އިނގިރޭސިވިލާތުގެ ނޮޓިންހަމްގައި ބައްޕަ އަކު އޭނާ ދިރިއުޅޭ ގޭގައި މަސައްކަތެއް ކުރުމަށްޓަކައި ދަރިފުޅަށް ނުބަލައި ހުރި ވަގުތު އެ ކުއްޖާ 18 ޔޯގަޓް ތަށި ކާލައިފިއެވެ.

އުމުރުން އެންމެ 3 އަހަރުގެ އޮލީވިއާ 18 ޔޯގަޓް ތަށި އެންމެ 10 މިނެޓު ތެރޭގައި ކާލުމުން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ލިބިފައި ވާއިރު އޭނާގެ ބައްޕަ ބުނެފައި ވަނީ އޮލީވިއާ އަކީ ޔޯގަޓް ކެއުމަށް ވަރަށް ފޯރި ހުންނަ ކުއްޖެއް ކަމަށެވެ.

އޮލީވިއާ އޭނާގެ ބޭބެ އާއި އެކު

"އަހަރެން ގޭ ބޭރު ފެންސު މަރާމާތު ކުރަން އުޅެފައި 10 މިނެޓު ނުވަނީސް ގެއަށް ވަނިން އޮލީވިއާ ކުރާ ކަމެއް ބަލަން. އޭރު އޭނާ އިނީ ހުސްކޮށްފައި އިން 18 ޔޯގަޓް ތަށި ކުރިމަތީ ބައިންދައިގެން މަދިގެ މޭޒު ކައިރީ. އެ ހުރިހާ ތަށިތައް އެއީ އޮލީވިއާތޯ ސުވާލު ކުރުމުން އޭނަ ވަރަށް ފޮނިވެލާފަ ބުނި އާނއެކޭ. އެވަގުތު އަހަރެން މި ފޮޓޯ ނެގީ" އޮލީވިއާގެ ބައްޕަ އާރޮން ބުނެފައި ވެއެވެ.

އޮލީވިއާ ޔޯގަޓް ކެއުމަށް ވަރަށް ލޯބި ކުރޭ

އުމުރުން 27 އަހަރުގެ އާރޮންގެ އެހެން ދަރިއަކުވެސް ހުންނައިރު އެ ކުއްޖާ ތަންކޮޅެއް ބޮޑެވެ. އެ ދެކުދިންނަށް ކާން ދިނުމަށް ގެނެސް ފްރިޖަށް ލާފައި ހުރި ހުރިހާ ޔޯގަޓްތަކެއް އޮލީވިއާ 10 މިނެޓު ތެރޭ ހުސްކޮށްލުމުން މިއީ ބޮޑު މީހަކަށްވެސް ކުރަން ފަސޭހަ ވާނޭ ކަމެއް ނޫންކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.