އަންހެނަކު ރައްޓެހިވެގެން އުޅުނު ފިރިހެންމީހާ އަންދާލި މައްސަލާގައި 60 އަހަރަށް އަންހެނަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެމެރިކާގެ އަލަސްކާގައި ހިނގާދިޔަ މިހާދިސާގައި އެ ފިރިހެން މީހާ ވަނީ މަރުވެފައެވެ. އެ އަންހެންމީހާ ވަނީ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ ސޯފާގައި ނިދާފައި އޮތްވާ ޕެޓްރޯލް އަޅަފައެވެ. އަދި އޭގެ ފަހުން ތަން ރޯކޮށް ތަޅުލާފައި ބޭރަށް ނިކުމެފައެވެ. މިކަން ކޮށްފައި ވަނީ އޭނަގެ ލޯބިވެރިޔާ އެހީ އަށް އެދި އާދޭސް ކުރަމުން ދަނިކޮށެވެ.

އޭނާގެ މައްޗަށް ކޯޓުން އިއްވާފައިވަނީ އަލިފާނުން މީހަކު މެރުމުގެ ދައުވާގެ ހުކުމެވެ. ކޯޓުން ވަނީ އޭނާގެ މައްޗަށް 60 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އޭނާގެ މައްޗަށް އެފަދަ ބޮޑު ހުކުމެއް ކޮށްފައިވާއިރު ގާޒީ ވަނީ އޭނާ އަކީ އެފެންވަރުގެ މީހެއް ނޫން ކަމަށް މޫނުމަތިން ފެންނަ ކަމަށް ބަޔާން ކޮށްފައެވެ. އެހެންނަމަވެސް އެފަދަ އަމަލެއް ކޮށްލުމުން އެއީ ބަލައިގަނެވޭނެ ކަމެެއް ނޫން ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އޭނާގެ މައްޗަށް އެ ހުކުމް ކުރުމުގެ ކުރިން އޭނާ ބުނީ، އެކަން ވެފައިވަނީ އޭނާ ވިސްނަމުން ގޮސް ބޯ ސަކަރާތް ވެގެން ކަމަށެވެ. އަދި އޭނާއަށް އެކަން ކުރެވުމުން ދެރަވާ ކަމަށާއި މަރުވެގެން ގޮސްފައިވާ އޭނާގެ ލޯބިވެރިޔާވެސް އަނބުރާ ނުގެނެވޭނެ ކަމަށެވެ.

ކޯޓުގައި އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުން އޭނާގެ ބޭބެ ބުނެފައިވަނީ އޭނާގެ ދިރިއުޅުން ބަދަލުވެފައިވަނީ އުމުރުން 20 އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުން ކުރަން ފެށުމުން ކަމަށެވެ.

އެމެރިކާގައި ކޮންމެ ދުވަހަކުވެސް މިފަދަ އެތައް މަރުގެ ހާދިސާތަކެއް ހިނގައެވެ.