މިއީ ޓެކްނޮލެޖީގެ ޒަމާނެވެ. ކޮންމެ ކަމެއްވެސް ފޯނުގެ ޒަރިއްޔާ އިން އަދުގެ ޒުވާނުން ކުރަމުން އަންނައިރު ފޭސްބުކާއި އެނޫންވެސް މީސް މީޑިއާގެ ވަސީލަތްތައް ވެފައި މިވަނީ ކޮންމެ މީހެއްގެވެސް އެންމެ ގާތް އެކުވެރިޔާ ކަމުގައެވެ.

ރާއްޖޭގައިވެސް މިހާރު އަރަމުން މި އަންނަ ޖީލުގައި ކޮންމެ މީހަކުހެން ފޭސްބުކް ބޭނުން ކުރާއިރު ބައެއް މީހުން ކުރާ ވަރަށް ނުރަނގަޅު ކަމެއް އޮވެއެވެ. އެއީ ކުރާ ހުރިހާ ކަމެއް މީސް މީޑިއާގައި ހިއްސާ ކުރުމެވެ.

މިގޮތުން ބައެއް މީހުން އެމީހުން ތަންތަނަށް ދަތުރުފަތުރު ކުރާއިރު އެ ދާ ތަނަކާއި ފުރާ ތަނެއް ބަޔާންކޮށް ސްޓޭޓަސް ތަކާއި ޗެކިންތައް ވާއިރު، އަނެއް ބަޔަކު ކިތަންމެ ކުޑަކުޑަ ކަމެއް ވިޔަސް ސްޓޭޓަސްތައް ޖަހައެވެ. "އީޓިންގް ސުޕާރީ ވިތް (މިވެނި މީހެއް) އެންމެ 99 އަދާސް" މިހެން ސްޓޭޓަސްތައް ޖަހާ މީހުންވެސް އުޅެއެވެ.

ފޭސްބުކުގައި ޓެގު ކުރާނީ އެބަޔަކާއި އެއްކޮށް އެކަމެއް ކުރާނަމައެވެ. ތިމާ ދަންނަ ހުރިހާ އެންމެން ޕޯސްޓުތަކުގައި ޓެގް ކުރުމުން އެމީހުންނަށްވެސް އޭގެން އުނދަގޫވާނެކަން ދަންނާށެވެ. މީސް މީޑިއާގައި ތިމާ ކުރާ ހުރިހާ ކަމެއް ހިއްސާ ކުރުމުން އެއީ ސަލާމަތީ ގޮތުން ބެލިއަސް ރައްކާތެރި ކަމެއް ނޫނެވެ.

އެއީ މިސާލަކަށް މީހަކު ތިމާ އަށް ނުވަތަ އާއިލާގެ މީހަކަށް ގެއްލުމެއް ދިނުމަށްޓަކައި ފާރަލަމުން ގެންދާއިރު މިގޮތަށް އެފްބީ ސްޓޭޓަސްތައް ޖެހުމުން އެއީ އެފަދަ މީހުންނަށް ފަސޭހަ ކޮށްދިނުމެވެ. ހަގީގީ އުފާވެރިކަން ލިބޭނީ މީހުންނަށް ނާންގައި ކަންކަން ކުރުމުންނެވެ. މިގޮތަށް ކިރިޔާ ކަމެއް ވާއިރަށްވެސް ސްޓޭޓަސް ޖަހާ މީހަކު އެނގޭ ހެއްޔެވެ؟ އަނެއްކާ ތިއީ އެއިން މީހެއް ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ އެކަން އަވަހަށް ހުއްޓާލުމަށް ވިސްނާށެވެ.