ދަރިންނަކީ މާތްﷲ އިންސާނުންނަށް ދުނިޔެމަތީގައި ދެއްވާ އެންމެ ބޮޑު ނިޢުމަތް އަދި ނަސީބެވެ. ދަރިންގެ ސަބަބުން އާއިލީ ދިރިއުޅުން ބާއްޖަވެރިވެ ހަޔާތަށް އުފާވެރިކަން ގެނުވާއިރު، ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމެއްގެ ތެރެއިންވެސް ދަރިން އުފާވެރިކޮށް ބައިތިއްބައި އެކުދިންގެ ހައްގުތައް އަދާކޮށް ލޯތްބާއި އަޅާލުން ދޭން ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ބޭނުންވާނެއެވެ.

އެހެން ނަމަވެސް ބައެއް ފަހަރު ދިރިއުޅުމުގައި ކަންތައް ދިމާވަނީ ހީވެސް ނުކުރާ ގޮތް ގޮތަށެވެ. އަމިއްލަ ދަރިންގެ ދިރިއުޅުން ބާއްޖަވެރި ކުރުމުގެ ބާރު ގެއްލި ގޮތް ބޮޑެތި އިމްތިހާންތަކާއި ކުރިމަތިވާ މީހުންގެ އަދަދު މަދެއް ނޫނެވެ. މިއީ ވެސް އެފަދަ އާއިލާ އެކެވެ.

ސ. ހިތަދޫ އުމުރުން 54 އަހަރުގެ އިބްރާހިމް މޫސާއާއި އޭނާގެ އަންހެނުން ސ. ހިތަދޫ އުމުރުން 49 އަހަރުގެ ޝާދިޔާ ހަސަން އަކީ އެފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ދެމަފިރިންނެކެވެ.

އިބްރާހިމް މޫސާ އަކީ އުމުރުން 16 އަހަރުުގައި މާލެ އައިސް, މާލޭގައި އެކި ބާވަތް ބާވަތުގެ ވެހިކަލް ދުއްވުމުގެ މަސައްކަތުގެ ތެރެއަށް ވަން ހީވާގި މީހެކެވެ. އޭރު އޭނާއަށް މުސާރައަށް ލިބުނީ މަހަކު 300 ރުފިޔާއެވެ. ނަމަވެސް އެ މަސައްކަތުގައި ގިނަ ދުވަސް ހޭދަކޮށް އެކަމުގެ ތަޖުރިބާކާރަކަށް އޭނާވިއެވެ. އެގޮތުން އައްޑޫ އާއި މާލޭގައި އޭނާ އުމުރުގެ ބޮޑުބައިގައި ކާރާއި ލޮރީ އަދި ޕިކަޕް ފަދަ އުޅަނދުތައް ދުއްވައި އުޅުނެވެ.

އެ މަސައްކަތުގެ އުޅުމުގެ ތެރޭގައި 2008 ވަނަ އަހަރުގެ ފަހުކޮޅު އޭނާގެ ލޮލުގައި ނެގި މަސްކޮޅެއް ޑޮކްޓަރަަށް ދެއްކުމަށް އޭނާ އައިޖީއެމްއެޗްއަށް ދިޔައެވެ. އޭނާ ބުނީ އޭނާގެ ލޯ ދެއްކީ ޕާކިސްތާނުގެ ޑޮކްޓަރަކަށް ކަމަށެވެ.

"އޭނަ ލޭޒާ އަލި އަރުވާލީމަ އަޅުގަނޑަށް ހަމަ ހީވީ ގައިގައި އަލިފާން އެއްޗެއް ޖެހުނީ އޭ.. ނުލާހިކު އަލިގަދަކޮށް ލޭޒާ އެޅުވީ. ލޮލުގެ ނާރު އެއްކޮށް އަނދައިގެން ދިޔައީ އެދުވަހަށް ފަހު." އިބްރާހިމް ބުންޏެވެ.

އެއާއެކު އިބްރާހިމްގެ ދުނިޔެ އަނދިރިވެގެން ދިޔައީއެވެ. މިއަދާއި ހަމައަށް ވެސް އޭނާގެ ލޮލުން އެއްވެސް އެއްޗެއް ނުފެނެއެވެ. އަދި އޭނާގެ ލޮލަށް ފަރުވާ ހޯދޭނެ މަގެއްވެސް ފެންނާކަށް ނެތެވެ.

އޭގެފަހުން އެތައް އަހަރެއް ފާއިތުވެފައިވާ އިރު އަނެއްކާވެސް އިބްރާހިމްގެ ހަޔާތަށް މިވަނީ އަނދިރިކަމެއްގެ ހިޔަނިއެޅިފައެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ޝާދިޔާ ހަސަންގެ މުޅިގައިން މިހާރު ވަރުދެރަވެފައިވާއިރު، މީހެއްގެ ވަރަށް ބޮޑު އެހީތެރިކަމަކާއި ލައިގެން ނޫނީ އެއްވެސް ގޮތަކަށް ހަރަކާތްތެރިވެއެއް ނޫޅެވެއެވެ.

"މީގެ ގާތްގަނޑަކަށް ވިއްސަކަށް މަސް ކުރިން، އަޅުގަނޑުގެ އަންހެނުން، ކުރިން އެއްވެސް ބައްޔަކަށް ބޭސް ކުރާ މީހެއް ނޫން. ހަމަ ކުއްލިއަށް ގޭ ދޮރުމަތީގައި ހުއްޓާ ވެއްޓުނީ. ވެއްޓުނުގޮތައް ދެން އަތް ބިންދައިގެން އަތްތިލައިގެ ހުޅުން ބިންދައިގެން ދިޔައީ. ދެން ދިޔަައީ ހިތަދޫ ހޮސްޕިޓަލަށް." އިބްރާހިމް ކުރިން "ވަގުތު" އަށް ކިޔައިދިނެވެ.

ހިތަދޫ ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލުން ލަފާ ދިނީ ވީހާވެސް އަވަހަށް އޭނާ ގޮވައިގެން މާލެ ދިއުމަށެވެ. ނަމަވެސް މާލެ ދެވޭނެ ގޮތެއް ހަމަ ނުޖެހި ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. އިބްރާހިމް ބުނީ އޭނާގެ އަންހެނުންގެ އަތުގައި ޕްލާސްޓާ އެޅުވުން ނޫން އެހެން އިތުރު ފަރުވާއެއް ދިން ކަމެއް އެނގިފައި ނުވާ ކަމަށެވެ. މާލެއަށް ގެންދެވޭނެ އެހެން ގޮތެއް ނެތުމުން މީހުން ގާތުގައި އެހީއަށް އެދިގެން ހޯދި ފައިސާއިން އިބްރާހިމް އޭނާގެ އަންހެނުން ގޮވައިގެން މާލޭގެ އައިޖީއެމްއެޗް އަށް ގެންދިޔައެވެ. އަދި އެތަނުގައި އަތް އޮޕަރޭޝަން ކުރިއެވެ.

"ދެން ރަށަށް އައިސް އެހެން ހުއްޓާ ކުއްލިއަކަށް އެއް ދުވަހު ހެނދުނު، މީނަ ނިދާ ހޭލައި އަޅުގަނޑު ކައިރީގައި ބުނެފި ތިމަންނައަކަށް ނުތެދުވެއޭ. ދެން މީނައަށް ވާހަކަވެސް ނުދެއްކުނު. ހަރަކާތެއްވެސް ނެތި ހުއްޓިއްޖެ މީނަ. މަންމަނުން ވާހަކަ ދައްކާ ގޮތައް އަތުން މި ހަރަކާތް ކުރަނީ." އިބްރާހިމް ކިޔައިދިނެވެ.

އެއަށްފަހު ޝާދިޔާ ހިތަދޫ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކައި ކަމަށް އިބްރާހިމް ބުންޏެވެ. އަދި އެކަމަށް ފަރުވާ ކުރަން ރުގުޔާ ކުރަންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ އެކަހަލަ މައްސަލައެއް ނޫންކަން އެނގުނެވެ.

އިބްރާހިމް ބުނީ އޭނާގެ އަންހެނުން އިށީންނާނެ ފުރޮޅުލީ ގޮނޑިއެއްވެސް ހޯދީ ބޭސްފިހާރައެއްގެ ވެރިފަރާތުގެ ގާތުގައި ބުނެގެން ކަމަށެވެ. އަދި އެހީއަށް އެދި ޖެންޑާ މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއަށް ވެސް ލިޔުން ހުށަހަޅާފައިވާނެ ކަމަށް އިބްރާހިމް ބުންޏެވެ. މީހެއްގެ ގާތުގައި އާދޭސްކޮށްގެން މާލެ އައުމަށް ދެކޮޅު ޓިކެޓު ހޯދައިގެން އިބްރާހިމް ދާދި ފަހުން ވަނީ އެންސްޕާއަށް ވެސް ލިޔުން ހުށަހަޅާފައެވެ

އިބްރާހިމް އާއި އޭނާގެ އަންހެނުންގެ އެންމެ ދޮށީ ދަރިފުޅު، ރަހްމާ އިބްރާހިމްގެ އުމުރަކީ 18 އަހަރެވެ. އެ ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ދެވަނައަށް އެންމެ ދޮށީ ދަރިފުޅު ޝަޒްރާ އިބްރާހިމްގެ އުމުރުން 16 އަހަރެވެ. އަދި އެންމެ ހަގު ދަރިފުޅު ލަމްހަތު އިބްރާހިމްގެ އުމުރުން 14 އަހަރެވެ. މިހާރު އެ ތިންކުދިން ދިރިއުޅެމުން ދަނީ އިބްރާހިމްގެ އަމިއްލަ ބިމުގައި އޭނާގެ އާއިލާއާއި އެހެނިހެން ގިނަ ފަރާތްތަކުގެ އެހީީތެރިކަމާއެކު އަޅާފައިވާ ކުޑަ ގެއެއްގައެވެ.

މިހާރު ދަރިންގެ ކަންތައް ބަލަހައްޓަމުން ދަނީ އިބްރާހިމްއެވެ. ނަމަވެސް އެއީ އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާއަށް އެންމެ ފުރިހަމައަށް އަދާ ކުރެވޭ މަސައްކަތެއް ނޫނެވެ.

ދިވެހި ރައްޔިތުން އިބްރާހިމްގެ ޝާދިޔާއަށް ފޯރުކޮށްދިން އެހީގައި އޭނާ އިންޑިއާއިން ތިން ފަހަރެއްގެ މަތިން ވަނީ ފަރުވާ ހޯދާފައެވެ. އަދި އިންޑިއާއިން ޝާދިޔާ ހޯދި ފަރުވާއިން އޭނާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމުގައި ޝާދިޔާގެ ފިރިމީހާ އިބްރާހިމް މޫސާ ބުނެއެވެ.

"އަޅުގަނޑުގެ އަންހެނުންނަށް ފުރަތަމަ ފަރުވާ ހޯދީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުން، އެތަނުން ދިން ބޭސް ކައިގެން އަންހެނުން ވަރަށް ބޮޑަށް ބަލިވި. އަދި ފަހުން އިންޑިއާއަށް ގޮސް ދެއްކީ އަނަންދަ ޕޫރީގެ ހޮސްޕިޓަލަކަށް. އެ ތަނުން އަންހެނުން ބެލީ ވަރަށް މޮޅު ޑޮކްޓަރެއް. އެ ޑޮކްޓަރ ދިން ބޭސް ކާން ފެށިފަހުން މިހާރު ހަމަ އެއްކޮށް ކަހަލަ ގޮތަކަށް އަންހެނުންގެ ހާލަތު ރަނގަޅުވި" އިބްރާހިމް މޫސާ ބުންޏެވެ

އަދި އަންހެނުން، ސާދިޔާއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން އެއްކޮށް އަރައިގަތުމަށް އަންނަ މަހުގެ ތެރޭގައި އަލުން އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށް އިބްރާހިމް މޫސަ ބުންޏެވެ.

އެހެންކަމުން އަލުން އިންޑިއާއަށް ގޮސް އަންހެނުން ޝާދިޔާ ހަސަންއަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިބްރާހިމް މޫސާ އާއި އޭނާގެ އާއިލާއިން އަނެއްކާވެސް މިވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ.

ބޭސް ފަރުވާ އާއި އިންޑިއާގައި ހުރުމުގެ ހުރިހާ ހަރަދެއް އަމިއްލަ ޖީބުން ކުރަން ޖެހިފައިވުމުން ކުރިން އެހީގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށް ހުސްވެފައިވާ ކަމުގައި އިބްރާހިމް މޫސާ ބުނެއެވެ.

މިހާތަނަށް ލޯބިވާ އަނބިމީހާއަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްކަށް އިބްރާހިމް ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

އިބްރާހިމް މޫސާއަށް ދިމާވެފައިވާ ދަތި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޯން ނަމްބަރު 7607740 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އިބްރާހިމް މޫސާގެ ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓް ނަމްބަރު 7708387078101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ

މާތް ﷲ ޝާދިޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އިބްރާހިމްއާއި އޭނާގެ އަންހެނުން ޝާދިޔާގެ ތިން ދަރިންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާށިއެވެ! އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޮނިފުހޭ

    ﷲއަށް ޓަކައި ތިބާ ދީފިނަމަ ﷲ ތިބާ އަށް ދެއްވަވާނެއެވެ އިހްސާންތެރިވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގަންނަވައެވެ

    83
  2. ....

    އާމީން

    37
  3. ޖަނާ

    އާމީން

    30
  4. ސާފު

    މިއީ ސަރުކާރުން ހަގީގަތުގަ އެހީތެރިކަންދޭންޖެހޭ ނިކަމެތިންނަކީ. މިފަދަ އާއިލާތަކަށް ބޯހިޔާވަހިކަމާއި މާލީއެހީތެރިކަން ދޭންވީ އެކި ނަންނަމުގަ ޕޮލިސީތައް ހެދުމުގެ ބަދަލުގަ

    41
  5. ޥިންދު

    ފެނުމުގެ ޙިއްޞު ނެތް ނަމަވެސް ދެން ހުރި ޙިއްޞުތައް ސަލާމަތުން ތިބެމެ ﷲގެ ވާޖިބުތައް އަދާނު ކުރަނީ ކީއްވެބާ. ރިޒުޤު ދެއްވަވަނީ ﷲ.

    8
    3
  6. ފިލާވަޅު

    ކޮބާތޯ ދަޢުލަތެއްގެ ބޭނުމަކީ؟ މިދާއިރާގެ މެންބަރުކޮބާބާ؟

    7
    2
  7. މާމިގިލީ މީހާ

    ސަރުކާރުން މިކަހަލަ ހާލުގައިޖެހިފަ ތިބޭ މީހުންނައް އެހީތެރިވާން ޖެހޭ. މި ރާއްޖޭގަ މިކަހަލަ ކިތައް ނިކަމެތިން މިހާރުވެސް އެބަ ތިބި. އެކިއެކި ރައް ރަށު. . ސަރުކާރުން މި މީހުންގެ ކަންކަން ކައިރިން ބަލާ އެހީތެރިކަން ފޯރުކޮއްދީ ބަލަ. ވެރިކަމާއި މުއްސަދިކަމަކީ މާތް ﷲހަޒުރަތުން ދެއްވާ އެއްޗެއް. މިކަހަލަ ނިކަމެތިންނައް އެހީތެރިވާން ދެއްވާ އެއްޗެއް.

  8. މާމިގިލީ މީހާ

    ސަރުކާރުން މިކަހަލަ ހާލުގައިޖެހިފަ ތިބޭ މީހުންނައް އެހީތެރިވާން ޖެހޭ. މި ރާއްޖޭގަ މިކަހަލަ ކިތައް ނިކަމެތިން މިހާރުވެސް އެބަ ތިބި. އެކިއެކި ރައް ރަށު. . ސަރުކާރުން މި މީހުންގެ ކަންކަން ކައިރިން ބަލާ އެހީތެރިކަން ފޯރުކޮއްދީ ބަލަ. ވެރިކަމާއި މުއްސަދިކަމަކީ މާތް ﷲހަޒުރަތުން ދެއްވާ އެއްޗެއް. މިކަހަލަ ނިކަމެތިންނައް އެހީތެރިވާން ދެއްވާ އެއްޗެއް..