ދުނިޔޭގެ އެންމު ނުރައްކާތެރި ނިރުބަވެރި ޖަމާއަތް ގޮތުގައި ފާހަގަކުރެވިފައިވާ އައިއެސް ގެ ނިރުބަވެރި ހަރަކާތްތަކުގެ ވީޑިއޯތައް ޓިކްޓޮކް މެދުވެރިކޮށް އާންމު ކުރަން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޓިކްޓޮކް މެދުވެރިކޮށް އެޖަމާއަތުން ދަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ގައިދީނަށް އަނިޔާ ކުރާ މަންޒަރާއި ކަރު ބުރިކޮށްލާ މަންޒަރުތައް ހިމެނޭ ވީޑިއޯތައް އާންމުކުރަމުންނެވެ. އެއާއެކު ޓިކްޓޮކްގެ އިސް މެނޭޖްމަންޓުން ވަނީ އެފަދަ ވީޑިއޯތައް ހޯދައި ޑިލީޓްކޮށްފައެވެ.

އެގޮތުން ފާހަގަކުރެވުނު ތިން ވީޑިއޯއެއްގެ ވާހަކަ ނޫސްތަކުގެ ސުރުހީތަކަށް އެރިއެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއް ވީޑިއޯއިން ދައްކަނީ މީހުންތަކަކަށް އަނިޔާކޮށް ކަތިވަޅިއަކުން ބޯ ބުރި ކޮށްލާ މަންޒަރެވެ. ދެން އާންމުކުރި ވީޑިއޯތަކުން ފެންނަނީ ބަންދުގައި ތިބި ބައެއްގެ ގަޔަށް ބަޑިޖަހައި މަރާލާ މަންޒަރެވެ.

މި ވީޑިއޯތައް އާންމުކުރީ ތިން އެކައުންޓަކުންނެވެ. އެގޮތުން އެ އެކައުންޓުތަކުގެ ފޮލޯވާސްގެ އަދަދު 175 އާއި 1000 އާ ދެމެދުގެ އަދަދަކަށް އަރައެވެ. އެ ވީޑިއޯތައް 25 ލައިކްއާއި 125 ލައިކް އާ ދެމެދުގެ މިންވަރަކަށް ރިއެކްޓްކޮށްފައި ހުއްޓެވެ.

ޚާއްސަކޮށް 18 އަހަރުން ދަށުގެ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި މިދިޔަ އަހަރުން ފެށިގެން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް އިން ބުނެފައިވާ ގޮތުގައި އެ އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ 30 ޕަސެންޓު މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޓިކްޓޮކްގައި އައިއެސްގެ ނިރުބަވެރި ހަރަކާތްތައް މަޝްހޫރުކުރަން އެޖަމާއަތުން މަސައްކަތް ފަށާފައިވާއިރު މީގެ ކުރިން ފޭސްބުކާއި ޓްވިޓާ އަދި މި ނޫންވެސް މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެޖަމާއަތުން ވަނީ އެފަދަ ވީޑިއޯތައް އާންމުކޮށް މީހުންގެ މެދުގައި ބިރުވެރިކަން އުފައްދާފައެވެ.