ދެވަނަ ބޮޑު ހަނގުރާމާގައި އެކުގައި ހަނގުރާމަ ކުރި ދެމަފިރިއަކު ދާދި އެއް ވަގުތެއްގައި މަރުވެއްޖެއެވެ.

ޕްރެބުލް ސްޓޭވާ އާއި އިޒަބެލް ވިޓްނީ އަކީ އެމެރިކާ އަށް ނިސްބަތްވާ ދެމީހުންނެވެ. މި ދެ ލޯބިވެރިން ދިމާވެފައި ވަނީ ފުރަތަމަ ބޮޑު ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރެވެ. އެ ހަނގުރާމަ ނިމުނުތާ 5 މަސް ފަހުން ދެމީހުން ކައިވެނި ކުރި އިރު، ދެވަނަ ބޮޑު ހަނގުރާމާގައި ޖަރުމަނާއި ދެކޮޅަށް ހަނގުރާމަ ކުރަން ދެމަފިރިންވެސް ނިކުތީ އެއްކޮށެވެ.

މިގޮތުން ޕްރެބުލް އަކީ ހުނަރުވެރި ސިފައިނެއް ކަމުގައި ވާއިރު، އިޒަބެލް އަކީ ނަރުހެކެވެ. ހަނގުރާމަ އަށް ފަހުވެސް ދެމަފިރިން އެކުގައި އުޅެމުން 5 ދަރިން ހޯދިއިރު ގޭތެރޭގެ ހުރިހާ ކަމެއް ބެލެހެއްޓީ އިޒަބެލް އެވެ. އެއީ ޕްރެބުލް ސިފައިންގެ އިން ކެނޑިގެން އެކި ވަޒީފާތަކުގައި އާއިލާ އާއި ދުރުގައި އުޅެން ޖެހުމުންނެވެ. މިހެން ކަންތައް ވުމުންވެސް އިޒަބެލް އޭނާގެ ފިރިމީހާ ދުކޮށް ނުކޮށްލައެވެ. އޭގެ ބަދަލުގައި އޭނާ އަށް ހިތްވަރު ދިނުމުގައި ސާބިތުވެގެން ހުއްޓެވެ.

އެކުގައި 70ށް ވުރެ ގިނަ އަހަރު ހޭދަ ކުރުމަށް ފަހު 2013ވަނަ އަހަރު އިޒަބެލް ވަރަށް ބޮޑަށް ބަލިވެގެން އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒަކަށް ބަދަލު ކުރަން ޖެހުނެވެ. މިއާއިއެކު އޭނާގެ ފިރިމީހާވެސް އެތަނަށް ބަދަލުވިއެވެ. ނަމަވެސް އެއް ކޮޓަރިއަކު ދެމަފިރިންނަށް ނުތިބެވެއެވެ. މިހެންވި އެއް ކަމަކު އިޒަބެލް އޭނާގެ ފިރިމީހާ މަތިން ހަނދާނެއް ނުނެތޭ ކަމަށް އެމީހުންގެ ދަރިން ވަނީ ބުނެފައެވެ.

ވަރަށް ފަހުން އެމީހުން ވަނީ ޕްރެބަލްގެ އުފަންދުވަހާއި ދިމާކޮށް ދެމަފިރިން އެއްކޮށް އެއް އެނދެއްގައި ނިދާލަން އެދިފައެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން އިޒަބެލް ވަނީ މަރުވެފައެވެ. އަދި 14 ގަޑިއިރު ފަހުން ފިރިމީހާ ޕްރެބަލްވެސް މަރުވިއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެމަފިރިން އުފަންވެފައި ވަނީ 14 ދުވަހުގެ ތަފާތުން ކަމެވެ.

މިއީ ފިލްމުތަކުންވެސް ނުފެންނަ ވަރުގެ ހަގީގީ ލޯބީގެ ވާހަކަ އެއް ކަމަށް ބުނެ އެ ދެމަފިރިންގެ ގުޅުމަށް އެތައް ބަޔަކު މިހާރު އަންނަނި ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު