ބިޒީ ޝެޑިއުލެއްގައި އުޅެން ޖެހުމުން ފޯނު ޗާޖް ކުރުން ވެފައި އޮންނަނީ އުނދަގޫ ކަމަކަށެވެ. މިހެންވެ ގިނަފަހަރު ފޯނު ޗާޖަށް ޖެހެނީ ވެސް ރޭގަނޑު ނިދަން އޮށޯންނަމުންނެވެ. އަނެއްކޮޅުން ހެނދުނު ހޭލަންދެން ފޯނު މި އޮންނަނީ ޗާރޖަށް ޖަހާފައެވެ. 100 ޕަސެންޓް ހަމަވެ، އޯވާ ލޯޑް ވިޔަސްވެހެވެ. އެކަމަކު މިއީ ރަނގަޅު ގޮތެއް ނޫންކަން މިވަނީ ދާދި ފަހުގެ ދިރާސާއަކުން ހާމަވެފައެވެ.

'ބެޓެރީ ޔުނިވާރސިޓީ' އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން، ފޯނު ޗާޖް ކުރަން ޖެހެނީ ބައިވަރު ފަހަރު މަތިން މަދު ވަގުތުކޮޅަކަށް ކަމަށެވެ.

މި ޔުނިވާރސިޓީއިން އިތުރަށް ބުނެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ފޯނު ޗާޖްކުރުމުގައި ބޭނުން ކުރަނީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައްޔާއި މި ކަމުގެ ނޭދެވޭ އަސަރު ކުރާނެކަމުގައެވެ.

"ނިދަމުން ފޯނު ޗާޖަށް މި ޖަހަނީ. ދެން 100 ޕަސެންޓް ވެގެން އޯވާލޯޑް ވާން ފަށާނެ ނިދާ ނުހޭލަނީސް. އޭރުން ހައި ރޭޑިއޭޝަންގެ އަސަރު ފޯނާއި ކައިރި ހިސާބެއްގައި ހުންނަ މީހަކަށްވެސް ކުރާނެ." ނިދަމުން ފޯނު ޗާޖަށް ޖެހުމާ ދުރުވުމަށް އިރުޝާދު ދެއްވަމުން މި ދިރާސާގައި އިސްކޮށް ހުރި ބޭފުޅަކު ވިދާޅުވިއެވެ.

"ފޯނުގެ އުމުރު ދިގު ކުރަން ބޭނުން ނަމަ 15 ޕަސެންޓަށް ވުރެ ޗާޖް ދަށް ނުކުރާތި. އެންމެ އެދެވޭ މިންގަނޑަކީ 65 -75 ޕަސެންޓްގައި ޗާޖް ބެހެއްޓުން." އޭނާ އިތުރަށް ބުނެފައިވެއެވެ.

ކޮންމެހެން ފުލް ޗާޖް ކުރުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށްވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ. އޭގެބަދަލުގައި މަދު ވަގުތުކޮޅަކަށް ގިނަފަހަރު މަތިން ޗާޖްކުރުމަށް މި ދިރާސާ ކުރެއްވި ޔުނިވާރސިޓީއިންވެސް ބާރު އަޅުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީގަ ދެރަ ތަންކޮޅަކީ މިކަން އެނގޭ ފަރާތްތަކުންވެސް މިހެން ނުހަދާތީ.. އޭގެތެރޭގައި މަވެސް އިސްތިސްނާއެއްނުވާނެ