އާންމު ގޮތެއްގައި އަންހެން ވެރިންނަކީ ބައެއް ކަންތައްތައް ވަރަށް ފަސޭހައިން ހަނދާނުން ކައްސާލާ ބައެކެވެ. ޚާއްސަކޮށް ގޭތެރޭގެ ކަންތައްތަކެވެ. ބައެއް ފަހަރު އުނދުން މައްޗަށް އެއްޗެއް އުދާފައި ހުންނަ ކަންވެސް ހަނދާނުން ކައްސާލައެވެ. އަދި ކައްކާ ނިމިގެން ގޭސް ރަނގަޅަށް ބަންދު ކުރެވުނުކަންވެސް ހަނދާނެއް ނުހުރެ އެވެ.

ވާނީވެސް އެހެންނެވެ. ގިނަ އަންހެނުންނަކީ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކޮށް ދަރިން ބަލައި ވަޒީފާތަކަށްވެސް ދާ މީހުންނެވެ. އެހެން ކަމުން މިހާ ބިޒީ ޝެޑިއުލް އެއްގައި އުޅެމުން މިފަދަ ކަމެއް ހަނދާނުން ކައްސާލައިގެން ގޮސްފާނެތާއެވެ. ނަމަވެސް މިފަދަ ކުޑަ ކުޑަ ކަމަކުން ބޮޑު ހިތާމަވެރި ހާޑިސާއެއްވެސް ކުރިމަތިވުން އެއީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ދާދި ފަހުން ރާއްޖެއިން ބޭރުގެ ޤައުމެއްގައި ދިމާވި ހާދިސާ އެއް ހިއްސާ ކޮށްލާނަމެވެ.

އެމެރިކާގެ ދެމަފިރިއަކު ބޭރުގެ އުޅެލާފައި އައިސް ގެއަށް ވަން ވަގުތު މުޅި ގޭތެރޭގައި އެއްވަހަކަށް ހުރީ ކައްކާ ގޭސް ވަހެވެ. ފުރަތަމަ ގެއަށް ވަނީ އަންހެން މީހާ އެވެ އަންހެން މީޙާ އަށް މިވަސް ޖެހުމާއެކުވެސް ފުރަތަމަވެސް ގޭތެރެއާއި ބަދިގޭގެ ހުރިހާ ބޮކިތައް ޖައްސާލި އެވެ. އަދި ފަންކާ ޖެއްސުމަށްފަހު މި ވަސްގަނޑު ބޭރު ކުރަން މަސައްކަތް ކުރި އެވެ.

ފިރިހެން މީހާއަށް ގެއަށް ވަދެވުނީ ކާރު ޕާކް ކުރުމަށްފަހު އިރުކޮޅެއް ފަހުންނެވެ. އޭނާ އަށް ކުޑަ ތަންކޮޅެއް އަވަހަށް ގެއަށް ވަދެވުނީ އެމީހުންގެ ނަސީބު ކަމަށްވެސް ވެދާނެ އެވެ. އޭރު އަންހެން މީހާ ހުރީ ބަދިގޭގެ ގޭސްފުޅި ބަހައްޓާފައި ހުރި ކަބަޑު ކައިރީގައެވެ. ފިރިހެން މީހާ އައިސް ވަގުތުން ހުރިހާ ބޮކިތަކާއި ފަންކާ ނިއްވާލާ އަންހެން މީހާ ދުރަށް ޖައްސާލުމަށްފަހު ގޭގެ ހުރިހާ ދޮރުތައް ހުޅުވުމަށް އަންހެންމީހާ ގާތު އެދުނެވެ. މިގޮތަށް ކަންތައް ކުރުމަށްފަހު މަޑު މަޑުން ގޭސްފުޅި ކައިރިއަށް ގޮސް ލީކްވަނީ ކޮންދިމާލަކުން ކަން ބަލައި އެއިން ރެގިއުލޭޓަރު ނައްޓާލި އެވެ. އޭގެ އިރުކޮޅެއްފަހުން ގޭސްވަސް މުޅި ގޭތެރެއިންވެސް މަޑުމަޑުން ފިލައިފި އެވެ.

ފިރިހެން މީހާ އޭނާގެ އަންހެނުން ކައިރީގައި ބުންޏެވެ. މިފަދަ ގޮތަކަށް ގޭސް ވަސް ގޭތެރޭގަ ހުރެއްޖެ ނަމަ ކަރަންޓް އެއްވެސް އެއްޗެއް ނުޖައްސާށެވެ. އަދި ހުރިހާ ދޮރުތައް ހުޅުވާލުމަށްފަހު ގޭސް ލީކްވާ ތަނެއް ބަންދުކުރުމަށް މަސައްކަތް ކުރަންވެސް އޭނާ ވަނީ ބުނެފަ އެވެ. މި ގޮތަށް ގޭސް ލީކްވެފައި ހުރި ވަގުތެއްގައި ކަރަންޓް ސޯޓަކުންވެސް މުޅި ގޭތެރޭގައި އަލިފާން ރޯވުމަކީ އެކަށީގެންވަ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އެހެން ކަމުން ކުޑަ ކުޑަ ކަމަކުންވެސް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ވިސްނަންވާނެ އެވެ. ތޮއްޖެހިފައިވާ މި މާލޭގައިވެސް އަލިފާނުގެ އެތަކެއް ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެހެން ކަމުން ކައްކާ ނިންމުމަށްފަހު ގޭސް ރަނގަޅަށް ބަންދު ކުރެވިއްޖެތޯ ބަލާށެވެ. އަދި ގޭސްފުޅިއާއި ރެގިއުލޭޓަރު ރަނގަޅަށް ޖެހިފަ އިންތޯވެސް ބަލާލަން ވާނެ އެވެ. ތިމާގެ ފަރުވާ ކުޑަ އަމަލަކުން ލިބިދާނެ ގެއްލުމަކުން އަބަދުވެސް ރައްކާތެރިވާން ޖެހޭނެ އެވެ. ގޭސްފުޅި ގެންނަ މީހާ ލައްވާ ގޭށްފުޅި ގުޅުމަކީ އާންމުކޮށް ދިވެހިން ކުރާ ކަމެކެވެ. ހުރިހާ އެންމެންނަކީ އެންމެ ފުރިހަ އަދި އެންމެ މޮޅު މީހުންނަށްވެސް ނުވެދާނެ އެވެ. އިންސާނުންނަކީ ކުށްކުރެވޭނެ ބައެކެވެ. އެހެން ކަމުން ގޭސްފުޅި ގެންނަ މީހާ ގޭސްފުޅި ގުޅައިދީފަ ދަނީ ރަނގަޅަށްތޯ ބަލާލުން އެއީ ވަރަށ ްމުހިންމު ކަމެކެވެ.