މިއީ މުޅި ދުނިޔޭގައިވެސް ދިމާވެފައިވާ ވަރަށް ހިތާމަވެރި މައްސަލަ އެކެވެ. މި ރާއްޖޭގައިވެސް މިފަދަ ކަންކަން ވަނީ އާންމުވެފަ އެވެ.

ނޯޓް: މިލޔުމަކީ އެބޯޓު ކުރުމާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ލިޔާ ލިޔުމެކެވެ. މި ލިޔުން ލިިޔެފައިވާނީ އެބޯޓު ކުރެވޭ ކުއްޖާގެ އިހުސާސްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

މަންމާ އެވެ. އަހަރެންގެ އެއްވެސް ކުށެއް ނެތެވެ. މަންމަ އަހަރެން ހޯދީ އަހަރެން ބުނެގެނެއްވެސް ނޫނެވެ. މަންމަ އަމިއްލަޔަށެވެ. އެހެން ކަމުން މަންމަ އަހަންނަށް ތިފަދަ ބޮޑު އަނިޔާއެއް ތިދޭން ވިސްނަނީ ކީއްވެގެން ހެއްޔެވެ؟

މަންމާ އެވެ. އަހަރެން ވަރަށް ބިރުގަނެ އެވެ. އަހަންނަށް ވަރަށް ތަދުވާނެ އެވެ. އަހަރެންގެ މަހާއި ކައްޓާއި ވަކި ކުރަން ބަޔަކާ ހަވާލު ތިކުރަނީ އަހަންނަށް ކުރެވުނު ކުށަކީ ކޮބައިކަންވެސް ބުނެ ނުދީ އެވެ.

ކުށް ކުރެވުނީ އަހަންނަކަށް ނޫނެވެ. ކުށް ކުރެވުނީވެސް ލޯބިވާ މަންމަ އަށެވެ. އެހެން ކަމުން މަންމަ އަހަންނަށް އަދަބު ދެނީ ކީއްވެގެން ކަމެއް އަހަރެންގެ މިކުޑަކުޑަ ސިކުނޑި އަކަށް ނުވިސްނުނެވެ.

މަންމަ ދެރަނުވޭ ހެއްޔެވެ. މަންމަގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟ މީހުން ބުނެ އުޅެ އެވެ. ދަރިއަކަށް ގެއްލުމެއް ވާތަން ބަލާކަށް މައިމީޙާގެ ލަނގޮޑި އަކަށް ކެތް ނުވާނެ ކަމަށެވެ. އެކަމަކު މި ކުޑަ ކުޑަ މަޚްލޫގަށް މިފަދަ ބޮޑު އަޒާބެއް ދޭއިރު މަންމަގެ ތި ލަނގޮޑި އަށް ކެތްވަނީ ކިހިނަކުން ހެއްޔެވެ؟

ވަކި ޖިންސަކަށް ނުވަތަ މަންމަ އަހަރެން ހޯދަން ތައްޔާރުނުވުމަކީ އަހަރެން މަރާލަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެއީ އަހަރެންގެ ކުށެއް ނޫންކަން ހުދު މަންމައަށް ވެސް ވިސްނޭ ނޫން ހެއްޔެވެ. މަންމާއެވެ. މަންމަ އަށް އަހަންނާ ހެދި އުދަނގޫވީ އަހަރެން ކީއްކޮއްގެންތޯ އެވެ. އެއްވެސް ކުށެއް ގައިމު ނުކުރަމެވެ.

ލޯބިވާ މަންމާ އެވެ. މަންމަ އަހަރެން ތިމަރާލީ އެއްވެސް ކުށެއް ނެތި އެވެ. އެކަމާ އެވަގުތު އަހަރެން ރުއި ކަމުގައިވީނަމަވެސް އަހަރެން މިއަދު މިހުރީ ވަރަށްވެސް ހިތްހަމަ ޖެހިގެންނެވެ. އެއްވެސް އިންސާނަކަށް އަހަންނަށް ގެއްލުމެއް ނުދެވޭނެ ކަމުގެ ޔަގީން ކަން އަހަންނަށް އެބަ އޮތެވެ.

މަންމާ އެވެ. ދެރަނުވާށެވެ. މިއަދު އަހަރެން މިހުރީ ގަދަ ކީރިތި ވަންތަ މާތް ﷲގެ ހަޒްރަތުގަ އެވެ. ވަރަށް ރައްކާތެރި ކަމާއެކު އެކަލާނގެ މަލާއިކަތުންގެ އަރިހުގަ އެވެ. މަންމަ އަށް އަބަދުވެސް ހެޔޮ ދުއާ ކުރަމެވެ. މަންމަ އަށް ޝަފާއަތް ދެއްވާތޯ މާތް ﷲގެ ހަޒްރަތުގައި ދަންނަވާނަމެވެ.

މަންމާއެވެ. މަންމަ ދެކެ އަދިވެސް އަހަރެން ނިހާޔަތަށް ލޯބި ވަމެވެ. މަންމަގެ ބަނޑުގައިވި މަދު ދުވަސްކޮޅު ތެރޭގައި ނަމަވެސް ލޯބިން ފިރުމާލި ހަމައެކަނި މީހަކީވެސް ތީއެވެ. މީރުކޮށް ކާންދިން މީޙަކީވެސް ތިޔަ ލޯބިވާ މަންމަ އެވެ. މަންމާ އެވެ. އަހަންނަށް ކުޑަ ކުށެއް ކުރެވިފައި ވީނަމަވެސް އަހަންނަށް މާފްކޮށްދޭށެވެ. މަހުޝަރު ދުވަހުން މަންމަ އާޢި ބައްދަލްވާނެ ކަމަށް އުންމީދު ކުރަމެވެ."

މިއީ ވަރަށް ގިނައިން ހިނގާ ހާދިސާތަކެކެވެ. މި ފަދަ ކަންކަން ގިނައިން ވަނީ ކުއްޖާ ވަކި ޖިންސަކަށް ވީތީ އެވެ. ނުވަތަ މީހަކާ ނީނދެ ނަހަލާލަށް ބަލިވެ އިނުމުންނެވެ. ނުވަތަ ދަރިޔަކު ބޭނުން ނުވެ ހުއްޓާ ދަރިއެއް ލިބުމުންނެވެ. ނަމަވެސް މިއީ ބޮޑުވެގެންވާ ފާފަ އެކެވެ. އެއްވެސް ކުއްޖަކީ އޮޅުމަކުން ލިބޭނެ ކުއްޖެއް ނޫނެވެ. ވަކި ޖިންސަކަށް އެކުއްޖާ ވުމަކީ އެކުއްޖެއްގެ ކުށެއް ނޫނެވެ. އެއީ އެބަޔަކު އަމިއްލަޔަށް ކުރާ ކަމެއްވެސް ނޫނެވެ. މިއީ މާތް ﷲ ދެއްވާފައިވާ ރިޒްގެކެވެ. އެހެންކަމުން އެއަށް ބަދަލު ގެނެވޭނެ އިންސާނެއް ނެތެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރިން އެބޯޓު ކުރެވޭނީ ވަކި ހާލަތްތަކެއް މެދުވެރިވެގެންނެވެ. އެއީ ބޮޑު ބައްޔެއްގެ ސަބަބުން މައިމީހާގެ ފުރާނައަށް ގެއްލުމެއް ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން، ބަނޑަށް ހަތަރު މަސް ވުމުގެ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮކީ

    ދަރިފުޅާ އެވެ. މަންމަ އަށް ތިހެން ނުހަދާށެވެ. މަންމަގެ އޮތީ ކޮން ކުށެެއް ހެއްޔެވެ. މަންމަ ދަރިފުޅު ނިކަމެތި ވީ ދުވަހު ދަރިފުޅު އަމިއްލަ ފައި މައްޗަށް ތެދުވެ ހިނގެންދެން މަންމަގެ ނިންޖާ އަރާމު ނަގާލާ ދަރިފުޅު ބަލާ ބޮޑު ކުރީމެވެ. ފަހެ މަންމަ ކުއްވެރިވީ މިކަމުގައި ހެއްޔެވެ.

    25
    4
  2. ސިތުރާ

    އިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރިން އެބޯޓު ކުރެވޭނީ ވަކި ހާލަތްތަކެއް މެދުވެރިވެގެންނެވެ. އެއީ ބޮޑު ބައްޔެއްގެ ސަބަބުން މައިމީހާގެ ފުރާނައަށް ގެއްލުމެއް ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން، ބަނޑަށް ހަތަރު މަސް ވުމުގެ ކުރިންނެވެ.

    އެހާލަތްތަކުގަ ބަނޑުގަ އޮތް ދަރިފުޅު އޮންނީނީ ހައްޕު ކިޔައިގެންނެވެ މަންމާއޯ ކިޔާ ނުގޮވާނެއެވެ.

    13
    5
  3. ކަތްދަދައިތަ

    ކޮންމެ ކުއްޖަކީވެސް ބޭނުންވެގެން ހޯދާކުއްޖަކަށް ހަދަާށެވެ ހަމައެކަނި ޖަޒްބާތު ހިހުޫ ކޮށްލަން އުޅޭނަމަ ބޭސްފިހާރަ ތަކުން ލެދަރު ގަނެބަލާށެވެ ތިމާ ހިންގާ ޖަރީ މާތަކަށް މައުސޫމް ތުއްތު ކުދިން ގުރުބާން ނުކުރާށެވެ

    27
    1