އިނގިރޭސިވިލާތުގައި އަންހެނަކު ނިދަންވެގެން އުއްބައްތިއެއް ރޯކޮށްގެން އޮއްވައި މަރުނުވެ ކިރިޔާ ސަލާމަތްވެއްޖެއެވެ.

ފަރާ ލޮރެލް ކިޔާ އަންހެނަކު ވަނީ އޭނާ ނިދަން ވެގެން އުއްބައްތި ރޯކުރި ގޮތާއި، އަދި އެކަމުގެ ސަބަބުން އޭނާގެ ފުއްޕާމެއަށް ކުރި އަސަރާއި، އޭގެ ސަބަބުން ނޭވާ ނުލެވިގެން އޮކްސިޖަން މާސްކު އަޅަން ޖެހުނު ވާހަކަ މީސްމީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

ފަރާ ކިޔާދިން ގޮތުގައި އޭނާ 'ހޯމްސެންސް' ސްޓޯރުން 'ކްރެންކްލް ވިކް' ބާވަތުގެ އުއްބަތިއެއް ގަނެގެން ގެއަށް އައިސް، އުއްބައްތި ރޯކުރީއެވެ. އަދި ގަޑިއިރެއްހާއިރު ވަންދެން ފެންވެރުމަށްފަހު، އުއްބައްތި އެނދު ކައިރީގައި ބަހައްޓާ އޭނާ އިރުކޮޅަކަށް ނިދަން ޖައްސާލިއެވެ. ފަރާ ބުނިގޮތުގައި އޭނާ ހޭލިއިރު ނޭފަތުގައި ހުރީ ކަޅު ދެއްޔެވެ. އޭނާ ކެއްސަންވެސް ފެށިއެވެ. ކެއްސާއިރު އަންނަނީ ކަޅު ވިހަ ރޯގައެކެވެ. އަދި ފަރާ އަށް ނޭވާލާންވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

އޭނާ ވަގުތުން އެމަޖެންސީ ފަރުވާ ދޭ މެޑިކުންނަށް ގުޅިއެވެ. އެމީހުން އައިސް ފަރާ އޮކްސިޖަން މާސްކު އެޅުވިއެވެ. ފަރާއަށް އެމީހުން ބައިގަޑި އެއްހާއިރަށް 10 ލީޓަރުގެ އޮކްސިޖަން ފަރުވާ ދިނެވެ.

ސިއްޙީ ފަރުވާ ދޭ މީހުންގެ ފަރާތުން ފަރާ އަށް ފަހުން މަޢުލޫމާތު ލިބުނު ގޮތުން އޭނާ އެލާމް ޖައްސައިގެން ނިދަން އޮށޯތްނަމަ، އޭނާ މިހާރަކު 'ދުނިޔޭގައި ނުހުންނާނެއެވެ'.

ފަރާ ނިދަން އޮށޯންނަމުން އެލާމަށް ޖެއްސީ ރޭގަނޑު 9 ޖަހާއިރު ތެދުވާން ވެގެންނެވެ. ނަމަވެސް، އޭނާގެ ނަސީބުން އޭނާއަށް 7:30 ވީއިރު ހޭލެވުނެވެ.

"ވަރަށް ޚާއްސަ ފަރުވާލެއް ބަހައްޓަން ޖެހޭނެ ފިނި ދުވަސްވަރެއްގައި، ބަންދު ބޮޑު ތަނެއްގައި، ބޮޑު އުއްބައްތިއެއް ރޯކުރާއިރު. ކުދިން ތިބޭނަމަ އަދި ވަކިން ބޮޑަށް. ނަސީބަކުން އަހަރެން އެކަނި ހުރީ. ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން އަހަރެންނަށް ކުއްލި ފަރުވާދިން ހުރިހާ މެޑިކުންނަށް،"ފަރާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު