ވަރަށް ގިނައިން މީހުން ބުނާތީ އަޑު އަހަމެވެ. "އަހަންނަށް ރަނގަޅަށް ނުނިދޭތާ ދެތިން ދުވަސް ވެއްޖެ އޭ. މިވާ ގޮތެއް އުޅެ އުޅެ ނޭނގުނޭ." މިއީ ހަމަ ހަގީގަތުގައިވެސް ވެދާނެ ކަމެކެވެ. ނަފްސާނީ ބަލިގޮތަށް މިވެސް ހަމަ ބައްޔެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އެކަމަކު ގިނަ ފަހަރު ބަލި ދެނެގަންނަން އުދަނގުލެވެ. މި ބައްޔަށް ކިޔަނީ އިންސޮމްނިއާ އެވެ.

އިންސޮމްނިއާ އަކީ އެ ބައްޔެއްގެ އަސްލު ގިނަ ބަޔަކަށް ނޭނގޭ ބައްޔެކެވެ. މި ބަލީގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ކްރޮނިކް އިންސޮމްނިއާ (ކޮންމެ ރެއަކު ނިދަން އުދަނގޫވުން) އާއި އެކިއުޓް އިންސޮމްނިއާ (ވަކި ދުވަސްތަކުގައި ނިދަން އުދަނގޫވުން) އެވެ.

މި ބައްޔަކީ އެތައް މިލިއަން މީހުންނަށް ތަފާތު އެކި ލެވެލްގައި ޖެހޭ ބައްޔެކެވެ. މި ބަލި ޖެހެނީ ވަކި މީހަކަށް ނުވަތަ ވަކި އުމުރެއްގެ މީހަކަށް ނޫނެވެ. މި ބަލި ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ. މި ބަލީގެ އެކި ލެވެލްތަކުގައިވެސް އެއްވައްތަރު އަސަރުތަކެއް ހުރެ އެވެ.

މި ބަލީގެ އެންމެ މައިގަނޑު އަލާމަތަކީ ނިދަން އުދަނގޫވުމެވެ. ނިދިން މަހްރޫމްވުމުގެ ސަބަބުން އެތަށް ބައްޔަކަށް މަގުފަހި ކުރުވަ އެވެ. މީގެ ތެރޭގައި ލޮލުގެ ފެނުން ފުސްވުން، މީހާ ވަރުބަލިވުން، ކަންކަމާ ވިސްނަން އުދަނގޫވުން، މީހުންގެ ތެރޭގައި އުޅެން އުދަނގޫވުމާއި މިފަދަ އެތައް ކަމެކެވެ.

ސިއްޙީ މާހިރުން ހާމަކުރާ ގޮތުގައި މިބަލި ޖެހުމުގެ ސަބަބުތަކުގެ ތެރޭގައި ސިއްޚީ ކަމެއް (ސްލީޕް، އެޕްނިއާ، ކްރޮނިކް ތަދު، ކަށީގެ ބަލިތައް)، ބުއްދީގެ ތަފާތުތައް އަދި ހޯރމޯންސް އަންނަ ބަދަލުތައް ހިމެނެ އެވެ.

އިންސޮމްނިއާ ޖެހުމުން ދިރިއުޅުމަށްވެސް މިކަމުގެ ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ އެވެ. އެގޮތުން ކިޔަވާ ކުއްޖަކަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކިޔެވި އެއްވެސް އެއްޗެއް ހަނދާން ނުހުންނާނެ އެވެ. ޒަވާޖީ ހަޔާތެއް ފެށިއަސް މި ބަލީގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް މިކަން ތަހައްމަލް ކޮށްފައިވާ ފަރާތްތަކާ ހަވާލާދީ ސިއްޙީ މާހިރުން ބުނެ އެވެ. އެގޮތުން މިބަލި ޖެހުމުގެ ސަބަބުން ނިދިން މަހުރޫމުވެ މީހާ އެއްވެސް ކަހަލަ ހިޔާލެއް ފިކުރެއް ނެތި ކުރެވޭ ނުކުރެވޭ ކަންތައް ނޭނގި، މީހަކު އޭނާ އަށް ބަލާލާގޮތަކުން ރުޅިގަދަވެ، އަދި ފިރިމީހާ އަށް އަދާކުރަން ޖެހޭ ކަންކަން އަދާނުކުރެވި ފޫހިވާން ފަށައެވެ.

އެހެން ކަމުން މިއީ އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ މާ ނުރައްކާތެރި ބައްޔެއް ކަމުން މިފަދަ ކަމެއް ތަހައްމަލް ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދީގެން ލަސްނުކޮށް ސިއްޚީ އެހީތެރިއެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ. އަދި މި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކުން، ކެފެއިން ހުންނަ ބުއިންތަކާއި، ނިދުމުގެ ކުރިން މާ ގިނައިން ނުކެއުމަށް ސިއްޚީ މާހިރުން ބުނެ އެވެ. އަދި ސިއްޙަތައް ފައިދާހުރި ގޮތަކަށް ދިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ކެއުމުގައި ވީހާވެސް ފައިދާ ހުރި އެއްޗިހި ބޭނުން ކުރުން މި ބަލިން އަވަހަށް ފަސޭހަކޮށްދޭނެ ކަމަށްވެސް މާހިރުން ބުނެ އެވެ.

ސިއްޚީ މާހިރުން ހާމަކުރާ ގޮތުގައި މި ބަލިން ސަލާމަތްވުމަށް އެންމެ ބޮޑަށް ކުރަންޖެހޭނެ އެއް ކަމަކީ ހާސްވެ ކަންބޮޑުވާ މާހައުލުތަކާއި ދުރުވެ ނިދުމަށް ހާއްސަ ސަމާލުކަންދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާރާ

    އަހަންނަށް އިނގޭހާވެސް އެއްޗަކީ ނުނިދޭނެކަން!
    ރޭގަނޑު ދެގަނޑި އިރުވެސް ނުނިދާކަން!
    ދެމީހަކު އެކައްޗެއް ނުކިޔާ ޑޮޮކް އަށް ދިޔަސް އިތުރަށް ބޮލާ ހަވާލުކުރާނީ ޑަޒަނެއްގެ ބޭސް!

  2. އަހުމަދު

    ކޮން ޑޮކްޓަރަކަށް ދައްކަން ތިބުނަނީ ރާއްޖޭގައިމިއުޅޭ ހުރިހާ ޑޮކްޓަރުންނަކީ ތަނެއްދޮރެއް އިނގޭބައެއްނޫން އެމް އާރް އައި އެވެސް ހަދަން ބުނާނެ އޭގޭން އެހަދާ ރިޕޯރޓް ބަލާފަބުނާނެ ކަންފަތު ފޫޅުގަ ލާ މުންޖޭ

    8
    2