ޗައިނާ މީހެއްގެ މޫނުގައި ހެފި މަދިރިއެއްގެ ސަބަބުން، އޭނާގެ ކޯ ފުޅަ އަޅައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޝެންގޔަންގއަށް ނިސްބަތްވާ ހޫ ނަމަކަށް ކިޔާ މި މީހާގެ ކޮލުގައި މަދިރި ހަފާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޗުއްޓީ ހޭދަކޮށްލަން ކުރި ދަތުރެއްގެ ތެރެއިންނެވެ.

ހޫ ބުނީ، އެ މަދިރި އޭނާގެ މޫނުގައި ހެފުމުން، ފުރަތަަމަ އުނދަގޫތަކެއް ނުވާ ކަމަށެވެ. ނަމަވެސް، އޭނާގެ އަތް ހަޑިވެފައިވަނިކޮށް، މޫނުގެ އެ ތަންކޮޅު އޭނާ ކަހާލީއެވެ. އެހެނެވެ އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ މޫނުގައި އެ މިދިރި ދަތް އެޅި ތަން ވަރަށް ބޮޑަށް ދުޅަވިއެވެ. އަދި އެތަނުގައި ބިހިތަކެއް ޖެހިއެވެ.

ހޫ އެންމެ ފަހުން، ޝެންގޔަންގ މިލިޓަރީ ހޮސްޕިޓަލަށް ދެއްކިއެވެ. އޭނަ ދައްކާފައި ވަނީ ޕްލާސްޓިކް ސާޖަރީ ސެޕެޝަލިސްޓެއްކަމަށްވާ ޑރ. ލިއު އަށެވެ. އެ ޑޮކްޓަރު ހޫ ކައިރީ ބުނީ، އެ ޖަރާސީމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

ހޫއަށް އެހެންވުމުގެ ސަބަބުން އޭނާގެ ވާތް ފަޅީގެ ލޯވެސް ނުހުޅުވެއެވެ.

އެންމެ ފަހުން ޑޮކްޓަރު ބެލިބެލުމުން އެނގުނުގޮތުގައި، އޭނާގެ ކޮލުެ ކަށިގަނޑާއި ހަމައަށް އެ ޖަރާސީމުގެ އަސަރު ވަނީ ފޯރާފައެވެ. އަދި އޭނާގެ ފުރާނައަށް ގެއްލުންވެދާނެ ކަން ޑޮކްޓަރަށް ވަނީ އެނގިފައެވެ.

ޑޮކްޓަރު ލިއު ބުނީ، އެ މަދިރި ހެފުމުން، އެ ހެފި ތާ މަތީގައި އަތް ކާތާ ހެދުމަކީ އެތަނުގެ ތެރެއަށް ޖަރާސީމު ވަންނަ ކަމެއް ކަމަށެވެ. އަދި މިކަން އާއްމުކޮށް ދިމާވަނީ، ކުޅެން އުޅެފައި، އަތުގައި އާއި ނިޔަފަތީގައި އެއްޗެހި ހުންނަ ވަގުތުތަކުގައި އަތް ނުދޮވެ މޫނުގެ އެފަދަ ތަންތަނުގައި އަތްލުމުން ކަމަށްވެސް އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހޫގެ ކޮލުގެ އެ ތަންކޮޅު ޖެހުނީ އޮޕަރޭޝަންކޮށްފައި ނަގާށެވެ. އެއީ އެތަނުގައި ޖަރާސީމު ވަަރަށް ބޮޑަށް ހުރުމުގެ ސަބަބުން އެތަންކޮޅު ވަރަށް ބޮޑަށް ހަލާކުވެފައި ވުމުންނެވެ. އޭނާގެ ކޮލުގައި "ފުޅަ"އެޅި އެ ބައި ނަގާފައި، އެތަނަށް ލައްވާފައި ވަނީ އަތުގެ ހަންގަނޑުން ނަގާފައިވާ ތަންކޮޅެކެވެ.