ކެއުމުގައި މާ ގިނައިން ލޮނު ހިމެނުމަކީ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ކުރުވާ ކަމެކެވެ. އެގޮތުން ތިބާއަށް އެހާ މުހިންމުކަމަކަށް ނުވިނަމަވެސް ދުވަހުގެ އެކި ގަޑި ގަޑީގައި ނާސްތާކުރާއިރު ތިބާ ކާ އެއްޗިހީގައި ލޮނު ހިމަނަންޖެހޭނީ ވަކި މިންވަރަކަށެވެ. މި މިންވަރަށްވުރެ އިތުރަށް ލޮނު ހިމެނޭނަމަ އެކަމުގެ ނޭދެވޭ ނިޝާންތައް ފެނުމަކީ ވަރަށް ގާތް ކަމެކެވެ.

އެންމެ ފާހަގަކޮށްލެވޭނެ އެއް ނިޝާނަކީ ތިބާ އަމިއްލައަށް ފާހަގަވާނޭ ނިޝާނެކެވެ. ކެއުމުގައި ލޮނު ހިމެނޭ މިންވަރު އިތުރުވާނަމަ ސިކުނޑީގެ މަސައްކަތްތަކަށް ހުރަސްއެޅި ކަންކަމާއި ވިސްނައި ސަމާލުކަން ދިނުމަށް އުނދަގޫވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. ކެނެޑާގައި ކުރިޔަށްދިޔަ ދިރާސާއަކުން ވަނީ ސިކުނޑީގެ ވިސްނުމުގެ ބާރު ދަށްވުމާއި މީހާ ކެއުމުގައި ލޮނު ހިމަނާ މިންވަރާއި ގުޅުން ހުރިކަމަށް ދައްކުވައިދީފައެވެ.

ގިނައިން ކަރު ހިއްކުމަކީ ވެސް މާ ގިނައިން ލޮނު ކެވޭ ކަމުގެ ހެއްކެކެވެ. ގިނައިން ލޮނު ހިމެނޭ ޗިޕްސް، ސްޕެގެޓީ ސޯސް އަދި ޕެޕަރޯނީ ޕިއްޒާފަދަ ކާ އެއްޗިހި ކެއުމަށްފަހު މީހާގެ ކަރުހިއްކުން އިތުރުވާކަމަށް ފާހަގަނުކުރެވޭތޯ؟ މިހެން ދިމާވަނީ ހަށިގަނޑަށް އެތެރެވެފައިވާ ލޮނާއި އެއްވަރަށް ފެން ބެލެންސްކުރުމަށް ހަށިގަނޑުން މަސައްކަތްކުރާތީއެވެ.

ކިޑްނީގައި ހިލަ އުފެދުމަކީވެސް ކާ އެއްޗިހީގައި ލޮނު މާ ގިނައިން ހިމެނޭކަމުގެ ނިޝާނެކެވެ. އޭގެ އިތުރުންވެސް ބަނޑުގެ ތެރޭގައި ފާރު ހެދުމަކީވެސް އެކަމުގެ ނިޝާނެކެވެ. ލޭ މައްޗަށްދިޔުމަކީވެސް ހަމަ އެފަދަ އެއް ނިޝާނެވެ. މިކަމުގައި ވިސްނަންވީ ލޮނުގައި ހުންނަ ސޯޑިއަމް ނަމަކަށް ކިޔާ މާއްދާއަކަށެވެ. މި ހުރިހާ ކަމެއްވެސް މެދުވެރިވަނީ ސޯޑިއަމް ނަމަކަށްކިޔާ އެ މާއްދާގެ ސަބަބުންނެވެ. ވީމާ ދެންވެސް ކެއުމުގައި ލޮނު ހިމެނޭ މިންވަރާއި މެދު ކުޑަކޮށްނަމަވެސް ވިސްނާލާށެވެ.

ކިޔުންތެރިންގެ ހިޔާލު