އެމެރިކާގެ ފްލޮރިޑާގައި ޒުވާން އަންހެނަކާއި، ފިރިހެނަކު މަގުމަތީގައި ބަރަހަނާވެ ދުވަން އަމުރުކޮށް، އެގޮތަށް ކަންތައް ނުކޮށްފިނަމަ އެމީހުން ހައްޔަރުކުރާނެ ކަމަށް ބުނެ އެމީހުންނަށް ބިރުދެއްކި ފުލުސް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ފްލޮރިޑާގެ މިކޮސުކީގެ ފުލުސް އޮފިސަރެއް ކަމަށްވާ މައިކަލް މާޓިނޭޒް، 18 އަހަރުގެ ޒުވާނުން ކަމަށްވާ ރެމީ ރައިލީ އާއި ކައިލް ޝޮލްޓާ ހުއްޓުވީ އެމީހުން ދުއްވުން މަނާ ސަރަޙައްދެއްގައި ކާރު ދުއްވާފައި ދިޔަތަން ފެނިގެންނެވެ. މާޓިނޭޒް އެމީހުން ދުއްވި ކާރު ހުއްޓުވައި، ބަލައި، ފާސްކުރުމުގެ ތެރެއިން އެ ކާރުން އޭނާއަށް މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވެއެވެ. ހައްޔަރު ވާނެ ބޭނުންނޫންނަމަ "ޑީލް" އެއް ހެދިދާނެ ކަމަށް މާޓިނޭޒް އެމީހުން ކައިރީގައި ބުންޏެވެ. އެއީ މަގުމަތީގައި ބަރަހަނާވެގެން ދުވުމެވެ.

އެ މައްސަލައިގަ ހިމެނޭ ދެ ޒުވާނުން ވަނީ ފަހުން ފްލޮރިޑާގެ ކޯޓަކަށް އެ މައްސަލަ ވައްދާފައެވެ. އެމީހުން މީޑިއާތަކަށް ބުނެފައިވާ ގޮތުން އެކަންތައް އެމީހުން ކުރީ އިތުރު ގޮތެއް ނެތުމުންނެވެ. ކޯޓަށް ދިން ހެކިބަހުގައި ފިރިހެން ޒުވާނާ، ޝޯލްޓާ ބުނެފައިވަނީ، "އަހަރެންނަށް އޭނާ ދިން ފުރުސަތުތަކަކީ ޖަލަށް ދިޔުން، އެހެން ނޫނީ ބަރަހަނާވެގެން ދުވުން، އެހެންވެ އަހަރެން އެތަނުން ނިންމީ ދުވަން." އެ މައްސަލައިގައި ހިމެނޭ އަންހެން ޒުވާނާ، ރައިލީ ހެކިބަސް ދެމުން ބުނެފައިވަނީ، "އަހަރެން ހަރުވާޅު ބޭލިން، ލައިގެން ހުރި ޓީޝާޓު ވެސް ބޭލިން. އޭނާ އާ ދިމާލަށް ބަލާފައި އަހަރެން އެހިން މިވަރުން ވާނެ ނޫންހޭ. އޭނާ އަހަރެންނާ ދިމާލަށް ބުނީ ތިނިމުނީ ހޭ؟." ކަމަށެވެ.

މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ފުލުސް މީހާ ވަނީ ރައިލީ ލައްވާ އޭނާ ލައިގެން ހުރި ހުރިހާ އެއްޗެއް ބާލުވާފައެވެ. ރައިލީ ކައިރިން ޖިންސީ އެދުމެއް ހޯދަންވެސް މާޓިނޭޒް އުޅުނު ކަމަށް އެ ޒުވާނާ ބުނެފައިވެއެވެ.

މާޓިނޭޒް ގެ މައްޗަށް ވަނީ މީހަކަށް ބިރުދައްކައިގެން ކަމެއް ހާސިލްކުރުމުގެ ދެ ދަޢުވާ އަކާއި، ނުގަވާއިދުން ޢަމަލްކޮށްފައިވާ ކަމުގެ ދެ ދަޢުވާ އުފުލާފައެވެ. އެ މައްސަލައިގަ އޭނާގެ މައްޗަށް މަދުވެގެން ހަ އަހަރާއި 60 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އޭނާގެ މައްޗަށް މިއަންނަ މަހުގެ 25 ވަނަ ދުވަހު ޙުކުމް އިއްވަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު