ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު ޑްރަގު ވިޔަފާރިވެރިޔާ، 'އެލްޗާޕޯ' ގެ އެންމެ ހަގު ދަރިފުޅު، އޮވީޑިއޯ ގުޒްމަން ހައްޔަރުކުރުމުން، ސިނަލޯއާގައި ސިފައިންނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރީވެސް އެލްޗާޕޯގެ ދަރިއެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މެކްސިކޯގެ ފަރުބަދަމަތީ ސްޓޭޓެއް ކަމަށްވާ ސިނަލޯއާގެ ކުލިއަކާން ގައި ހަމަނުޖެހުންތައް އުފެދުނީ ސަރުކާރުގެ 35 ސިފައިންގެ ފައުޖަކުން ގެއެއް ރެއިޑްކޮށް އެގެއިން އެލްޗާޕޯގެ 2 ދަރިން ކަމަށްވާ 39 އަހަރުގެ އިވާން ގުޒްމަން އާއި 28 އަހަރުގެ އޮވީޑިއޯ ގުޒްމަން ހައްޔަރުކުރުމުން ކަން މިހާރު ވަނީ އެނގިފައެވެ.

ސިފައިންގެ އަސްލު ޓާގެޓަކަށްވެސް ވެފައި އޮތީ އޮވީޑިއޯ ހައްޔަރުކުރުމެވެ. އެއީ އޭނާ ހައްޔަރުކޮށްގެން އެމެރިކާއަށް އެތެރެކޮށްދިނުމަށް އެދި މެކްސިކޯގެ ސަރުކާރަށް އެމެރިކާއިން ހުށަހަޅާފައިވާ ރަސްމީ 'އެކްސްޓެޑިޝަން ނޯޓިސް' އަކަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. ސިފައިންގެ ރެއިޑްގެ ތެރެއިން އިވާން ހައްޔަރުކުރުމުން އޭނާގެ ރައްކަލަކަށް 24 ގަޑިއިރު ތިބޭ ގޭންގުގެ ޓީމަކުން ވަނީ ލަސްތަކެއް ނުވެ، ސިފައިން ފޫއެޅުވުމަށްފަހު އޭނާ އެމީހުން އަތުން ސަލާމަތްކޮށްގެން ރައްކާވެފައެވެ.

ސިފައިންގެ އަތްދަށުން ސަލާމަތްވުމަށްފަހު، އޭނާގެ ކޮއްކޮ ސަލާމަތް ކުރަން ވެގެން ސިނަލޯއާ ހަނގުރާމައިގެ މައިދާނަކަށް ހެދީ އިވާންގެ ސީދާ އޯޑަރަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސިފައިންނަށްވެސް ކޮންޓްރޯލް ނުވާ ވަރުގެ ބާރުގެ ބޭނުން ސިނަލޯއާ ގޭންގުގެ މީހުން ދެއްކިއެވެ. އިވާންގެ އަމުރުގެ ދަށުން ސިނަލޯއާ އަށް ނިސްބަތްވާ ކުލިއަކާންގެ ޖަލެއްގައި ތިބި 56 މީހަކު ވަނީ ހަމަނުޖެހުން އުފައްދާ، ބާރުގެ ބޭނުންކޮށްގެން، ސިފައިންގެ އަތުން ހަތިޔާރުތައް އަތުލުމަށްފަހު، ޖަލުން ފިލައިގެން، "ހަނގުރާމައިގަ" ބައިވެރިވާން "މައިދާނަށް" ގޮސްފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ސިނަލޯއާއިން ބޭރުވުމުގެ ކުރިން އެމީހުން ސިފައިންގެ ފައުޖުގެ 8 މީހަކު ރަހީނުކުރިއިރު، ސިފައިންގެ އާއިލާގެ ބައެއް މީހުންވެސް ރަހީނުކޮށްފައިވާ ކަމަށް މެކްސިކޯގެ ނޫސްތަކުން ޚަބަރު ލިބެއެވެ. ސިނަލޯއާގައި ބަޑިޖެހުމުގެ ހަމަލާތަކުގައި ސިނަލޯއާ ގޭންގުގެ މީހުން އަސްކަރީ ފެންވަރުގެ ބަރު ހަތިޔާރާއި، ބަޑިއާއި، އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. ހަމަލާތަކުގައި ސިނަލޯއާ އަށް ވާގިވެރިވާ 5 މީހަކު މަރުވިއިރު، ޖަލުން ނުކުތް މީހަކާއި، މެކްސިކޯގެ ސިފައިންގެ މީހަކާއި، އާއްމުންގެ މީހަކުވެސް ވަނީ މަރުވެފައެވެ.

މެކްސިކޯ ސަރުކާރުން އެންމެ ފަހުން ހަމަލާ ބަދަލްކުރުންތައް ހުއްޓާލުމަށް ނިންމީ ސަރުކާރުގެ ސިފައިންނަށް ސަލާމަތް ވެވޭނެ އެއްވެސް އަލި މަގެއް ނުފެނި، ހަމަލާތަކުގެ ތެރޭގައި ސިފައިން އެއްކޮށް ތާށިވެގެންނެވެ. އޭރު ސިނަލޯއާ އާ ގުޅޭ ހުރިހާ ބޮޑެތި މަގުތަކާ، ހުރިހާ މުހިއްމު ތަންތަނެއްގައި ސިނަލޯއާ ގޭންގުގެ މީހުން ފާރަޔަށް ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. ސިފައިން އެމީހުންގެ އޮޕަރޭޝަން ނިންމާލީ، އެލްޗާޕޯގެ ހަގު ދަރިފުޅު، އޮވީޑިއޯ ގުޒްމަން ދޫކޮށްލުމަށްފަހުގައެވެ.

"އަހަރެން ޤަބޫލު ކުރާ ނިންމުންތައް ނިންމިފައި ހުރީ މި ހާދިސާގަ. ވަރަށް ގިނަ އާއްމުން ތިބީ ފުރާނައަށް ނުރައްކާވެދާނެ ހާލަތެއްގަ. އަހަރެމެންގެ އެންމެ މުހިއްމު ޒިންމާއަކީ ރައްޔިތުން ސަލާމަތްކުރުން." ސިނަލޯއާގައި ކުރިއަށްދިޔަ އޮޕަރޭޝަނާއި ގުޅިގެން މެކްސިކޯގެ ރައީސް، އަންދްރޭސް މެނުއަލް ލޮޕޭޒް ބުންޏެވެ.