މަގުމަތީގައި އެކަނިވެފައިވާ މާބަނޑު އަންހެނަކަށް އެހީވެދީ، ގަޑިއަށް ހޮސްޕިޓަލަށް ގެންގޮސްދިން ފުލުހުންތަކަށް އެތައް ބަޔަކު ތައުރީފު ކުރަމުން އެބަދެއެވެ.

ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަވަށްޓެރި އިންޑިޔާގެ މުމްބާއީގެ ގަޓްކޯޕަރުގައި އިން، މާބަނޑު އަންހެނަކަށެވެ. ގެދޮރު ނެތް މި އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެމީހާ ވިހެއުމުގެ ވޭން ތަހަންމަލު ކުރަމުން ދިޔަ ވަގުތުއެވެ.

އިންޑިޔާގެ މަޝްހޫރު ޓެބްލޮއިޑު ނޫހެއްކަމަށްވާ "އިންޑިޔާ ޓައިމްސް" އިން ބުނެފައިވާ ގޮތުގައި މަގެއްގެ މަތީގައި އެކަނި، ވިހެއުމުގެ ތަދުގައި އިން އަންހެނެއްގެ މައުލޫމާތު ފުލުހުންނަށް ދީފައިވަނީ ކޮންމެވެސް ފަރާތަކުން، ފުލުހުންގެ ކޮންޓްރޯލް ރޫމަށް ގުޅާފައެވެ.

ކޮންޓްރޯލް ރޫމަށް މައުލޫމާތު ދިނުމުން، އެސަރަޙައްދުގައި ހަރަކާތްތެރިވި ފުލުހުން، އެއަންހެން މީހާއަށް އެޓެންޑްކޮށް، އެމީހާއަށްވަނީ ވަރަށް ރަނގަޅަށް ކަންތައް ކޮށްފައެވެ. އަންހެން ފުލުހުންގެ އެހީތެރިކަމާއި ބެލުމުގެ ދަށުން، އެމީހާ ހޮސްޕިޓަލަށް ގެންގޮސް، ވިހެއުމުގެ ކަންކަންވެސް ފުލުހުން ބަލާފައިވެއެވެ. އަދި، އެމީހާވަނީ ސިއްހަތު ރަނގަޅު ފިރިހެން ކުއްޖަކު ވިހާފައެވެ.

ފުލުހުންނާ ހަވާލާދީ އިންޑިޔާ ޓައިމްސް ނޫހުން އިތުރަށް ބުނެފައިވަނީ އެމީހާގެ ނަން މިހާރު ހޯދިފައިވާކަމަށެވެ. އޭގެ އިތުރުން، އެމީހާގެ އާއިލާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު