"ޕަދްމާވަތު" ގެ މަސައްކަތް ފެށި ހިސާބުން ފިލްމް ރިލީޒް ކުރުމާއި ހަމައަށް ހިންދޫ ރާނީ އަށް ބޭ އަދަބީކޮށް ފިލްމުގައި ދައްކާނެ ކަމަށްބުނެ ހިންދޫ ރާނީގެ ބައި އަދާކުރި ދީޕިކާ އަށް އެތަށް މަރުގެ އިންޒާރެއްވަނީ ލިބިފައެވެ. ނަމަވެސް ފިލްމް ރިލީޒްކުރި ހިސާބުން އެފަދަ އެއްވެސް ކަމެއް ނެތްކަން އެނގި މުޒާހަރާތަކާ އިންޒާރުތަށް ވަނީ ހުއްޓާލާފައެވެ.

އެހުރިހާ މަރުގެ އިންޒާރެއް ކުރިމަތިކުރުވި އިރު އެންމެ ހައިރާންވި ކަމަކީ އެކަމާ ބެހޭގޮތުން ރަންވީރު އެއްވެސް އެއްޗެއް ނުބުނެ ހުރުމުންނެވެ. ރަންވީރު އެއްވެސް އެއްޗެއް ނުބުނާތީވެ ގިނަބަޔަކު ދިޔައީ އެކަމާ ވާހަކަ ދައްކަމުންނެވެ. އަދި އިންޒާރުތަކާއި ދެކޮޅަށް ވާހަކަ ނުދައްކާތީ ބައެއް ފަރާތްތަކުން ތިބީ ރަންވީރުދެކެ ހިތްހަމަ ނުޖެހިފައެވެ. ދީޕިކާގެ ބޯ ކަނޑައިގެން ގެންދާ ފަރާތަކަށް ފައިސާގެ ބޮޑެތި އަދަދުން ހުށައެޅީމާވެސް ރަންވީރު ހުރީ ހަނުއެވެ.

ރަންވީރަކީ ދީޕިކާ އާއި އެކު ފިލްމްގެ އެންމެ މުޙިއްމު އެއް ބަތަލް ކަމަށްވުމާއި ދީޕިކާ އާއި ރަންވީރު އާއި ދެމެދު ލޯބީގެ ގުޅުންމެއް ވާކަމަށް ވާހަކަ ދެކެވޭއިރު ރަންވީރު އިންޒާރުތަކާއި ގުޅިގެން ހަނު ހުރުމަކީ ފިނޑި ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ސުވާލު އުފެދިފައިވާ ނުވަތަ ރަންވީރު އެކަމުގައި ހަނު ހުރި ސަބަބު އެންމެ ފަހުން އޭނާ މިވަނީ ހާމަކޮށްފައެވެ. އިންޑިއާ ޓުޑޭ ގައި ވާހަކަދައްކަމުން ރަންވީރު ބުނީ "އަހަރެން ހުރީ އިންޒާރުދޭ މީހުންދެކެ ވަރަށް ރުޅި އައިސްފައި. އަހަރެން ހުރީ އެމީހުނަށް ރައްދު ދިނުމަށް ކެތް މަދުވެފައި. ނަމަވެސް އަހަރެންނަށް އޮތީ އެއްވެސް އެއްޗެއް ބުނުން މަނާކޮށްފަ. އަހަރެން އެކަމަށް އިޙްތިރާމް ކުރަން ޖެހޭނެ." އެވެ.

އޭނާ ހަނު ހުރުން އެއީ ޕްރަޑިއުސަރުންނާއި ޑައިރެކްޓަރު ބޭނުންވި ގޮތް ކަމަށް ރަންވީރު ބުންޏެވެ.

"އެމީހުން ވަކި ގޮތަކަށް ކަންތައްކުރަން ބުނުމުން އަހަރެން އެހެން ހަދަން ޖެހޭކަމަށް އަހަރެން ގަބޫލް ކުރަން. އެމީހުންގެ މަސައްކަތަށް ހުރަސް އަޅަން އަހަރެން ބޭނުމެއް ނޫން. އެމީހުން އަހަރެން ގާތު އެއްޗެއް ނުބުނެ ހުންނަން ބުނީ މި ފިލްމް އެޅުވޭނެ މާހައުލެއް ހޯދުން ކަމަށްވަންޏާ އެކަން ވަނީ ކާމިޔާބު ވެފަ." ރަންވީރު އިތުރަށް ބުންޔެވެ.

"ޕަދްމާވަތު" ދަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އަދި ފިލްމް އެޅުވި ތާރީޙުން ފެށިގެން މިހާތަނަށްވެސް ފިލްމަށް ލިބެމުންދާ ތަރުހީބަކަށް އުނިކަމެއް ނާދެއެވެ.