އީރާނުގެ އެންމެ ރީތި އަންހެނާގެ މަގާމަށް ހޮވުނު މީހެއް ކަަމަށްވާ ބަހާރޭ ޒާރި ބަހާރީގެ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށްބުނެ ފިލިޕީންސްގެ ހިމާޔަތަށް އޭނާ އެދިއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އުމުރުން 31 އަހަރުގެ ބަހާރީ އަކީ އިންޓަޕޯލުންވެސް ހޯދަމުން އަންނަ އަންހެނެކެވެ. އޭނާ ހޯދަމުންދަނީ މީހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތަށެވެ. އޭނާ އަކީ މިދިޔަ އަހަރު ބޭއްވި އިންޓަކޮންޓިނެންޓަލް ޕީގަންޓް އިން މަނީލާގައި އީރާން ތަމްސީލު ކުރި މޮޑެލްއެވެ.

ބަހާރީ ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ މުޅި ދޮގު ތުހުމަތުތަކެކެވެ. އަދި އެ ތުހުމަތުތައް ކުރަނީ އީރާނުގައި ހުރެ އެގައުމުގެ އިސްލާމީ ދައުލަތާ މެދު އޭނާގެ ސިޔާސީ ފިކުރު ހާމަކޮށްގެން އަންހެނުންގެ ހައްގުތައް ހޯދައިދޭން އަޑު އުފުލާތީއެވެ. އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، ހައްޔަރުކުރަން އިއުލާންކޮށްފައިވާ ބަހާރީ މިހާރު ހުރީ ފިލިޕީންސްގައެވެ. އެކަން ހާމަވީ ފިލިޕީންސްގެ ނިނޯއި އެކުއީނޯ ގައި އޭނާ ހައްޔަރުކުރުމުންނެވެ.

އެ އެއާޕޯޓުގައި އޭނާ ހައްޔަރުކޮށްފައި ހުންނަތާ މިހާރު ހަ ދުވަސް ވެއްޖެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެނބުރި އީރާނަށް އޭނާ ޑީޕޯޓުކޮށްފި ނަމަ އެގައުމުން އޭނާ މަރާލާނެއެވެ. އަދި ފިލިޕީންސްގެ އެއާޕޯޓުގައި އެހާ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓާފައިވާ ސަބަބުވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުރާނައަށް ނުރައްކާ އޮތުމާއެކު އޭނާ ވަނީ ފިލިޕީންސްގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް އިންޓަޕޯލް ނޯޓިހެއް ނެރެފައި އޮތުމުން އެގައުމުގެ ތެރެއަށ އޭނާއަށް ނުވަދެވޭނެ ކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް އޭނާގެ އެދުމުގެ މަތިން، ހިމާޔަތް ދިނުމާ ގުޅޭ ގޮތުން އެގައުމުގެ ސަރުކާރުން ދަނީ މިހާރު މަޝްވަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު