ބްރިޓިޝް އެއާވޭސް ގައި މަސައްކަތްކުރަމުން އަންނަ ކެބިން ކްރޫ އެއްގެ ލޯބިވެރިޔާ އާއި ޑިއުޓީގައި ހުރި ޕައިލެޓާއި ތަޅައިގަތުމުން އެ ކެބިން ކުރޫ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ފްލައިޓުގައި ހަމަނުޖެހުން ހިންގާ ވާހަކަ އަކީ އެއީ އަބަދުވެސް އަޑު އިވެމުން އަންނަ ވާހަކައެކެވެ. ބައެއްފަހަރު އޭގައި ތިބޭ ޕަސެންޖަރުން ތަޅައި ގަންނައިރު އަނެއްބައި ފަހަރު ކެބިން ކްރޫއިން ތަޅައެވެ. އެހެން ނަމަވެސް މިފަހަރު ހަމަލާދީފައިވަނީ ފްލައިޓުގެ ޕައިލެޓަށެވެ.

މި ހާދިސާ ހިނގާފައިވަނީ ސިޑްނީ އިން ފުރައިގެން ލަންޑަނަށް ދާން އޮތް ފްލައިޓު ސިންގަޕޫރުގައި މަޑު ކޮށްފައި އޮތް ވަގުތެއްގައެވެ. ނަތާލީ އުޅުނީ އެތަނުން އޭނާގެ ލޯބިވެރިޔާ އެ ފްލައިޓަށް އަރުވައިގެން ޕަސެންޖަރެއްގެ ގޮތުގައި ދާށެވެ. ކަންދިމާ ކުރިގޮތުން ފްލައިޓު ނައްޓާލުމުގެ ކުރިން ލޯންޖު ތެރޭގައި އެ ފްލައިޓު ދުއްވަން ހަމަޖެހިފައި އޮތް ޕައިލެޓާއި ނަތާލީގެ ލޯބިވެރިޔާ އާއި ދެމެދު ވަނީ ޒުވާބެއް ހިނގައި މައްސަލަ ހޫނުވެފައެވެ.

ބައެއް ނޫސްތަކުން ބުނަމުން އަންނަނީ އެ ޕައިލެޓަކަލީ ނަތާލީ އާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ މީހެއް ކަމަށެވެ. މިދެފަރާތުން އަރާރުން ވުމުން އޭގެ އަދަބު ލިބިފައިވަނީ ނަތާލީ އަށެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ސުވާލުތައް އުފައްދަމުންނެވެ.

އެ ފްލައިޓުގައި ދެން ތިބި ކްރޫއިން ބުނެފައިވަނީ ނަތާލީގެ މައްސަލަ މިހާރު ބަލަންމުން އަންނަ އިރު ޕައިލެޓްގެ މައްސަލަ ބަލަމުން ނުދާ ކަމަށެެވެ. އެމީހުން ގަބޫލު ކުރާގޮތުގައި އޭގައި ގޯސްވަނީ ޕައިލެޓެވެ. އެއީ އިސްވެ ޖަހާފައި ވަނީ ޕައިލެޓު ކަމަށް އެމީހުން ބުނާތީއެވެ. ނަމަވެސް އަނެއްބަޔަކު ބުނަމުން އަންނަނީ އެ މީހާ ޕައިލެޓާއި އަރާރުންވި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ބްރިޓިޝްގެ ނޫހަކާއި ވާހަކަ ދައްކަމުން ބްރިޓިޝް އެއާވޭސްގެ އޮފިޝަލަކު ބުނެފައިވަނީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އެއްވެސް މުވައްޒަފެއްގެ ފަރާތުން އެކަހަލަ ދަށު ދަރަޖައިގެ އަމަލެއް ފެނިގެން ނުވާނެ ކަމަށެވެ.