ކޮންމެ ޤައުމެއްގައިވެސް އެބައެއްގެ ޚާއްޞަ ބިނާތަކެއް ހުރެއެވެ. އެބައެއްގެ ފަޚުރުވެރި ތާރީޚު ދައްކުވައިދޭ އިމާރާތްތަކެއް ހުރެއެވެ. ސައްތައިން ސައްތަ ދިވެހިންގެ އެންމެ ޚާއްޞަ އެއް ބިނާއަކީ މާލޭގެ ހުކުރު މިސްކިތެވެ. ހުކުރު މިސްކިތް ޚާއްޞަވާ އެއް ސަބަބަކީ ހުކުރު މިސްކިތަކީ ދިވެހިންގެ އެންމެ ދުވަސްވީ އާސާރީ އެއް ބިނާކަމުގައި ވާތީއެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ 8 ވަނަ އަހަރު 28 ޝައުބާން 1066 (21 ޖޫން 1656) ދަރުމަވަންތަ ރަސްގެފާނު ބިނާކުރައްވައި، މީލާދީން 1338 ވަނަ އަހަރު ޝިހާބުއްދީން ރަދުން އާކުރައްވާފައިވާ ބިންގަލުގެ މައްޗަށް އަލުން ހިރިގަލުން ފަރުމާކުރައްވާފައި ވުމަކީވެސް އެމިސްކިތަކީ އާސާރީ ތަރިކައެއްކަން އަންގައިދޭ ކުލަގަދަ އެއް ހެއްކެވެ.

އިސްކަންދަރު ރަސްގެފާނު މާލޭ ހުކުރު މިސްކިތް މަރާމާތުކުރެއްވީ ހިރިގަލުގައި ވަރަށް ރީތި ކުރެހުންތައް އަޅުއްވައި ލަކުޑީގައި ލާފެންކޮށްގެންނެވެ. އަދި ޢަރަބި ބަހުން ލިޔެފައިވާ ހުރިހާ އެއްޗެއް ލިޔެ ނިންމުމަށް ދެ އަހަރުގެ ދިގުމުއްދަތެއް ނަގާފައިވެއެވެ. ބުރަ މަސައްކަތުން ފަރުވާތެރިކަމާއެކު ބިނާކޮށްފައިވާ އިހުގެ މިސްކިތަކަށް ވާތީ ހުކުރު މިސްކިތަކީ ދިވެހިންގެ އެންމެ ދުވަސްވީ އެއްތަރިކައެވެ.

ހިޖުރައިން 1085 ވަނައަހަރު، ހުކުރު މިސްކިތު ދެކުނު ދޮރާށި ބިނާކުރެއްވުމަށްފަހު މުންނާރު ބިނާކުރައްވައި، މުސްލިމުތަކުންނަށް ފަސްވަގުތު ނަމާދަށް ގޮވާ ތަނެއްގެގޮތުގައި ވެގެންދިއުމަކީ ފަހެ އާސާރީތަނެއްގެ ގޮތުގައި އެ މިސްކިތް ބަލަންޖެހޭނެ ސަބަބަކެވެ.

ހުކުރު މިސްކިތަކީ އާސާރީ ތަރިކައަކަށްވާ އަނެއް ސަބަބަކީ އެމިސްކިތުގެ ދެކުނު ދޮރާށީގައި ބެހެއްޓިފައި ހުރި ޚާއްޞަ ފިލައެވެ. އެފިލަޔަކީވެސް ދިވެހި ތާރީޚު ބަޔާންކޮށްދޭ ރިވެތި ނަމޫނާއެކެވެ. މީގެ އިތުރުންވެސް އެމިސްކިތުގެ ދޮރުތަކުގައި ލިޔެވިފައިވާ ކީރިތި ޤުރްއާނުގެ ލިޔުންތަކުންވެސް ކަނޑައެޅި އެނގިގެންދަނީ އެ މިސްކިތަކީ މިރާއްޖޭގައި އިސްލާމްދީނުގެ އަލިގަދަ ނޫރު ދެމިގެންދިއުމުގެ ވަރަށްމުހިއްމު އެއް ސަބަބު ކަމުގައެވެ. ރަސްރަސްކަލުންނާއި ދައުލަތުގެ ބޮޑުން ފަސްދާނުލެވިފައިވުމާއި މިސްކިތު ގޯތިތެރޭގައިވާ މަހާނަގާތަކުން ތާރީޚީ ގިނަ މަޢުލޫމާތު ތަކެއް ލިބެއެވެ.

އެމިސްކިތް ފަރުމާކުރެވިފައިވާ ގޮތުންވެސް ހުކުރު މިސްކިތް އާސާރީތަރިކައެއް ކަމުގައިވެއެވެ. މިސްކިތުގެ ބިއްތަކުން ފެންނަ ހިރިގަލުގެ އަޖައިބެއްފަދަ މަސައްކަތްތަކާއި ލަކުޑީގައި ލިޔެލާ ޖެހިފައިވާ ކުރެހުންތަކުން ދިވެހިންގެ ޒަމާންވީ ފަންނުވެރިކަން ދައްކުވައިދެއެވެ. މިސްކިތުގެ މަތިވަޑާމުން އެވޭލާ ދިވެހިންގެ މަސައްކަތްތެރިކަން ހާމަވެގެން ދެއެވެ.

ބޭރު ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ދެކެން ބޭނުންވާ އެއް ތަނަކީ ހުކުރު މިސްކިތެވެ. އެއްޤައުމުން އަނެއްޤައުމަށް ދަތުރުކުރާ ފަތުރުވެރިން ޒިޔާރަތްކުރާނެ އެއްތަނަކީ އެ ޤައުމެއްގައި ހުންނަ އާސާރީ ތަރިކައިގެ ގޮތުގައި ފާހަގަ ވެފައި ހުންނަ ތަންތަނެވެ.

އެފަދަ ތަނަކަށް ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއްތަރިކަ އަކީ ހުކުރު މިސްކިތެވެ. ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހުކުރު މިސްކިތް ހިމެނުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރީ އެހެންވެގެންނެވެ. ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ޔުނެސްކޯ އާއެކު ވަނީ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. އެމަސައްކަތްތަކުގެ ދަށުން ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގް ޖާގަ ހޯދާފައިވުމުން ފަތުރުވެރިންގެ މެދުގައި މިތަން މަގުބޫލުވެގެން ދާނެ ކަމަށް މިނިސްޓްރީން ގަބޫލު ކުރެވެއެވެ.

މިދިވެހި ފަސްގަނޑުގައި ހުރި އެންމެ އާޘާރީ ބިނާއަކީ މާލޭ ހުކުރުމިސްކިތެވެ. އެތަން ފަރުމާކުރެވިފައި ހުރި ގޮތާއި އެތަނަށް ވެފައިވާ ދުވަހާއި އެތަނުން ކުރެވިފައި ހުރި ބޭނުންތަކަށް ބަލާއިރު ހުކުރު މިސްކިތަކީ ދިވެހިންގެ އެންމެ ދުވަސްވީ އެއް ތަރިކަކަން ޤަބޫލުކުރެވެއެވެ.