެން ބެލިއިރު އެއީ އޭނާ ރޭޕް ކުރިއިރު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯ އައުމުން އޭނާ ޑޮކްޓަރާ އެކަމާ ގުޅިގެން ވާހަކަ ދެއްކުމުން އޭނާ އެވާހަކަ ދެއްކުން ނުހުއްޓައިފިނަމަ ވީޑިއޯ މުޅި މީސްމީޑިއާގައި ފަތުރާލާނެ ކަމަށް ބުނެފައިވާ ކަމަށްވެސް އެ އަންހެނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ފަހުން މިދިޔަ އަހަރު އެއަންހެން މީހާ މީހަކާ ކައިވެނި ކުރިކަން އެނގުމުން ޑޮކްޓަރު ވަނީ އޭނާގެ ފިރިމީހާއަށް އެ ވީޑިއޯ ފޮނުވާފައެވެ.

ފުލުހުން ބުނެފައިވަނީ އެ ޑޮކްޓަރު މިހާރު ހުރީ އެމީހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާގެ ޝަރީއަތަށް މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.