އަހަރެން ވަރަށް ކުޑައިރު އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. ބައްޕަ ނިޔާވިތާ މާ ދުވަހެއް ނުވެ މަންމަ އެހެން މީހަކާ ކައިވެނި ކުރިއެވެ. މަންމަގެ ހުންނަ ހަމައެކަނި ދަރިއަކީ އަހަންނެވެ. އެހެންކަމުން މަންމަ އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމައާއި އެއްވަރަަށް ދޮންބައްޕަވެސް އަހަންނަށް ރަނގަޅެވެ. އުފަން ބައްޕަ ކަމުގައި ނުވި ނަމަވެސް ވަކި ތަފާތެއް ނެތެވެ. ބައްޕައެއްގެ ކިބައިން ލިބެން ޖެހޭ ލޯބި ދޮންބައްޕަގެ ފުށުން އަހަންނަށް ލިބެއެވެ.

އަހަރެމެން ދިރިއުޅެމުން އައީ މާލޭގެ އެއް ކޮޓަރީގެ އެޕާޓުމެންޓެއް ކުއްޔަށް ނަގައިގެންނެވެ. މަންމައަކީ ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. ދޮންބައްޕައަކީ އަމިއްލަ ވިޔަފާރިވެރިއެކެވެ. ގިނަ ވަގުތު ދޮންބައްޕަ އުޅޭނީ ގޭގައެވެ.

އަހަރެންގެ އުމުރުން އެއިރު 13 އަހަރެވެ. އަހަރެން ތައުލީމު ހާސިލް ކުރަމުން ދިޔައީ މާލޭގެ ސްކޫލެއްގެ ގްރޭޑް 7 އެއްގައެވެ. ސްކޫލަށް ދިޔުމަށް ނޫން ގޮތަކަށް އަހަރެން ގެއިން ވަރަށް ނުނިކުންނަމެވެ. ސްކޫލު ބަންދު ދުވަހެއް ނަމަ ދޮންބައްޕަ އަހަރެން ގޮވައިގެން ދުއްވާލަން ދާނެއެވެ. ދޮންބައްޕަ އަހަންނާއި މެދު ބާއްވާ ގާތްކަމުގެ ސަބަބުން އަހަރެން ވަރަށް ގަދަރު ކުރާ މީހަކަށް ދޮންބައްޕަ ވިއެވެ. އަދި އުފަން ބައްޕައެއްދެކެ ވާ ލޯބި ދޮންބައްޕަގެ ދެކެ ވާން ފެށިއެވެ.

މަންމަ އަކީ އަދާކުރާ ވަޒީފާގެ ސަބަބުން ބައެއް ފަހަރުން މާލެއިން ބޭރަށް ދާން ޖެހޭ މީހެކެވެ. އެގޮތުން އެއްފަރެއްގައި މަންމަ މާލެއިން ބޭރަށް ދިޔަ ދުވަހެކެވެ. ގޭގައި އުޅުނީ އަހަންނާއި ދޮންބައްޕަ އެކަންޏެވެ. އާންމު ގޮތެއްގައި އަހަރެން ނިދަނީ ވަކިން އެނދެއްގައެވެ. ނަމަވެސް އެރޭ މަންމަވެސް ނެތުމާއި އެކު އަހަންނާއި ދޮންބައްޕަ ނިދީ އެއް އެނދެއްގައެވެ.

ޖެހިގެން އަދި ދުވަހު އަހަރެން ނިދިން ހޭލިއިރު، އަހަރެންގެ ގައިގެ އެތަން މިތާނގައި ވަރަށް ރިއްސަން ފެށިއެވެ. އެވާހަކަ ދޮންބައްޕަ ގާތު ބުނުމުން ބޭސްކޮޅެއް އުނގުޅައިދީ، އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ބުންޏެވެ. އެހެންކަމުން އަހަރެންވެސް އެކަން މާ ބޮޑު ކަމަކަށް ނުހަދަމެވެ. ގައިގައި ރިއްސަނީ ދޮންބައްޕަގެ ގޯނާގެ ސަބަބުންކަން އަހަންނަށް އެއިރު ނުވިސްނެވެ.

އެ ދުވަހު ސްކޫލަށް ގޮސް އެނބުރި ގެއަށް އައި ގޮތަށް އަހަންނަށް ނިދުނެވެ. ވެފައި ހުރި ވަރުބައްޔާއި، ގައިގެ އެކި ތަންތާނގައި ރިއްސާލެއް ބޮޑު ކަމުން އަރާމު ކުރަން ބޭނުންވެފައި ހުރި ވަރުންނެވެ. އިރުކޮޅެއް ފަހެވެ. އަހަންނަށް ހޭލެވުނީ އަހަރެންގެ އަތް ފަޔަށް ވާން ވާހެން ހީވުމުންނެވެ. ލޯހުޅުވާ އަޑުގެ ނެތް ތަނަށް ހަޅޭ ލަވައިގަތީމެވެ. ނަމަވެސް އަނގަމަތީގައި ފޮތިގަނޑެއް އައްސާފައި ހުރުމުން އަހަރެންގެ އަޑު މާ ގަދައެއް ނުވިއެވެ. އެއިރު އަހަރެންގެ އަތްފައި ވަނީ ރަނގަޅަށް ބަދެލާފައެވެ. އެކަން އެކުރީ ދޮންބައްޕައެވެ. އެއިރު ހުސްގަޔާ ހުރެ ދޮންބައްޕަ އަހަންނާއި ކައިރިވަމުން ދިޔައެވެ. އަދި އަހަރެން ބަރަހަނާ ކުރުމަށް ފަހު އަހަރެންގެ ހަށިގަނޑުގެ ގުނަވަންތަކުގައި އަތްލާން ފެށިއެވެ. އެއައަށް ފަހު އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތެވެ. އެތައް އިރަކު އަހަންނަށް ޖިންސީ ގޯނާ ކުރުމަށް ފަހު ދޮންބައްޕަ އަހަރެން ދޫކޮށްލިއެވެ. އަދި އެކަން ސިއްރު ކުރުމަށް އެދުނެވެ. އެކަން ސިއްރު ނުކޮށްފިނަމަ މަންމަ މަރާލާނެ ކަމުގެ އިންޒާރު އަހަންނަށް ދިނެވެ.

އެ ދުވަހަކަށް ފަހު މަންމަ ރަށުން ބޭރަށްދާ ކޮންމެ ދުވަހަކު ދޮންބައްޕަ އަހަންނާ ބެހެއެވެ. އެކި ވަރުގެ އަނިޔާ އަހަންނަށް ކުރެއެވެ. ދޮންބައްޕަގެ ލާއިންސާނީ އަނިޔާގެ ވާހަކަ އަހަރެން މަންމައަށް ކިތަންމެހާވެސް ކިޔާދޭން ބޭނުންވިއެވެ. ނަމަވެސް އެވަރުގެ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ.

ދޮންބައްޕަގެ އަނިޔާއާ ދެކޮޅަށް އަހަންނަށް ފުރަތަމަ އެއްޗެއް ބުނަން ކެރުނީ އެއް ކުލާހެއްގައި ކިޔެވި ނިޝާގެ ސަބަބުންވެ. ނިޝާ އެދުނީ ބިރު ފަހަނައަޅައި ގޮސް އެވާހަކަތައް މަންމައަށް ކިޔާ ދިނުމަށެވެ. އެހެންކަމުން ދޮންބައްޕަ ގޭގައި ނޫޅޭ ވަގުތެއްގައި އެވާހަކަ އަހަރެން މަންމައަށް ކިޔާދިނީމެވެ. މަންމައަށް އެވާހަކަތައް ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑު ފެނުމުން މަންމައަށް ޔަޤީންވިއެވެ.

އެ ދުވަހު ދޮންބައްޕަ ގެއަށް އައުމުން، މަންމަ ދޮންބައްޕައަށް ވަރަށް އެއްޗެތި ގޮވިއެވެ. އަދި އެއީ ޖަނަވާރެއް ކަމަށް ބުނެ މައްސަލަ ރިޕޯޓު ކުރާނެ ކަމަށް ބުންޏެވެ. އަދި ދޮންބައްޕައާއި އެކީ އުޅެން ބޭނުން ނުވާ ކަމަށް ބުނެ އަހަރެން ގޮވައިގެން މަންމަ ގެއިން ނުކުތެވެ. އަހަރެމެން ދިޔައީ މަންމަގެ ދައްތައެއްގެ ގެއަށެވެ. އެގެއަށް ގޮސް ފުލުހުންނަށް އަހަރެމެން އެ މައްސަލަ ރިޕޯޓް ކުރީމެވެ. އެ މައްސަލައިގައި ބައްޕަ ހައްޔަރުވެސް ކުރިއެވެ.

ބައްޕަ ހައްޔަރު ކުރުމުން މަންމައާއި އަހަރެން ދިރިއުޅެމުން އައީ މަންމަގެ ދައްތަގެ ގޭގައެވެ. އަދި ބަރުބާދުވެފައިވާ ހަޔާތް މަޑުމަޑުން އާރާސްތު ކުރެވޭތޯ އަހަރެން ފެށީމެވެ.

އެ ހާދިސާއަށް މިއަދު އެތަކެއް އަހަރެއް ވީއެވެ. އުމުރުން އެންމެ 13 އަހަރުގައި އަހަރެން މިވަނީ ރޭޕް ކުރެވިފައެވެ. އެއީ އަހަރެންގެ މާޒީއެވެ. މިއަދު އަހަރެން އުފަލުގައި އުޅުނަސް އެ ލައްގަނޑު އަހަރެންގެ ހަޔާތުން ދުވަހަކުވެސް ނުފޮހެވޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ދެރަ

  ކިހާ ދެރަ.. މި ފިރިހެނުއްނައް އިތުބާރު ކުރާކައް ނުވާނެ..އަހަރުމެން ރަށުގަ އަސްލު ބައްޕަ އާ ދަރިއާ އުޅުނު ހިތާ ވެގެން.. ދެމީހުންވެސް ހަމަ ރުހިގެން.. އެ އަންހެން ކުއްޖާ އޭނަ މަންމަ އެ ގެއިންވެސް ނެރުނު...

  22
 2. ޙހގގފ

  އެއް އެނދެއްގަ ނިދި ވާހަކަ އޮތީމަ ހައިރާންވީ. މަންމަ ބުނެދީފަ ބާއްވަން ޖެހޭނެ އެކަހަލަ ކަންތައް. ދެބޭންގެ ވެސް އެނދު ވަކިކުރަން އޮންނަނީ ސަބަބަކަށްޓަކާ

  47
  • އިބްރާހިމް

   މަންމަ ދަރިން ގޭގަ ބިކަކުރުމުގެ ނަތީޖާ. ވަޒީފާއަށް ނުގޮސް ފަގީރުކަމުގައި އުޅުމަށްވުރެ ދަރިން ހަލާކުވުން ރަނގަޅުވާނީ ކިހިނެތްތޯ؟

   13
   1
   • ހޫ

    ގޯސްވަނީ ވަޒީފާއަށް ދިއުމެއްނޫން. ގޯހީ ދަރިއަށް ރައްކާތެރި މާހައުލެއް ދެވިފަނެތުން.

    10
 3. މާމިގިލީ މީހާ

  ތިކަހަލަ ކިތައްމެ ކުއްޖަކަށް މިހާރުވެސް ދޮންބައްފަގެ އަނިޔާ ލިބެމުއެބަދެއި. މައިމީހާ ވިސްނާންޖެހޭ ހަގީގަތެއް މީ.

  33
 4. އަރޫ

  13 އަހަރުގެ ކުއްޖަކު ފިރިހެނަކާއެކީ އެކަނި ކޮޓަރިއެއްގަ ބަހައްޓާފަ ރަށުން ބޭރަށް ދިޔަ މަންމައަށް ހިތުގެ އަޑިން ސަލާމް

  51
 5. އިބްރާހިމް

  ދަރިން ގޭގައި ބިކަކޮށްފައި އަންހެނުން ވަޒީފާއަށް ދިއުމުގެ ނަތީޖާ. ލޮބުވެތި ކަނބަލުންނޭވެ. ﷲ ޞވޢ ތިޔަކަނބަލުންނަށް ދަރިން ދެއްވަނީވެސް ތިޔަކަނބަލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށްޓަކައި އިމްތިހާން ކުރެއްވުމަށްޓަކައެވެ.

  32
  • ފަރޭ

   އަނބި މީހާ އާއި ފިރިމީހާ ވަޒީފާ އަށް ދާން ޖެހެނީ ލިބޭ އެއްޗަކުން ނުފުދޭތީވެ މަޖުބޫރު ވެގެން. ކުލި އެހާ ބޮޑު، އެއްޗެހީގެ އަގު އެހާ ބޮޑު އަދި ކޮބާ ކަރަންޓާއި ފެން އަގުހެޔޮ ކުރީމަ ބިލް އަންނަނީ ބޮޑުކޮއް. 15000ރ ލިބެއިރު ސަރުކާރަށާ ސަރުކާރުގެ ހިއްސާ އޮންނަ އެހެން ކުންފުނި ތަކައް މަދުވެގެން 7000ރ ދައްކަން ޖެހޭ. މީގެ ބާކީ އަށް ދެން ހުރި މީހާގެ މުސާރައިގެން %80 ލައިގެން ކުލި ދައްކަން މިޖެހެނީ. ބާކީން ކިރިޔާ އަތާ ފަޔާ މި ދިމާވަނީ. ނަސީބެއް އާސަންދަ ވެސް އޮންނަކަން.

   8
   7
   • އިބްރާހިމް

    ފަގީރުކަމުގައި އުޅުން ދަރީން ހަލާކުވުމަށްވުރެ ރަނގަޅު ނުވަނީތޯ؟

    9
    1
 6. އެންދެރި

  ފަސޭހައިން ޕޯން ސައިޓް ތަކަށް ވަދެވޭތީ ފަސޭހައިން ހުރިހާ ވައްތަރެއް ގެ ޖިންސީ އަމަލުތައް ފެނި ދެވި ހިފަނީ އެވެ. މިކަމާ ދެކޮޅަށް ސޯސަލް މީޑިޔާ ގަ މަސައްކަތް ކުރަން ވީ އެވެ.

  27
  1
 7. ޝަމް

  ފިރިމީހާއަށް ކިތަންމެ އިތުބާރެއް ކުރިޔަސް އަމިއްލަ އަތުން ތިޔަހެދުނީ ގޯހެއް... ބޮޑުވެ ފުރާވަރަަށް އަރާފަ ހުރި އަންހެން ކުއްޖަކު ގޭގަ ބަފަޔާ ހަވާލު ކޮއްފަ ތިދިޔައި.. ވަރަށް ދެރަވެއްޖެ..

  24
 8. މަންޖެ

  ހެޔޮ ނުވާނެ. ވަރަށް ދެރަވެއްޖެ. ޔާﷲ އެ ނުބައި މީހާއަށް ގަދަފަދަވެގެންވާ އަޒާބު ދެއްވާ އެ ނިކަމެތި ކުއްޖާއަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ދެއްވާނެދޭވެ. އާމީން.

  22
  1