ޗޮކްލެޓަކީ އެންމެންވެސް ކާހިތްވާ އެންމެ މީރު އެކައްޗެވެ. ޗޮކްލެޓަށް ލޯބި ނުކުރާ މީހަކު މަދުވާނެއެވެ. ކޮންމެ މުނާސަބާއެއް ފާހަގަކުރަންވެސް އެންމެ ފަސޭހައިން ހަދިޔާކޮށްލެވޭ އެއްޗަކީ ޗޮކްލެޓެވެ.

މިއީ ޗޮކްލެޓްކާން ފޯރި ހުންނަ މީހުންނަށް އޮތް ހިތާމަވެރި ޚަބަރެކެވެ. މީހަކު 1000 ޑޮލަރުގެ އަގުހުރި ޗޮކުލެޓު އަންދާލައިފިއެވެ. އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ބްރޫނޯ ބުޗެޓް ނަމަކަށް ކިޔާ މި މީހާ އަކީ ކާބޯތަކެތީގެ ބައެއް އުފެއްދުންތައް ރިވިއުކޮށް ވީޑިއޯ އަޕްލޯޑުކުރާ މީހެކެވެ.

އޭނާ އަންދާފައިވަނީ ކެޑްބަރީ ކެރެމިލްކް ބްރޭންޑުގެ ޗޮކްލެޓުތަކެކެވެ. އެއީ ކެޑްބަރީ އިން އުފެއްދި ލިމިޓެޑް އެޑިޝަންގެ ޗޮކްލެޓުތަކެކެވެ. އެންމެ ބޮޑު ސައިޒުގެ 16 ޗޮކްލެޓެވެ. އެ ޗޮކުލެޓުތައް އޭނާ ގަތީ އީބޭ އިން 1000 ޑޮލަރަށެވެ.

އެ ޗޮކްލެޓުތައް ރިވިއުކޮށް އޭނާ ހެދި ވީޑިއޯން އިން ފެންނަ ގޮތުގައި ޗޮކުލެޓެއް ޕެކެޓުން ކަނޑާލުމަށްފަހު ކުދިކޮށްލައެވެ. އަދި ޗޮކްލެޓުގެ ތަންތަންކޮޅު ބިންމައްޗަށް އަޅާލައެވެ.

ދެން އޭނާ ކުރާ ކަމަކީ ޗޮކުލެޓުތައް ތެއްޔެއްގެ މައްޗަށް އަރުވައި އަންދާލަނީއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާ އާމެދު ނުރުހުން ފާޅުކުރަމުންނެވެ.