މައްޝޫރު ފިލްމް ޑައިރެކްޓްރު ޝްރީ ރާމް ރާގަވަން އާ ފިލްމެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

ރާގަވަން ތައްޔާރުވަމުން އެދަނީ 1971 ގައި ކުރި ހަނގުރާމައެއްގައި މަރުވި އިންޑިއާގެ ޒުވާން ސިފައިންގެ މީހާ އަރުން ކެޓަރްޕާލްގެ ހަޔާތުގެ މައްޗަށް ބިނާކޮއްގެން ހަދާ ފިލްމެކެވެ. މިހާދިސާގެ މައްޗައް ކުޅޭ ފިލްމުގައި އަރުންގެ ރޯލު ކުޅެން ހަމަޖެހިފައިވަނީ ވަރުން ދާވަން އެވެ.

މި ރޯލު ވަރުންނައް ކުޅެން ލިބުމުން ވަރުން ބުނީ ހަނގުރާމަވެރި ސިފައިންގެ މީހެއްގެ ރޯލެއް ކުޅުމަކީ އޭނާގެ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ ޚާއްސަކޮށް އުމުރުން 21 އަހަރުގައި އިންޑިއާގެ ވަރަށް ޝަރަފުވެރި އެވޯޑެއް ކަމަށްވާ ޕަރަމް ވީރް ޗަކްރަ ލިބުނު ހިތްވަރުގަދަ އަރުން ކެޓަރްޕާލްގެ ރޯލު ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ބަޔާންކުރަން ވެސް ދަތި އުފަލެއް ކަމަށް އޭނާ ބުނެފައިވެއެވެ. މިއީ އޭނާގެ ހަޔާތުގައި ވަރައްވެސް ކާމިޔާބު ދުވަހެއްކަމައް ވަރުން ބުންޏެވެ.

އިންޑިއާގެ ނޫހަަކުން ކުރި ސުވާލަކާ ގުޅިގެން ވަރުން ބުނީ ކެޓަރްޕާލްގެ ވާހަކަ އަޑުއިވިފައި އޭނާ ވަރަށް އަޖައިބުވި ކަމަށެވެ. އަދި ޕްރޮޑިއުސަރު ޑީނޫ ވިޖަން އާއި ޑައިރެކްޓަރު ޝްރީރާމް ގުޅިގެން މިފަދަ ފިލްމެއް ތައްޔާރުކުރުމަށް އެހާ ބޮޑަށް ޝައުގުވެރިވާ ސަބަބަކީވެސް އެ ހިތްވަރުގަދަ ބަތަލުގެ ވާހަކަ ކިޔާފައި ކަމަށް އޭނާ ބުންޏެވެ. އެ ރޯލާ މެދު ވަރަށް ހިންހަމަޖޭހޭ ކަމަށް ވެސް ވަރުން ބުންޔެވެ. ވަރުން ބުނީ އެންމެ ފުރިހަމައަށް މިފިލްމަށް ތައްޔާރުވާނެ ކަމަށެވެ.

މި ރޯލަށް ފުރިހަމަ އަށް ތައްޔާރު ވުމުގެ ގޮތުން އަދި ކުޅެން ޖެހިފަވާ ރޯލް ފުރިހަމަ އައް ގެނެސް ދިނުމަށް ވަރުން މިހާރު ވަނީ އަރުންގެ ބޭބެ މުކޭޝް އާ ވެސް ބައްދަލު ކޮށް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ވަރުން ބުނި ގޮތުގައި އޭނާގެވެސް ބޭބެއެއް ހުރުމާއެކު ބޭބެ ކުއްލިއަކަށް ދުނިޔެ ދޫކުރުމުން މުކޭޝް އަށް ކުރާނެ އަސަރު އޭނާއަށް އިހްސާސް ކުރެވޭ ކަމަށެވެ. އަދި މި ވާހަކަ ވަރަށް ފުރިހަމައަށް އަދި އެހާމެ ރަނގަޅަށް ގެނެސްދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ގަބޫލް ކުރެވޭތީ އެ ރޯލަށް ވަރައް ފުރިހަމައަށް ތައްޔާރުވަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.