ސްޓާޕްލަސްގެ އެންމެ މަޝްޙޫރު އެއް ޑްރާމާ ސިލްސިލާ، 'ކަސޯޓީ ޒިންދަގީ ކޭ' ގެ މަޝްހޫރު ބަތަލު، ކަރަން ސިންގް އެ ސިލްސިލާ ދޫކޮށްލައިފިއެވެ.

ކަސޯޓީ ދިންދަގީ ކޭގެ ފުރަތަމަ ވާހަކައިގެ މަންޒަރުތައް ސްޓާޕްލަސް އިން ދައްކާ ނިންމާފައިވާތާ އަހަރުތަކެއް ފަހުން، އެ ސިލްސިލާގެ އާ ވާހަކައިގެ މައްޗަށް ބިނާކޮށް އަލުން އެ ސިލްސިލާ ނެރެން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އާ ސިލްސިލާގައި މިސްޓާ ބަޖާޖުގެ ރޯލު ކުޅެން ކަރަން ސިންގް ފަށާފައިވަނީ މިއަހަރުގެ ޖޫން ތެރޭގައެވެ.

ކަރަން ސިންގް އަކީ ގިނަ ޓީވީ ޝޯތަކުން އާއްމުންގެ މަޝްޙޫރުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ ވަނީ ބައެއް ފިލްމުތައްވެސް ކުޅެފައެވެ. ނަމަވެސް، 2016 ވަނަ އަހަރު ބޮލީވުޑްގެ މަޝްޙޫރު ބަތަލާ، ބިޕާޝާ ބާސޫ އާއި ކައިވެނި ކުރުމަށްފަހު އޭނާ ދުވަސްކޮޅަކަށް ކެމެރާ ތަކާ ދުރަށް ޖެހިލާފައެވެ. ކަސޯޓީ ޒިންދަގީ ކޭ ގެ ސްކްރިޕްޓު އޮންނަ ގޮތުން އެ ސިލްސިލާ މުޅިން ކަހަލަ ގޮތަކަށް އެނބުރެނީ އެ ވާހަކައިގެ އެންމެ މުހިއްމު 2 ރޯލަށެވެ. އެއީ ޕްރޭނާ އަދި އަނޫރާގުގެ ލޯބީގެ ވާހަކައަށެވެ. މިފަހަރު އެ ރޯލް ކުޅުމުންދަނީ އެރިކާ ފެނާންޑިޒް އާއި ޕާތް ސަމުތާންއެވެ.

ބަޖާޖުގެ ރޯލުން މި ސިލްސިލާގައި ކަރަން ސިންގު ކުޅެން ޖެހުނީ މެދު އުމުރުގެ ނުބައިބައި، މުއްސަނދި ވިޔަފާރިވެރިއެއްގެ ރޯލެވެ. އެ ރޯލަކީ ކަރަންގެ އެކްޓިންގ ހުނަރު އެންމެ ބޮޑަށް ދައްކާލެވޭ ކަހަލަ ރޯލަކަށް ނުވެއެވެ. މިފަހަރުގެ ކަސޯޓީ ސިލްސިލާ ބަލަމުންދާ މީހުންނަށްވެސް ވަނީ އެކަން ފާހަގަކުރެވިފައެެވެ. ބަޖާޖުގެ ރޯލުން ފުރަތަމަ ކަސޯޓީ ވާހަކައިގައި އެކްޓު ކޮށްދީފައިވަނީ ރޯނިތު ބޯސްއެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން މެދުނުކެނޑި ދައްކަމުން ދިޔަ އެ ސިލްސިލާ އެއްކޮށް ފުރިހަމަ ކޮށްފައެވެ. އަދި އޭނާގެ އެކްޓިންގް އަށް ބޮޑު ތަރުޙީބެއް ލިބި، ގިނަ ކާމިޔާބުތަކެއް ވަނީ ހޯދާފައެވެ.

ކަރަން ސިންގް އޭނާ އަށް އެ ސިލްސިލާ އާއެކު އިތުރަށް ކުރިއަށް ނުދެވޭނެ ކަން އެ ޝޯގެ ޑިރެކްޓަރު، އެކްތާ ކަޕޫރުއަށް ވަނީ ޙިއްސާކޮށްފައެވެ. އެކްތާ ވަނީ ކަރަން ގެ ނިންމުމަށް އިޙުތިރާމްކޮށް، އެ ނިންމުން ޤަބޫލުކޮށްފައެވެ. ޝޯ އާއި ވަކިވުމުގެ ކުރިން އެކްތާ ކަޕޫރް ވަނީ ކަރަން އަށް ޚާއްސަ 'ފެއާވެލް' އެއްވެސް ދީފައެވެ. ކަސޯޓީ އާއި ދުރަށް ދިޔުމަށް ފަހު، ކަރަން ވަނީ އެ ސިލްސިލާގެ މަސައްކަތުގައި އޭނާއާ އެއްކޮށް ބައިވެރިވި ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން ކަރަން ސިންގް ކަސޯޓީ ޒިންދަގީ ކޭ އާއި ވަކިވުމަށް ނިންމި އެއް ސަބަބަކީ އެ ސިލްސިލާގެ ކޮމަލިކާގެ ރޯލުން އާމްނާ ޝަރީފް، ޝޯއާއި ގުޅެން ހަމަޖެހިފައި އޮތުމުންނެވެ. ކޮމަލިކާގެ ރޯލު އައުމުން ދުވަސްކޮޅަކަށް ބަޖާޖު އާއި އޭނާގެ އާއިލާ، އެ ސިލްސިލާގެ މަންޒަރުތަކުން ދުރަށް ދާނެ ކަމަށް އެ ސިލްސިލާގެ ސްކްރިޕްޓު ކުރިއަށް ދާނެ ގޮތް އެނގޭ ބައެއް މީހުން ވަނީ ބުނެފައެވެ. ބަޖާޖުގެ ރޯލަށް އާ މީހަކު ނަގަން އަވަސް އަރުވާލާފައި ޕްރޮޑިއުސަރުން ނޫޅޭ ކަމަށްވެސް މަޢުލޫމާތު ލިބެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޠ

    މިޔަކީ އެއްވެސް ތާކު ހަރުލާ މީހެއް ނޫން.

    11
  2. ހަހާ

    އާއެކޭ.. ???