ތައިލޭންޑުގެ ރަސްގެފާނު، މަހާ ވަޖިރަލޮންގްކޯން އޭނާގެ 34 އަހަރުގެ ލޯބިވެރިޔާއަށް ދީފައިވާ ހުރިހާ އިނާޔަތެއް ކަނޑާލައިފިއެވެ. ރަސްގެފާނު މިގޮތަށް ނިންމާފައިވަނީ އޭނާ މާބޮޑަށް ރާނީއަށް ނުވެވިގެން އުޅޭތީ ކަމަށް ތައިލޭންޑުގެ މީޑިއާތަކުން މަޢުލޫމާތު ލިބއެވެ.

ކުރިން ރަސްގެފާނުގެ ބޮޑީގާޑަކަށް އުޅުނު 34 އަހަރުގެ ސިނީނަތް ވޮންގްވަޖިރަޕަކްޑީ، ވަނަމުން ނަމަ "ކޮއީ" އަށް ރަސްގެފާނު ރަސްމީގޮތަކުން ލޯބިވެރިޔަކުގެ ދަރަޖަ ދިން ކަން އިޢުލާންކުރީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގައެވެ. އެއީ ރަސްގެފާނުގެ 67 ވަނަ އުފަން ދުވަހުގައެވެ. މިއީ ތައިލެންޑުގެ ރަސްކަމުގައި ޤަރުނެއްގެ ތެރޭގައި ރަސްގެފާނަކު، ވަކިން ލޯބިވެރިޔަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ތައިލޭންޑުގެ ގަނޑުވަރުން ވަނީ ކުރު އިސްތަށިގަނޑެއް އޮންނަ ކޮއީ، ހަތިޔާރުތައް ބޭނުންކުރާ މަންޒަރުތަކާއި، ޖެޓެއްގައި ދަތުރުކުރާ މަންޒަރާއި، ޕެރަޝޫޓުން ފުއްމާލަން އުޅޭތަން އަދި ރަސްގެފާނުގެ އަތުގައި ހިފައިގެން ނަގާފައިވާ ފޮޓޯތަކެއް އާއްމުންނަށް ދައްކާލާފައެވެ. އެކަމަކު، އޭނާގެ ވެއްޓުން ވެސް ވަރަށް އަވަހެވެ. އިއްޔެގެ ވަގުތެއްގައި ތައިލޭންޑު ރަސްމީ ޓީވީއިން ވަނީ ކޮއީއަށް ދީފައިވާ އިއްޒަތްތެރި މަޤާމުން މިހާރު ރަސްގެފާނު އޭނާ ދުރުކޮށްފައިވާކަން ހާމަކޮށްފައެވެ.

ރަސްގެފާނުގެ ލޯބިވެރިޔަކަށް ވީތީ އޭނާއަށް ދީފައިވާ ރަސްމީ ދަރަޖަ، "ޗާއޮ ޚުން ފްރާ" މިހާރު ވަނީ ކޮއީ އަތުން ނަގާފައެވެ. ރަސްގެފާނު މިގޮތަށް ނިންމީ ރާނީއެއްގެ ގޮތުގައި 'ސުތީދާ' ނަގަން އޭނާ އުޅުމުން އެކަމާ ވެސް ކޮއީ ދެކޮޅު ހަދާފައިވުމުންނާއި، ރަސްގެފާނަށް ވަފާތެރިނުވުމުންނެވެ. ކޮއީ ބޭނުންވަނީވެސް ރާނީ އަކަށް ވާން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮއީ އަށް އަސްކަރީ ގޮތުން ދީފައިވާ ހުރިހާ ރޭންކަކާއި، ޝަރަފަކާއި، ޝާހީ އިއްޒަތެއް މިހާރު ވަނީ އޭނާ އަތުން އަތުލާފައެވެ. އޭނާގެ ޢަމަލްތައް ހުރި ގޮތުން ރަސްގެފާނުގެ ކައިރީގައި އުޅޭ މީހުންނާ ދޭތެރޭގައިވެސް މައްސަލަތައް އުފެދުނު ކަމަށާއި، އޭނާއަށް ޝާހީ ދިރިއުޅުން އެހާ ބޮޑަށް ނުވިސްނޭ ކަމަށް ގަނޑުވަރުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.