ހިތްހަމަޖައްސަން މީހުން މީހުން މެރި އޮސްޓްރޭލިއާގެ ސީރިއަލް ކިލާއެއް ކަމަށްވާ އިވާން މިލަޓް ކެންސަރު ބަލީގައި ވޭންދެނެވި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ޖަލުގައި މަރުވެއްޖެއެވެ.

އިވާން ވަނީ 1990 ގެ ކުރީކޮޅު ހަތް މީހަކު މަރާލާފައެވެ. އޭނާ މަރާފައި ވަނީ ޖަރުމަންވިލާތާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއަ އަށް ނިސްބަތްވާ މީހުންނެވެ. މަރުވިއިރު އިވާންގެ އުމުރަކީ 74 އަހަރެވެ.

އިވާންގެ އަނިޔާވެރިކަމުގެ ސަބަބުން އޭނާގެ އަތްދަށުވެ މަރުވެފައި ވަނީ މުޅިން ވެސް ޗުއްޓީ ހޭދަކުރުމަށް އުޅުނު މީހުންނެވެ. ހައިކިން އަށް ނިކުމެ އުޅުނު ބެކްޕެކާސް މަގުމަތިން ފެނުމުން އެމީހުން އެކި ތަންތަނަށް އޭނާގެ ވެހިކަލްގައި ގެންގޮސް ދޭނެ ކަމަށް ބުނެ ވެހިކަލަށް އަރުވައިގެން ގެގޮސް އެމީހުން ވަނީ މަރާލާފައެވެ.

އިވާންގެ އަތްދަށުވެ މަރުވެފައި ވަނީ ޖަރުމަންވިލާތުގެ ތިން މީހަކާއި އިނގިރޭސިވިލާތުގެ ދެމީހަކާއި އޮސްޓްރޭލިއާގެ މީހެކެވެ.

އިވާންގެ މައްޗަށް ތުހުމަތުތަކެއް ކުރެވި ފުލުހުން އޭނާ އާއި ސުވާލު ކުރަން ފެށީ 1992 ވަނަ އަހަރު ސިޑްނީގެ ސަރަހައްދަކުން މީހެއްގެ ހަށިގަނޑު ފެނުމުންނެވެ. އިވާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިއުތިރާފުވެ އޭނާ ވަނީ މީހުން މެރިގޮތް ކިޔައި ދީފައެވެ.

ހަތް މީހުންގެ މަރުގެ ޒިންމާ އީވާން އުފުލާފައި ވީނަމަވެސް އަދި އިތުރު ބައެއް މީހުން މެރި ކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެ ތުހުމަތުތަކާއި ގުޅޭ އެކަށީގެންވާ ހެކިތަކެއް ލިބިފައެއް ނުވެއެވެ.

ފުލުހުންނަށް އީވާން ކިޔައިދީފައިވާ ގޮތުގައި އޭނާ މީހުން މަރާފައި ވަނީ އަމިއްލަ ހިތްހަމަޖެހުމަށެވެ. މީހުން މެރުމުން ހިތައް ހަމަޖެހުން ލިބޭ ކަމަށާއި، މީހަކު މަރައި ނުލެވޭނަމަ އެއްވެސް އިތުރު ކަމަކާއި ނުވިސްނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އީވާން މަރުވީ ބަނޑަށް ޖެހުނު ކެންސަރެއްގެ ސަބަބުންނެވެ. އޭނާގެ އެންމެ ފަހު ވަގުތުތައް ފެނުނު މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އީވާން މަރުވިއިރު އެއްވެސް އެއްޗެއް ނުކެވޭތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. "އެއްވެސް އެއްޗެއް އޭނާ އަކަށް ނުކެވޭ. އެއްވެސް އެއްޗެއް ނުބޮވޭ. ވާހަކައެއް ނުދެއްކޭ. ވަރަށް އުނދަގޫ ހާލަތެއްގައި އުޅެފައި އޭނާ މަރުވީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

އީވާންގެ މަރާއި ގުޅިގެން އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުންގެ އާއިލާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު