ވައިގެ މަގުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ފާހަގަވާނެ އެއް ކަމަކީ ރޭގަނޑު ގަޑީގައި ދަތުރު ކުރާ ވަގުތު ފްލައިޓުގެ ނައްޓާލާ ގަޑީގަ އާއި ޖައްސާ ގަޑީގައި ކެބިން ތެރޭގައި ހުރިހާ ލައިޓެއްހެން ނިވާލައި އެއްކޮށް އަނދިރި ކޮށްލާ ކަމެވެ. މިއީ ކީއްވެގެން ކުރާ ކަމެއްތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެއެވެ.

ވައިގެ މަގުން ދަތުރު ކުރުމަކީ ކިތަންމެ ފަސޭހަ ކަމަކަމަށް ވިޔަސް، އެއީ ސަލާމަތީ އެތައް ކަމެއް ހިމެނޭ ކަމެކެވެ. ފްލައިޓުން ދަތުރު ކުރާއިރު ނުރައްކާތެރި ހާދިސާ އެއް ހިނގުން އެންމެ ގާތީ ފްލައިޓު ނައްޓާލާތަ ފުރަތަމަ 3 މިނެޓު ތެރޭގަ އާއި ޖައްސަން 8 މިނެޓަށް ވެފައި އޮންނައިރުއެވެ.

މީގެ ކުރިން ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކަށް ބަލައިލާއިރުގައި ގިނަ ހާދިސާތައް ހިނގާފައި ވަނީވެސް މިދެންނެވި ވަގުތުތަކުގައެވެ. އެއީ ޕައިލެޓަށް އެންމެ ބާރުބޮޑުވެގެން ދާނީވެސް މި ވަގުތުތަކުގައި ކަމަށް ވާތީއެވެ.

ފްލައިޓެއްގެ ކެބިން ލައިޓުތައް ނިވާލާފައި

އެހެންކަމުން ރޭގަނޑު ގަޑީގައި ފްލައިޓު ނައްޓާލާއިރު އަދި ޖައްސާ ވަގުތު ކެބިން ލައިޓުތައް ނިއްވާލަނީ ނުރައްކާތެރި ހާދިސާ އެއް ހިނގައިފިނަމަ ވަށައިގެންވާ އަނދިރިގަނޑަށް ޕަސެންޖަރުންގެ ލޯތައް ފަސޭހައިން ހޭނުމުގެ ބޭނުމުގައެވެ. އަނދިރި ތަނެއްގައި ކުޑަ ވަގުތު ކޮޅެއް ހޭދަ ކޮށްލުމުން ވަށައިގެން ހުންނަ ތަކެތި ދެނެގަންނަން ފަސޭހަވާނެއެވެ. އޭގެ ބަދަލުގައި މި ވަގުތުގައި ކެބިން ލައިޓުތައް ޖައްސާފައި ހުންނައިރު އެފަދަ ހާދިސާ އެއް ހިނގައިފިނަމަ ތިމާ ވަށައިގެންވާ މާހައުލު ދެނަގަންނަށް އުނދަގޫވާނެއެވެ.

މީގެ އިތުރުންވެސް، ލައިޓު ނިވާލާފައި ހުރުމުން ކެބިން ފްލޯގައި ދިއްލިފައި ހުންނަ ދެ ރޮނގުން އެމަޖެންސީ ދޮރާއި ދިމާލަށް ދާން ފަސޭހަވެގެން ދާނެއެވެ. އެހެންކަމުން ދެން ފްލައިޓަކަށް އަރާ ފަހަރަކުން ފްލައިޓު ތެރޭގައި ހިނގާ މިފަދަ ހުރިހާ ކަމަކީވެސް ސަލާމަތީ ކަންކަމަށް ކުރާ ކަންތައްކަން ހަނދާން ބަހައްޓާށެވެ.