ދުނިޔޭގެ ގިނަ ބަޔަކު މުނިފޫހި ފިލުވުމަށްޓަކައި ބޭނުން ކުރަމުން އަންނަ "ނެޓްފްލިކްސް" އިން އެކައުންޓުގެ ޕާސްވޯޑު އެހެން ފަރާތްތަކާއި ހިއްސާ ކުރާ މީހުންގެ އެކައުންޓުތައް ބަންދު ކުރަން ނިންމައިފިއެވެ.

މިހާރު ނެޓްފްލިކްސް ބޭނުން ކުރާއިރު އެއަށް ފައިސާ ދައްކަން ޖެހޭނީ އެންމެ މީހެކެވެ. ދެން ހިލޭ އެހެން ފަރާތްތަކާއި އެކައުންޓު ހިއްސާ ކުރެވޭނެއެވެ. ނަމަވެސް، މިހާރު އެ ކުންފުނިން މިވަނީ މިކަން ބަދަލު ކުރަން ނިންމާފައެވެ.

މިކަމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެންމެ މީހަކު ފައިސާ ދެއްކުމަށް ފަހުގައި އެހެން ފަރާތްތަކަށް ހިލޭ ނެޓްފްލިކްސް ބޭނުން ކުރެވުމުން އެމީހުންގެ ވިޔަފާރީގެ ހަގީގީ މަގްސަދު ހާސިލް ނުވާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

137 މިލިއަން މީހުން ނެޓްފްލިކްސް ބޭނުން ކުރަމުން އަންނައިރު، އޭގެ ތެރެއިން 10% ނުވަތަ 13.7 މިލިއަން މީހުން ދައްކަން ޖެހޭ ވަރަށް ފައިސާ ނުދައްކައި ނެޓްފްލިކްސް ބޭނުން ކުރެއެވެ. އެއީ އެ ކުންފުންޏަށް މަހެއްގެ މައްޗައް ލިބެން ޖެހޭ، ނަމަވެސް އެކައުންޓު ހިއްސާ ކުރުމުގެ ސަބަބުން ގެއްލިގެން ދާ 135 މިލިއަން ޑޮލަރެވެ.

މީގެ އިތުރުންވެސް ނެޓްފްލިކްސް އިން ވަނީ އެކައުންޓުގެ ޕާސްވޯޑް ހިއްސާ ކުރުމުގެ ސަބަބުން ސަލާމަތީ އެތައް މައްސަލަތަކެއްވެސް ކުރިމަތިވާ ކަމަށް ބުނެފައެވެ. އެއީ އެކައުންޓުގެ ޕާސްވޯޑް އެހެން ފަރާތްތަކަށް ދިނުމުން އެމީހުންނަށް ތިމާގެ ކްރެޑިޓް ކާޑު ފަދަ މުހިއްމު އެއްޗެހި ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ. އެހެންކަމުން މިކަމަށް ސަމާލުވުން މުހިއްމެވެ. އަދި މިހާރުން ފެށިގެން އަމިއްލަ ނެޓްފްލިކްސް އެކައުންޓެއް ގެންގުޅުމަށް ތައްޔާރުވާން ފަށާށެވެ. އެއީ ނެޓްފްލިކްސް އިން އެކައުންޓުތައް ބަންދު ކުރުމުގެ މަސައްކަތް ކުރަން ވަރަށް އަވަހަށް ފަށާނެތީއެވެ.