ދިވެހ ފިލްމު ވަކިން ލޯބިން އަދި ލީނާވެސް ރާއްޖޭގެ އެންމެ ކުރީގައި އުޅޭ އޮންލައިން ސްޓްރީމިން އެޕް ބައިސްކޯފުން މިހާރު ބަލައިލެވޭނެ އެވެ.

ބައިސްކޯފުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ ވަކިން ލޯބިން އެ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށް ބުނެފައެވެ. އަދި ދިވެހި ފިލްމު ލީނާވެސް މިހާރު ވަނީ އެ އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.

ލީނާ ބައިސްކޯފަށް ލާފައި ވިނަމަވެސް އެ ފިލްމު ދާދި ފަހުން ވަނީ ޔޫޓިޔުބުގައި ލީކުވެފައެވެ. އަދި ބައިސްކޯފުން މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އެ ފިލްމު ވަނީ ޔޫޓިޔުބުން ނަގައިފައެވެ. އެ ފިލްމު ލީކު ކޮށްލުމާއިއެކު ގިނަ ބަޔަކު ވަނީ އެ ފިލްމު ބަލައިފައެވެ.

ވަކިން ލޯބިން ފިލްމުގެ ލީޑްރޯލުން ފެނިގެން ދަނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ (މަޖޫ)އެވެ. އެފިލްމަކީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭ ހަދައިފައިވާ ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓުކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

ލީނާ އަކީ 2001 ވަނަ އަހަރު މަސްވެރިންގެ ޖަމިއްޔާގެ އޮފީހުގެ ފާހާނާއެއްގެ ތެރޭގައި ރަހުމުކުޑަގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު އަޒްލީނާގެ ހަޔާތުގެ މައްޗަށް މަޝްހޫރު ފިލްމީތަރި އަދި ޕްރޮޑިއުސަރ އަބްދުﷲ މުއާޒް (މުއާ) ހަދައިފައިވާ ފިލްމެކެވެ. އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ދަނީ މުއާގެ ލޯބިވެރިޔާ އަދި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ފިލްމީތަރި ކަމުގައިވާ މަރިޔަމް އައްޒަ، އަދި އަލީ އާޒިމް (ދޮން އައްޔަ)އެވެ.