މަޝްހޫރު ހޮލީވުޑްގެ ފިލްމް ސީރީސް، ފާސްޓް އެންޑް ފިއުރިއަސް 9 ގައި ފެނިގެންދާނެ އައު ތަރިންގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ރެޕަރ، ކާޑީ ބީ ހިމެނޭ ކަމުގެ ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ.

މިފަދަ ވާހަކަތަކެއް ދެކެވެން ފަށާފައިމިވަނީ ދާދި ފަހުން، ވެން ޑީސެލް އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯއެއްގެ ސަބަބުންނެވެ. އެ ވީޑިއޯގައި ޑީސެލްއާއި ކާޑީ ބީ ފެންނަ އިރު އެ ވީޑިއޯގައި ޑީސެލް ބުނަނީ ފާސްޓް އެންޑް ފިއުރިއަސް 9 އެއްގެ ޝޫޓިން ނިމިއްޖެ ކަމަށާއި ފިލްމުގެ ކާސްޓުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ވީޑިއޯގައި ކާޑީ ބީ ބުނެފައިވަނީ "ވަރަށް ވަރުބަލި ވެއްޖެ. އެހެންނަމަވެސް އިންތިޒާރުކުރާނީ. މި ފިލްމު ވާނެ އެންމެ ސަޅި ފިލްމަށް،" ކަމަށެވެ.

ފާސްޓް އެންޑް ފިއުރިއަސް އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފިލްމް ސީރީޒެކެވެ. އެގޮތުން އެންމެ ފަހުން ނުކުތް އެ ސީރީޒްގެ ފާސްޓް އެންޑް ފިއުރިއަސް 8 އުފައްދަން 250 މިލިއަން ޑޮލަރު ޚަރަދުވި އިރު ބޮކްސް އޮފީހުގައި އެ ފިލްމަށް 1.23 ބިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ.