މިއީ މެދުތެރޭގެ އަތޮޅަކަށް ނިސްބަތްވާ އަންހެނަކު އިންޑިއާއަށް ކިޔަވަން ގޮސް އުޅުނުއިރު އޭނާގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ. މި ވާހަކައަކީ އޭނާ ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް ސަބަބުތަކަށްޓަކައި ވާހަކައިގެ ބައެއް ބައިތަކަށް ބަދަލު ގެނެވިފައިވާނެއެވެ.

އެއީ މީގެ 18 ވަރަކަށް އަހަރު ކުރިއެވެ. އަހަރެން މަތީތައުލީމު ހާސިލް ކުރުމަށް އިންޑިއާއަށް ބަދަލުވީމެވެ. އަހަރެން ހުރީ ކިޔަވައިގެން މޮޅު މީހަކަށް ވުމުގެ އުންމީދުގައި ކަމުން، އެ ފުރުސަތު އަހަންނަށް ފަހިކޮށްދިނީ ބައްޕައެވެ. އުމުރުން 18 އަހަރުގައި އިންޑިއާއަށް އަހަރެން ބަދަލުވީ ނަރުސްކަން ކުރުމަށް ހާސިލްކުރަން ޖެހޭ ސަނަދުތައް ހާސިލް ކުރުމަށް ނިންމައިގެންނެވެ. އެއީ އެންމެ ކުޑައިރުއްސުރެ ނަރުހަކަށް ވުމަކީ އަހަރެންގެ ހުވަފެން ކަމަށް ވާތީއެވެ.

ފުރަތަމަ އަހަރެން އުޅެމުން ދިޔައީ ކޮލެޖްގެ ހޮސްޓެލްގައެވެ. އެއީ ބައްޕަގެ އެހައި ބޮޑު ތަނަވަސްކަމެއް ނެތުމުން ވަކީން ގެއެއް ނަގާފައި އަދި ކިޔެވުމުގެ އެހެނިހެން ޚަރަދުތައް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އެހެން ނަމަވެސް އަހަރެން ހުރީ އަހަރެންގެ އުންމީދު ފުރިހަމަކޮށްދިނުމަށް ބައްޕަ ވަމުންދާ ގުރުބާނީ އާއި މެދު ފަޚުރުވެރިވެ އުފާވެފައެވެ.

އިންޑިއާގެ ކޮލެޖަކުން އަހަރެން ނަރުސްކަމުގެ ދާއިރާއިން ފައުންޑޭޝަން ނިންމާލައި، ޑިގްރީ ފަށައިގަތީމެވެ. އަހަރެން ޑިގްރީ ފެށިއިރު، ޑިގްރީ ކްލާހުގައި ކޮންމެވެސް ވަރަކަށް ދިވެހި ދަރިވަރުންވެސް އުޅުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު އެ މީހުންނާއި އަހަރެންނާއި، ގުޅުން ބަދަހިވެ އެއީ އަހަރެންގެ އާއިލާކަމުގައި ދެކިގެން އަހަރެންވެސް ދިޔައީ ކުރިއަށެވެ.

މިއަދު އަހަރެން އެ މީހުންނަށް "އާއިލާ" ކިޔަން ލަދުވެސް ގަނެއެވެ. މަދު ފައިސާކޮޅަކަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލީ އެމީހުން ކަމަށް ވާތީއެވެ. އެ ހުރިހާ ކަމެއް ކުރީ އަހަރެން އުޅެނީ ހޮސްޓެލްއެއްގައި ކަމަށްވާތީ، ހުރިހާ "މަޖަލަކުން" މަހްރޫމް ވާނެ ކަމަށް އެ މީހުން ބުނި ބުނުމަކަށެވެ. އަހަރެންގެ އިއްފަތް ތެރިކަން މަދު ފައިސާކޮޅަކަށް ވިއްކާލިއިރު، އެއީ ކިހާ ބޮޑު ފާފައެއްކަން އަހަރެންނަށް އެއިރު ނޭނގުނީއެވެ.

އަހަރެން ހޮސްޓެލް އިން ނިކުމެ އަމިއްލަ ގެއެއް އިންޑިއާއިން ނަގައިގެން އުޅެން ފެށީމެވެ. އަހަރެންގެ ބައްޕަ އަހަރެންގެ ކިޔެވުމަށް ހަރަދު ކުރަން ނުޖެހޭ ވަރަށް އަހަރެންނަށް ފައިސާ ލިބެން ފެށިއެވެ. އަދި އަހަރެންގެ އަތުގައި ފައިސާ ގިނަވެ، ބައްޕަމެންނާއި، އާއިލާއަށް ވެސް ހަރަދު ކުރަން ފެށީމެވެ. އިންޑިއާގައި ކިޔަވަމުން ވަޒީފާ އަދާކުރަމުންދާ ކަމަށް ބުނެ އަހަރެން އެމީހުންނަށް އޮޅުވާލީއެވެ.

އާނކެވެ. ކޮންމެ ރެއަކު އަހަރެން ކުރަނީ މަސައްކަތެވެ. ކޮންމެ ރެއަކު ހާހުން ދެހާހުން އަހަރެންނަށް ފައިސާ ލިބެމުން ދިޔައެވެ. އަހަރެންގެ ދިރިއުޅުން މުއްސަނދިވެއްޖެއެވެ. އެހައި ހިސާބުން ކިޔެވަންވެސް ފޫހިވެ، ކިޔެވުން ހުއްޓާލީއެވެ. ލިބެން ފެށި ފައިސާ ގިނަކަމުން އުޅެފައި ނޫޅެންވީ ގޮތްވެސް އަހަރެންނަށް ނޭނގެއެވެ. އޭރު އުޅުނު އުފާވެރި ދިރިއުޅުމުގެ ފަހަތުގައި އޮތް ހަޤީޤަތް އަހަންނަށް ރޭކާލީ މާފަހުންނެވެ. އަރައިގަންނަމުން ދިޔަހައި ފާފަތަކުގެ ބޮޑުކަން ހިތަށް ގެނެވުނީ މާ ލަސްވިފަހުންނެވެ. ވަގުތީ އެ އުފަލަކީ ދާއިމީ ހިތާމައެއްގެ ފެށުންކަން އަހަންނަށް ތަސައްވުރު ކުރެވުނުއިރު އަހަންނަށް އޭގެ ބަދަލު ލިބެން ފަށައިފިއެވެ.

މި ފާހިޝް ކަންތައްތަކުގައި އަހަރެން އެތައް އަހަރެއްވަންދެން އުޅުނީމެވެ. ބައެއް ފަހަރު އަހަރެން މާބަނޑުވެ ވެސް ހުރީމެވެ. ނަމަވެސް ކޮންމެ ފަހަރަކު އަހަރެން ބޭސް ކަނީއެވެ. މިގޮތަށް އަހަރެން އުޅޭކަން އަހަރެން ސްކޫލްގައި އުޅުނު އިރު، ގާތް ރަހުމަތްތެރިންނަށްވެސް އެނގި އަހަރެންނާއި ވާހަކަދެއްކުންވެސް ހުއްޓާލިއެވެ. އޭގެ ފަހުން މައިންބަފައިންނަށްވެސް އެކަން އެނގި އަހަރެންނާއި، އޮތް ގުޅުމަށް ބުރޫ އަރައިފިއެވެ.

އަހަރެންގެ ކޮލެޖް ރަހުމަތްތެރިންނާއިވެސް އަހަރެންނާއި ގުޅުން ކެނޑުނީ އަހަރެންނަށް އޮންނަ ޑިމާންޑް ބޮޑު ކަމުންނޭ އަހަރެންނަށް ބުނެވިދާނެއެވެ.

މިގޮތަށް ކަންތައް ވަމުން ދިޔަ ނަމަވެސް އަހަރެންނަށް ނަސޭހަތް ދިނުމުގައި އެކަކު ހުއްޓެވެ. އޭނާގެވެސް ނިޔަތަކީ އެއިރު ކޮބައިކަމެއް އަހަރެންނަށް ނޭގެއެވެ. މިކަންކަން ހިނގަމުން އަންނަތާ ހަތް އަހަރު ފަހުން، އަހަރެންނާއި އޭނާއާ ބައްދަލުވެއްޖެއެވެ. އަހަރެންގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލުތަކުގެ ވާހަކަ އޭނާ ދެއްކިއެވެ.

އޭނާ އެފަހަރު އިންޑިއާއަށް ކުރި އެ ދަތުރަށްފަހު، އަހަރެންގެ މުޅި ހަޔާތް ބަދަލުވެއްޖެއެވެ. އޭނާ އެނބުރި ރާއްޖެ އައީ އަހަރެން ގޮވައިގެންނެވެ. އޭނާގެ ދިރިއުޅުމުގެ ބައިވެރިއެއްގެ ގޮތުގައި އަހަރެން ބަލައި ކައިވެނިކޮށްގެންނެވެ. އެފުށް މިފުށް ޖެހިފައިވާ އަހަރެންގެ މި ދިރިއުޅުން އާރާސްތުކޮށް، އަހަރެންނަށް ތެދުމަގު ދެއްކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެންގެ ތިން ދަރިންގެ ބައްޕައެވެ.

ކުރީގައި އުޅެވުނު ވިޔާނުދާ އުޅުމުގެ ސަބަބުން އަހަންނަށް އަދިވެސް ދިރިއުޅުން އާރާސްތު ނުކުރެވެއެވެ. އެކި ކަހަލަ ގޮންޖެހުންތަކާއި ވާހަކަތަކުން އަހަންނަށް އަދިވެސް އަރައި ނުގަނެވެއެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރެއްގައިވެސް ހިތަށް ވެރިވެގެން ދަނީ ބިރުވެރިކަމާއި ލަދުވެތިކަމެވެ. ނަމަވެސް އެ އުޅުން އަހަރެން މިހާރު ދޫކޮށްލައިފީމެވެ. ކުރެވުނީ ކުށެއްކަން ޤަބޫލުކޮށް ތައުބާ ވެއްޖައީމެވެ. ކުރެވުނު ހުރިހާ ކުށް ފާފަތައް އަފޫކޮށްދެއްވާތޯ އަބަދުވެސް ދުއާ ކުރަމެވެ.

މަންމައާއެވެ. ބައްޕައާއެވެ. އަހަރެންނަށް މައާފް ކުރާށެވެ. މަންމަމެން އުންމީދު ކުރިފަދަ މާތް ދަރިއަކަށް އަހަންނަކަށް ނުވެވުނެވެ. މަންމަމެން އަހަރެން ބަލާބޮޑުކޮށްފައި މި ހުރީ ކިހައި ލޯބިންކަން އަހަންނަށް މިހާރު އެނގެއެވެ. ދީނީ ހުރިހާ ކަމައް އަހަރެންނަށް ދަސްކޮށްދީގެންނެވެ. އެ ހުރިހައި ކަމެއް ހިނދުކޮޅެއްގެ ތެރޭގައި އަހަންނަށް ހަނދާން ނައްތާލެވުނީ ދުނިޔޭގެ ލައްޒަތާއި އަރާމުގެ އަވައިގައި ޖެހިގެންނެވެ. ވެދިޔަ ކަންތައް ވެގެން ދިޔައިރު ވަގުތު ފާއިތުވެއްޖެ އެވެ. ކުށްކުރެވެނީ އިންސާނުންނަށެވެ. އެހެންކަމުން އަހަރެން ބޭނުން ވަނީ އަދި އިތުރު ފުރުސަތަކަށެވެ. މަންމަ އާއި ބައްޕަގެ ލޯބި އަދި އެއްފަހަރު އަހަންނަށް ލިބިދާނެތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    ހެޔޮވިސްނުން ދެވެވީތީ މާތްﷲ އަށް ޝުކުރުވެރިވަން.ގިނަގިނައިން ހެޔޮއަމަލުތަށްކޮ ދުއާކުރުން މަތީގާދެމިތިބުން އެއީ އެކަހަލަ ފާފަތަކުން މީހާދުރުކޮއްދޭކަމެއް.

    307
    5
  2. ރަދީފް ހުސެން

    ކުރެވުނު ކަމަކައް ވަގުތު ފާއިތު ނުވަނީސް ހެޔޮނިއަތުގައި ތައުބާވެ ރަންގަޅުގޮތް ވިސްނި އެގޮތުގައި ދެމިހުންނަން ގަދަ އަޅާ މަސައްކަތްކުރާށެވެ. އެކަމު އަދި ރަނގަޅު ކޮއްލަން ޖެހޭ ކަމެއް އެބައޮތް، އެއީމީގެ ކުރިން ތިއުޅެވުނު ނުބައިގޮތުގެ ވާހަކަ ދެން މީހުންގާތު އިތުރަށް ނުދައްކާ އެކަން ދެންވަންހަނާ ކުރޭށެވެ. ތިފަރާތާ ﷲ ދެމެދު އެކަން ބާއްވާށެވެ. މީ ތިމާގެ ރަންގަޅަކައް ބުނާއެއްޗެކެވެ.

    171
    2
  3. މުނިމާމަ

    ތިހެން ކުރެވޭ ފާފަތަކުގެ ވާހަކަ މީޑިއާ މެދުވެރިކޮށް ގެނައުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް

    99
    3
  4. ޕަރީ

    ފާފައެއް ކުރެވުނީމަ އެކަން އިސްތިހާރު ކުރަންތަ މީޑިއާއަށް ތި ކިޔާ ދިނީ؟ އެވާހަކަ ނު ދައްކާ ﷲ އަށްޠައުބާ ވީމަ އެ ނިމުނީ. އެކަލާނގެ އިރާ ދަ ކުރައްވާ މީހަކަށް ފުއްސަވާ ދެއްވާނެ

    21
    2